ޚަބަރު

ކޯވިޑް-19: ޕޮޒިޓިވްވި %84 ކުޑަކުދިން ބަލިން ރަނގަޅުވެއްޖެ


ކޯވިޑް-19ގެ ނުރައްކާ ރާއްޖޭގައި އަދިވެސް އޮތްއިރު، މި ބަލީގެ ނުރައްކަލަށް އެންމެ ބޮޑަށް ހެށަހެޅިފައިވާ އެއް ބަަޔަކީ ކުޑަކުދިންނެވެ. އެހެންނަމަވެސް ރާއްޖޭގައި މިހާލަތު ރަނގަޅޭ ދެންނެވިދާނެއެވެ. އެއީ މި އުމުރުފުރާގެ ކުދިންނަށް ބަލި ޖެހުނު މިންވަރު ދަށްވުމާއި ބަލި ޖެހުނު ކުދިންވެސް ބަލިން ޝިފާ ލިބިފައިވާ މިންވަރު އިތުރުވުމެވެ.

ނެޝަނަލް އިމަޖެންސީ އޮަޕަރޭޝަން ސެންޓަރ، އެންއީއޯސީއިން އެންމެ ފަހުން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ކޯވިޑް-19 ޖެހިފައިވާ 18 އަހަރުން ދަށުގެ 133 ކުދިން ތިބި އިރު މީގެ ތެރެއިން 84 އިންސައްތަ ކުދިން ވަނީ ބަލިން ރަނގަޅުވެފައެވެ. އެގޮތުން މިހާތަނަށް 112 ކުއްޖަކު ވަނީ މި ބަލިން ރަނގަޅުވެފައެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު އެންމެ ހަގު ކުއްޖެއްގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 11 ދުވަހުގެ ތުއްތު ކުއްޖެކެވެ. މިދިޔަ މަހުގެ 29 ވަނަ ދުވަހު ޕޮޒިޓިވްވި މި ކުއްޖާ އަދި މި ބަލިންރަނގަޅު ނުވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ޑޭޝްބޯޑުން ދައްކައެވެ.

ކުޑަކުދިންގެ ތެރެއިން ކޯވިޑް-19ގެ ޖެހިގެން އެންމެ ގިނައިން ރިކޯޑްކޮށްފައިވަނީ 12 އަހަރުގެ ކުދިންނެވެ. އެގޮތުން މިއުމުރުގެ 13 ކުއްޖަކަށް މި ބަލިޖެހިފައިވާއިރު މިހާރު މީގެ ތެރެއިން 2 ކުއްޖަކު ފިޔަވައި ދެންތިބި ކުދިން ވަނީ މި ބަލިން ރަނގަޅުވެފައެވެ. ރާއްޖެއިން ކޯވިޑް-19ޖެހުނު ކުދިންގެ ތެރެއިން 84 އިންސައްތަ ކުދިން ރަނގަޅުވެފައިވާއިރު، މީގެ ތެރޭގައި ހިމެނެނީ 1 އަހަރާއި 5 އަހަރާއި ދެމެދުގެ 19 ކުދިންނާއި، 6 އަހަރާއި 12 އަހަރާއި ދެމެދުގެ 50 ކުދިން އަދި 13 އަހަރާއި 18 ދެމެދުގެ 43 ކުދިންނެވެ. މިހާތަނަށް 112 ކުދިން ރަނގަޅުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ފިރިހެންކުދިންނެވެ. އެގޮތުން 62 ފިރިހެން ކުއްޖަކު މި ބަލިން ރަނގަޅުވެފައިވާއިރު އަންހެން ކުދިންގެ ތެރެއިން ރަނގަޅުވެފައިވަނީ 50 އަންހެންކުދިންނެވެ،

ރާއްޖޭގައި ކޯވިޑް-19 ކޮންޓްރޯލްކުރެވި ބަލިން ރަނގަޅުވާ މީހުންގެ ނިސްބަތް އިތުރުވިކަމުގައި ވީނަމަވެސް، މި ބަލިން އެއްކޮށް މިންޖުވީކަމަށް ހީކޮށް ހިންދެމިލެވޭކަށެއް ނެތެވެ. އަދިވެސް ރާއްޖެއަށް މި ބަލީގެ ނުރައްކާ ވަކި ކުޑައެއް ނޫނެވެ. ސަބަބަކީ މި ބައްޔަށް ބޭހެއް ހޯދިފައިނުވުމާއި އަދިވެސް ރާއްޖޭގައި މުޖުތަމަޢުގެ ތެރޭގައި ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުވުމެވެ. އަދި މި ބަލިމަޑުކަމާއެކުވެސް އިތުރު ބަލިތަކެއް ފެތުރޭކަމުގެ ވާހަކަތައްވެސް ދަނީ ދެކެވެމުންނެވެ.

އެގޮތުން ގޭގައި ގިނަ ދުވަސްތަކެއް ވަންދެން ތިބެންޖެހުމުން ނަފްސާނީ ބަލިތައް އިތުރުވާނެކަމަށް ބެލެވޭއިރު، ކޯވިޑްއާއި ގުޅިގެން ކުޑަކުދިންނަށް ޖެހޭ ސިންޑްރޯމެއް ރާއްޖޭގައި ފެތުރުމުގެ ނުރައްކާ މިވަނީ ފާޅުވާން ފަށާފައެވެ. ކޯވިޑް-19އަށް ވުރެ ނުރައްކާތެރި އަދި ކުޑަކުދިންނަށް ޖެހޭ ބައްޔެއް ކަމަށްވާ މަލްޓިސިސްޓަމް އިންފްލެމޭޓަރީ ސިންޑްރޯމް އިން ޗިލްޑްރެން (އެމްއައިއެސް-ސީ) ރާއްޖެއިން ފެނިފައިވާކަން އެންއީއޯސީއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އެހެންކަމުން ފުރަބަންދަށް ލުއި ދިންނަމަވެސް ކުޑަކުދިން ބެލެހެއްޓުމުގައްޔާއި އެކުދިންގެ ރައްކާތެރިކަމަށް ބެލެނިވެރިން ޚާއްޞަ ސަމާލުކަމެއް ދިނުމަކީ މުހިންމު ކަމެކެވެ. ކުޑަކުދިން ބޭރަށް ނެރުމުގައި ސަމާލުވާން ޖެހެއެވެ. އަދި ކުދިންނަށް އުމުރާ ގުޅޭގޮތުން ބަލީގެ މަޢުލޫމާތު ފޯރުކޮށްދިނުމަކީ މުހިންމުކަމެކެވެ. އަދި ބައްޔާއެކު އަޅުގަނޑުމެން އަމަލުކުރަން ޖެހިފައިވާ އައު އާންމު ޙާލަތައް އަހުލުވެރިކުރުވުމަކީވެސް މުހިންމުކަމެކެވެ.