ކުރިއަށްއޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވިލާތުގެ ޤައުމުތަކަށް ތެލުގެ ދަތިކަން ކުރިމަތިވުމުގެ ބިރު އެބައޮތްކަމަށް ރިޕޯޓަކުން ހާމަވެއްޖެއެވެ.
ތިމާވެށްޓާއި ގުޅޭ ދިރާސާތައް ކުރިއަށްގެންދާ ފްރާންސްގެ ޖަމުޢިއްޔާއެއްކަމަށްވާ ޝިފްޓް ޕްރޮޖެކްޓްއިން ޝާއިޢުކުރި ރިޕޯޓެއްގައި ބުނީ ކުރިއަށްއޮތް 10 އަހަރު ތެރޭގައި ތެލުގެ ދަތިކަމާއި ޔޫރަޕުން ކުރިމަތިލާންޖެހޭއިރު، ހަކަތަ އުފެއްދުމަށް ތެޔޮ ނޫން ގޮތްތައް ހޯދުމުގެ މަސައްކަތް އަވަސް ކުރަންޖެހޭކަމަށެވެ. އަދި ޔޫރަޕްގެ ޑިމާންޑާ އެއްވަރަށް ތެޔޮ ސަޕްލައިކޮށް ނުދެވެއްޖިނަމަ، އެކަމުގެ ސަބަބުން އިޤްތިޞާދީ އިތުރު މައްސަލަތައް ކުރިމަތިވެގެންދާނެކަމަށް ރިޕޯޓުގައިވެއެވެ.
ފްރާންސްގެޝިފްޓް ޕްރޮޖެކްޓްއިން ޝާއިޢުކުރި މިރިޕޯޓަކީ ނޯވޭގެ ތަޖުރިބާކާރުންގެ ހޯދުންތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރި ރިޕޯޓެކެވެ. ރިޕޯޓުގައިވާ ގޮތުން ޔޫރަޕަށް ތެޔޮ ލިބުން ދަތިވާނެކަމަށް ބެލެވޭ އެއް ސަބަބަކީ، ޔޫރަޕަށް ބޭނުންވާ ތެލުގެ 40 އިންސައްތަ ފޯރުކޮށްދޭ ރަޝިޔާއިން ތެޔޮ އުފައްދާ މިންވަރު ދަށްކުރުމެވެ. އަދި ޔޫރަޕަށް ބޭނުންވާ ތެލުގެ 10 އިންސައްތަ ފޯރުކޮށްދޭ އެފްރިކާ ޤައުމުތަކުން އުފައްދާ ތެޔޮވެސް ކުރިއަށްއޮތް އަހަރުތަކުގައި ވަރަށް ބޮޑަށް މަދުވެގެންދާނެކަމަށް މިރިޕޯޓުގައިވެއެވެ.
ރިޕޯޓްގައިވާ ގޮތުން ކޯވިޑްގެ ސަބަބުން މިދިޔަ 25 އަހަރުތެރޭގައި ތެލަށް އޮތް ޑިމާންޑް ދަށަށް ނުދާވަރަށް ދަށަށް ގޮސްފައިވާއިރު، ތެލާ ގުޅޭ އިންވެސްޓްމަންޓްތައް ވަނީ އެއްކޮށް މަޑުޖެހިފައެވެ. މީގެއިތުރުން ކޯވިޑާ ގުޅިގެން ކުރިމަތިވި ގެއްލުންތައް ފޫބައްދަން ތެލުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ޚަރަދުން 40 ބިލިއަނެއްހާ ޑޮލަރުވެސް މަދުކުރާނެއެވެ.
ރިޕޯޓް ބުނާގޮތުން މިކަންކަމުގެ ސަބަބުން ތެލުގެ ޑިމާންޑް "ޕީކް" އަށް ދިއުން 2030 އިން 2027 އަށް އަވަސްވުމުގެ ފުރުޞަރު އެބައޮތެވެ.
ތަޖުރިބާކާރުން ބުނާގޮތުން މިދުވަސްވަރު ތެލުގެ ޑިމާންޑް ދަށްވެ، ތެޔޮ އަގު ހެޔޮވިޔަސް، ކުރިއަށްއޮތް ދުވަސްތަކުގައި ތެލަށް އޮންނަ ޑިމާންޑާއި އަގު ވަރަށް ބޮޑަށް އުފުލުމުގެ ފުރުޞަތު އެބައޮތެވެ. އެއީ ކޯވިޑްގެ ސަބަބުން ކުރިމަތިވި ކަންކަމުން އަރައިގަނެ، އަނެއްކާވެސް ވިޔަފާރިތައް ހިނގަން ފަށާއިރު، ސަޕްލައިއަށްވުރެ ޑިމާންޑް ބޮޑުވުމުގެ ފުރުޞަތު އޮތުމުންނެވެ. ނަމަވެސް އިއާދަކުރަނިވި ހަކަތައާ ދިމާލަށް ދަތުރުކުރާ ޤައުމުތަކަށް މިކަމުގެ ސަބަބުން އޮތް ގެއްލުން ކުޑަކަމަށާއި މިކަމުގެ ސަބަބުން ގެއްލުން ބޮޑުވާނީ ޑީސަލާއި ޕެޓްރޯލަށް ބަރޯސާވާ ޤައުމުތަކަށްކަމަށް ތަޖުރިބާކާރުން ބުނެއެވެ.