ކޯވިޑް19އާ ގުޅިގެން މާލެ ފުރަބަންދުކޮށްފައިވާ މުއްދަތު އަނެއްކާވެސް އިތުރުކޮށްފިއެވެ.
ފުރަބަންދުގެ މުއްދަތު އަނެއްކާވެސް އިތުރުކޮށްފައި މި ވަނީ އެންމެ ފަހުން ފުރަބަންދަށް އިތުރުކުރި ދެ ހަފްތާގެ މުއްދަތު މިއަދަށް ހަމަވުމާ ގުޅިގެންނެވެ. ފުރަބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ މިއަދުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ފުރަބަންދަށް ލުއިތަކެއް ދިނުމަށް ނިންމަވާފައިވާކަމަށްވެސް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިމަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށް ފުރަބަންދުގެ މުއްދަތު އިތުރުކުރުމާއެކު ތިރީގައިވާ ފިޔަވަޅުތައް އެޅުމަށްވެސް އެޗްޕީއޭއިން ވަނީ އަންގަވާފައެވެ.
އޭގެތެރޭގައި ހިމެނެނީ:
• ޟަރޫރީ ބޭނުންތަކަށް ބޭރަށް ނުކުތުމަށް ދޫކުރެވޭ ހުއްދަތައް ދިނުން އިތުރުކުރުން
• ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށް (އެހީތެރިޔަކު ބޭނުންވާނަމަ އެ މީހަކާއެކު) ހުއްދަލިބިގެން، ފަތިހު 5:00 އާއި ހެނދުނު 8:00 އާ ދެމެދު 3 ގަޑިއިރަކަށް ގެއިން ބޭރަށް ނުކުމެއުޅުން
• މީހުން، އެއް ތަނުން އަނެއް ތަނަށް ގެންދިޔުމަށް ޓެކްސީތަކަށް ހުއްދަ ދިނުން އިތުރުކުރުން
• މާލެއާއި ތިލަފުށްޓާ ދެމެދު މުދާ އުފުލުމަށް ދަތުރުކުރުމުގެ ހުއްދަދިނުން އިތުރުކުރުން
• ހުއްދަ ލިބިގެން ސިނާޢީ މަސައްކަތްކުރާ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުން އެ މަސައްކަތެއް ކުރުމަށް ކަނޑައެޅިފައިވާ ތަނަކަށް ދިޔުމާއި، އެމީހުން ދިރިއުޅޭ ތަނަށް އެނބުރި އައުން
• މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން ކަނޑައަޅައި އާންމުކުރާ އުސޫލެއްގެ ދަށުން ފިހާރަތަކާއި އަމިއްލަ އޮފީސްތައް ހުޅުވުން
• ކޮންސްޓްރަކްޝަން މަސައްކަތްތައް، މާލޭ ސިޓީ ކައުންސިލާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ކަނޑައަޅާ ގޮތެއްގެ މަތިން، އެފަރާތްތަކުގެ ހުއްދަ ލިބިގެން ކުރިޔަށް ގެންދިއުން
• ބޭންކުން ކަނޑައަޅާ އުސޫލުގެ ދަށުން ބޭންކުތަކުން ދެވޭ ޚިދުމަތްތައް އިތުރުކުރުން
• ޞިއްޙީ ޚިދުމަތާއި އެހެނިހެން އާންމު ޚިދުމަތްތައް ދިނުން އިތުރުކުރުން
މާދަމާއިން ފެށިގެން އިތުރަށް ލިބިގެންދާނެ ލުއިތައް މިރޭ ބާއްވާ ޕްރެސްކޮށްފަރެންސްގައި އިއުލާން ކުރާނެކަމަށް ބެލެވެއެވެ.
މާލެ ފުރަބަންދުކުރި ފަހުން ކޯވިޑް19 އަށް މާލެއިން ޕޮސިޓިވް މީހުންގެ އަދަދު ވަނީ ދަށަށް ގޮސްފައި އެވެ. އަދި ބަލިން ފަސޭހަވި މީހުންގެ އަދަދު ވަނީ އިތުރުވެފައި އެވެ. މާލެ ސަރައްދުގެ ފުރަބަންދުގެ މުއްދަތު އިތުރުކުރިއިރު މިއަދާ ހަމައަށް ރާއްޖޭގައި އެބަލި ޖެހުނު މީހުންގެ އަދަދު ވަނީ 1976އަށް އަރާފައެވެ. އެހެން ނަމަވެސް ބަލިން މިހާތަނަށް ފަސޭހަ ވި މީހުންނަށް ފަހު މިހާރު އެބަލީގައި ފަރުވާ ދެމުންދަނީ 813 މީހަކަށެވެ. މި ބަލީގައި ރާއްޖެއިން 8 މީހަކު މަރުވެފައިވެއެވެ.