ވިޔަފާރި

ޔޫޓިއުބްގައި އެއް މިލިއަން ވިއުސް ފުރަތަމަ ހޯދި ދިވެހި ފަތްމިނިން


ޔޫޓިއުބަކީ ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލް ވީޑިއޯ ސްޓްރީމިންގ ޕްލެޓްފޯމެކެވެ. އަދި ދިވެހި ފަންނާނުންގެ އުފެއްދުންތައް ބެލުންތެރިންނާއި އެހުންތެރިންނާ ހަމައަށް ގެނެސްދިނުމުގައި މިހާރު އެންމެ މުހިއްމު ދައުރެއް އަދާކުރާ އެއްޗަކީ ޔޫޓިއުބްއޭ ބުނުމުން ދޮގަކަށް ނުވާނެއެވެ. ފަންނާނުން އެންމެފަހުން ނެރޭ އުފެއްދުންތަކުގެ އިތުރުން، މީގެ އެތައް ޒަމާންތަކެއް އުފައްދާފައިވާ އުފެއްދުންތައްވެސް ޔޫޓިއުބްގައި ފެންނަން ހުރެއެވެ.

ޔޫޓިއުބަކީ ފަންނާނުންގެ މެދުގައި ވާދަވެރިކަންވެސް އުފައްދާ ޕްލެޓްފޯމެކެވެ. ވާދަވެރިކަމުގައި ކުރިއަރަނީ ކޮން ބައެއްތޯ ބަލަނީ އެ އުފެއްދުންތައް މީހުން ބަލާ އަދަދަދުން ނުވަތަ "ވިއުސް"އެވެ.

ޔޫޓިއުބުގައި ރާއްޖޭގެ އެކި ފަންނާނުންގެ ލަވަތަކާއި ފިލްމުތަކުގެ އިތުން އެކި އެކި މީޑިއާތަކުގެ އުފެއްދުންތައްވެސް ފެންނަން ހުރެއެވެ. މީގެއިން ބައެއް އެއްޗެހި ބަލާފައި ހުންނަ މީހުން އަދަދު ސަތޭކައިންވެސް އުޅެއެވެ. ހާހުންވެސް އުޅެއެވެ. އަދި އެތައް ލައްކައަކަށްވެސް އަރާފައި ހުރެއެވެ. އަދި މިހާރު ދިވެހި ފަންނާނުންގެ ބައެއް އުފެއްދުންތަކަކީ މިލިއަނަކަށްވުރެ ގިނަ ފަހަރު މީހުން ބަލާފައިވާ އުފެއްދުންތަކެެވެ.

ދިވެހި އުފެއްދުންތަކުގެ ތެރެއިން ޔޫޓިއުބްގައި އެންމެ ފުރަތަމަ 1 މިލިއަން ވިއުސް ހަމަކުރުމުގެ ޝަރަފު ލިބުނު އުފެއްދުމަކީ ރާއްޖޭގެ ޤައުމީ ދިފަޢީ ބާރު، އެމްއެންޑީއެފްގެ ރަސްމީ ޔޫޓިއުބް ޗެނަލްއަށް ދޫކޮށްލި ފަތްމިނި ބޮޑުބެރު ގްރޫޕުގެ "ދިވެހި ކަނބަލުންގެ ޝުއޫރު" މިލަވައެވެ. 25 ނޮވެމްބަރު 2016ގައި ޔޫޓިއުބްއަށް އަޕްލޯޑްކުރި މި ވީޑިއޯ މިހާތަނަށް 1.2 މިލިއަނަށްވުރެ ގިނަ ފަހަރު މީހުން ބަލާފައިވެއެވެ.

ދިވެހި ކަނބަލުންގެ ޝުޢޫރު - ފަތްމިނި ބޮޑުބެރު ގްރޫޕް

ފަތްމިނި ބޮޑުބެރު ގްރޫޕާއި އެމްއެންޑީއެފް ގުޅިގެން ތައްޔާރުކުރި ވީޑިއޯ ލަވައަށް 1.2 މިލިއަން ވިއުސް ލިބިފައިވާއިރު، އެހެން ބައެއް ފަންނާނުންގެ އުފެއްދުންތަކަށްވެސް ލިބެމުން އަންނަ ވިއުސްދަނީ އިތުރުވަމުންނެވެ.

ރާޅުގަނޑު ބޮޑުބެރު ގްރޫޕްގެ "ބާރަށް ދުއްވާ"އަކީވެސް ދިވެހިންގެ ތެރޭގައި ވަރަށް މަޤްބޫލް ލަވައެކެވެ. މިލަވައަށްވެސް މިހާރު ވަނީ 1 މިލިއަނަށްވުރެ ގިނަ ފަހަރު ބަލާފައެވެ. 21 އަހަރުގެ އަލީ މައުލޫމް ކިޔާފައިވާ ލަވަ އެކި ހަފްލާތަކުން މިހާރުވެސް ވަރަށް ގިނައިން އިވެއެވެ.

ޔޫޓިއުބްގައި ދިވެހި ފަންނާނުންގެ އުފެއްދުންތައް މިލިއަނުން ބަލަން ފަށާފައިވާއިރު، ޔޫޓިއުބްގައި ހިމެނޭ ބޭރުގެ ބައެއް ފަންނާނުންގެ ލަވަތައް ބިލިއަނުން މީހުން ބަލާފައިވެއެވެ. މިގޮތުން "ޑެސްޕަސީޓޯ" ލަވަ 6.82 ބިލިއަން މީހުން ބަލާފައިވާއިރު، މިއީ މިހާތަނަށް ޔޫޓިއުބްގައި އެންމެ ގިނަ މީހުން ބަލާފައިވާ ވީޑިއޯއެވެ. އަދި މަޝްހޫރު "ބޭބީ ޝާކް ޑާންސް" 5.7 ބިލިއަން މީހުން ބަލާފައިވެއެވެ.