ޚަބަރު

ކޯވިޑް-19 : ތަފާތުކުރުމެއް ނެތި ޞިއްޚީ ފަރުވާދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖޭ ހިމެނޭ


ތަފާތުކުރުމެއް ނެތި އެންމެނަށް ހަމަހަމަކަމާއެކު ކޯވިޑް-19 އާ ގުޅިގެން ޞިއްޚީ ފަރުވާދޭ ޤައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް އދގެ ހިއުމަން ރައިޓްސް ހައިކޮމިޝަނަރ މިޝެލް ބެޝެލޭ ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ ނަން-އެލައިންޑް މޫވްމަންޓްގެ ޖެނީވާ ޗެޕްޓަރގެ ވަރޗުއަލް ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުންނެވެ.

ހިއުމަން ރައިޓްސް ހައިކޮމިޝަނަރ މިޝެލް ބެޝެލޭ ވިދާޅުވީ މީހާ ނިސްބަތްވާ ޤައުމު ނުވަތަ އެމީހެއްގެ ނިސްބަތަށް ބެލުމެއް ނެތި ދިވެހިރާއްޖެއިން ކޯވިޑް-19 އާ ގުޅިގެން ޞިއްޚީ ފަރުވާ ފޯރުކޮށްދެމުންދާ ކަމަށެވެ. މި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓީ ނާމްގެ ރިޔާސަތު މިހާރު ބަލަހައްޓަމުން އަންނަ އަޒަރްބައިޖާންގެ ސަފީރެވެ.

ކޯވިޑް-19 އާ ގުޅިގެން ބޭސްފަރުވާކުރުމުގައި ރާއްޖޭގައި ތިބި ބޭރު މީހުންނަށްވެސް ވަކި ތަފާތުކުރުމެއް ނުގެންގުޅޭނެކަމުގެ ޔަޤީންކަން ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު މީގެ ކުރިން ވަނީ އަރުވާފައެވެ.

ކޯވިޑް-19 ގެ ފަރުވާގެ ކަންކަމުގައި ތަފާތުކުރުމެއް ނުގެންގުޅޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭއިރު، އިންސާނީ ހައްޤުތައް ހިމާޔަތްކުރުމުގެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހްގެ ސަރުކާރު އައި ފަހުން ރާއްޖެއަކީ މިސާލެއްކަމަށް މިދިޔަ އަހަރު އިންސާނީ ހައްޤުތަކާ ބެހޭ ހައިކޮމިޝަނަރ ފާހަގަކުރައްވާފައިވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖެއިން ޖެނީވާގައި ހުންނަ އދގެ އޮފީހަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބު ހާލާ ހަމީދު ވަނީ އިންސާނީ ހައްޤުތައް ހިމާޔަތްކުރުމަށް ހައިކޮމިޝަނަރގެ އޮފީހުން ކުރައްވާ މަސައްކަތަށް ދިވެހިރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.