ޚަބަރު

ޤައުމަށް ފޮނުވާލި ބަންގްލަދޭޝް މީހުންގެ އަދަދު 2000 މައްޗަށް


ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރާ މަސައްކަތުގެ ތެރެއިން މިއަދުވެސް ބަންގްލަދޭޝްގެ 200 ރައްޔިތަކުން އަނބުރާ ޤައުމަށް ފޮނުވާލައިފިއެވެ. މި އެންމެންވެސް ފޮނުވާލީ ޑާކާއަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓްގައެވެ.

މިއަދު މެންދުރު 200 ބަންގްލަދޭޝް ރައްޔިތުން ފޮނުވާލާފައިވާއިރު މިމަހުގެ 9 ވަނަދުވަހާއި މިމަހުގެ 5 ވަނަދުވަހުވެސް ޖުމްލަ 400 ބަންގްލަދޭޝް ރައްޔިތުން ވަނީ ފޮނުވާލާފައެވެ.

އެއްވެސް ލިޔެކިޔުމެއްނެތި ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް ކުރާ މަސައްކަތުގެ ދަށުން ކޮންމެ ހަފްތާއަކުވެސް މޯލްޑިވިއަންގެ ދަތުރުތައް ކުރަމުން އާދެއެވެ. މިއާއި އެކު ރާއްޖޭގައި ޤަވައިދާ ހިލާފަށް އުޅޭ ބަންގްލަދޭޝް ރައްޔިތުންގެ ތެރެއިން 2000 ވުރެ ގިނަ މީހުން މިހާރު ވަނީ އަނބުރާ ޤައުމަށް ފޮނުވާލާފައެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ ތެރެއިން ވާކް ވިސާ ނެތި ޤަވައިދާ ހިލާފަށް އެންމެ ގިނައިން އުޅެނީ ބަންގަލަދޭޝް އަށް ނިސްބަތްވާ މީހުންނެވެ. ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު 1976 އަރާފައިވާއިރު ބިދޭސީންގެ އަދަދު 1290 އަރައެވެ. މީގެތެރެއިން 1046 މީހުންނަކީ ބަންގްލަދޭޝް ރައްޔިތުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ ރައްޔިތުންގެ އިތުރުން އެހެން ޤައުމުތަކުގެ ރައްޔިތުންވެސް އަންނަނީ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އިންޑިއާ އަށް ނިސްބަތްވާ 2000 ވުރެ ގިނަ މީހުންވެސް ވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. އަދި ޕާކިސްތާނުގެ 40 ވުރެ ގިނަ ރައްޔިތުންވެސް ވަނީ އެމީހުންގެ ޤައުމަށް ފޮނުވާލާފައެވެ.

ޤަވައިދާ ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ކުރަމުން އަންނަ އިރު އަމިއްލަ ޤައުމަށް ދާން ބޭނުންވެ ދެވޭނެ ގޮތެއް ނެތިފައި ތިބި ބައެއް މީހުންވެސް އަންނަނީ ފޮނުވާލަދެމުންނެވެ. މިގޮތުން ޤަވާއިދާއި އެއްގޮތަށް އުޅުނު 300 ވުރެ ގިނަ މީހުން އެމީހުން އެދުމުގެ މަތިން ވަނީ ޤައުމަށް ފޮނުވައިދީފައިވާކަމަށެވެ.

ރާއްޖޭގައި ވޯކް ޕާމިޓާއި ނުލާ މަސައްކަތް ކުރާ 5000 ބިދޭސީން އަނބުރާ ޤައުމުތަކަށް ކުރިއަށް ތިން މަސްދުވަހުގެ ތެރޭގައި ފޮނުވާލާނެކަން ސަރުކާރުން ވަނީ ހާމަކޮށްފައެވެ.

މާލޭގައި ކޯވިޑް ބަލި ފެތުރެން ފެށުމާއި އެކު ބިދޭސީންނަކީ ބަލިމަޑުކަމުގައި ނުރައްކާ އެންމެ ބޮޑު އެއް އާބާދީކަމަށްވާތީ އެމީހުންގެ ޙާލަތު ވަރަށް ގާތުން ބަލަމުންދާކަމަށް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. އެއްތަނެއްގައި ތޮއްޖެހިގެން އުޅޭ ބިދޭސީންގެ ތެރޭގައި މިބަލި ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެފައިވާތީ މިވަގުތުވެސް 40 ވުރެ ގިނަ ތަނެއް ކޮންޓެއިންމެންޓް ސައިޓްތައްކަމަށް ބަލާ ވަދެ ނިކުތުން މަނާކޮށް އެތަންތަން އަންނަނީ ބަލަހައްޓަމުންނެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން އެމީހުންގެ ޤައުމަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނައިރު ރާޢްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން އަލުން ރަޖިސްޓަރ ކުރުމަށްޓަކައި ޚާއްޞަ ރެގިއުލަރައިޒްކުރުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައެވެ. އެގޮތުން މިފުރުސަތުގެ ދަށުން 40 ހާހަށްވުރެ ގިނަ ބިދޭސީން ރަޖިސްޓްރީކޮށްފައިވާކަމަށް އިކޮނޮމިކް މިނިސްޓްރީއިން ވަނީ ވިދާޅުވެފައެވެ.