ކޯވިޑްއަށްފަހު އެއަރލައިންގެ ދަތުރުތައް އަލުން ފަށާއިރު ފަސިންޖަރުންނަށް ދަތުރުމަތީގައި ބަނގުރާ ދިނުން ހުއްޓާލަން ބައެއް އެއަރލައިންތަކުން ނިންމައިފިއެވެ.
އެއަރލައިންތަކުގެ ދަތުރުތައް ހުއްޓާލުމަށްފަހު އަލުން ފަށާއިރު ގިނަ އެއަރލައިންތަކަކުން ދަނީ ފަސިންޖަރުންނާއި ކުރޫއިންގެ ރައްކާތެރިކަމަށް ގިނަ ފިޔަވަޅުތަކެއް އަޅަމުންނެވެ. މިގޮތުން ބައެއް އެއަރލައިންތަކުން ވަނީ ދަތުރުމަތީގައި ފަސިންޖަރުންނަށް ބަނގުރާ ދިނުން ހުއްޓާލަން ނިންމާފައެވެ. މިއީ ގައިދުރުކަން ބަހައްޓަންޖެހޭ ދަނޑިވަޅެއްގައި ބަނގުރާ ބޮއެގެން މަސްތުވެގެން ފްލައިޓްތެރޭގައި ދިމާވެދާނެ ހާދިސާއަކުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެކެވެ.
ބަނގުރަލުގެ އިތުރުން އެހެން ބުއިންތަކާއި ކެއުންތައްވެސް ދަތުރުމަތީގައި ފަސިންޖަރުންނަށް ފޯރުކޮށްދިނުން ވަނީ ލިމިޓްކޮށްފައެވެ. މިއީ ފަސިންޖަރުންނާއި ކުރޫއިން ކޮންޓެކްޓްވުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ. މީގެއިތުރުން ހުރިހާ ފްލައިޓްތަކެއްގައި މާސްކު އެޅުން މަޖުބޫރުކޮށްފައިވާއިރު، މާސްކް ނެގޭނީ އެއްޗެއް ކެއުމަށް ނުވަތަ ބުއިމަށެވެ. އެހެންކަމުން ދަތުރުމަތީގައި ފޯރުކޮށްދޭ އެކި ކަހަލަ ބުއިންތަކާއި ކާނާ ފޯރުކޮށްދިނުން ލިމިޓްކުރުމުން ފަސިންޖަރުން މާސްކު ނެގުންވެސް މަދުވާނެއެވެ.
އެއަރލައިންތަކުގެ ދަތުރުތައް އަލުން ފަށާއިރު އެކި ކަހަލަ ބުއިންތަކާއި ކެއުންތައް ދިނުން ލިމިޓްކޮށްފައިވާ އެއަރލައިންތަކުގެ ތެރޭގައި ޔޫރަޕާއި އެމެރިކާ ސަރަޙައްދުގެ ގިނަ އެއަރލައންތައް ހިމެނެއެވެ.