ކޯވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވިފައިވާ ބަޔަކު ޓެސްޓް ހެދުމަށް ދެކޮޅު ހެދުމުން އެމީހުން ސާމްޕަލްތައް ނެގުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.
ކޯވިޑަށް ޓެސްޓްކުރުމަށް ހެލެތް ޕްރޮޓެކްޝަން އެޖެންސީ އެންގުމުން އެކަމާއި ދެކޮޅު ހަދާފައިވަނީ ހުޅުމާލޭގައި އެއް ގެއެއްގައި ދިރިއުޅެމުން އަންނަ އަންހެނަކާއި ފިރިހެނެކެވެ.
މި ދެމީހުން ސާމަޕަލް ދިނުމަށް ދެކޮޅު ހެދުމުން އެ މައްސަލަ ކޯޓަށް ހުށައެޅީ ބަންޑާރަ ނައިބުގެ އޮފީހުންނެވެ. މި މައްސަލަ ބަލާ ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ މި ދެމީހުންނަށް ކޯވިޑް ޖެހިފައިވާކަމަށް ބެލެވިގެން އެކަން ޔަޤީންކުރުމަށް ޑޮކްޓަރަށް ދައްކާ ސާމްޕަލް ނަގަން އެންގުމުން މި ދެމީހުންވެސް އެކަމާއި ދެކޮޅު ހަދާފައިވާކަން ލިޔެކިޔުންތަކުން އެނގޭކަމަށެވެ. އެހެންކަމުން ޢާންމު ޞިއްޙަތު ރައްކާތެރި ކުރުމުގެ ޤާނޫނުގެ ދަށުން ޑިރެކްޓަރ ޖެނެރަލަށް ލިބިފައިވާ ޤާނޫނީ ބާރުގެ ދަށުން އަންގާފައިވާ އެންގުން ތަންފީޒުކުރުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ކޯވިޑް19 އަށް ޓެސްޓް ކުރުމަށް ދެކޮޅު ހެދި މީހުންނާއި ކަރަންޓީން ފެސިލިޓީއަށް ދާން ދެކޮޅު ހެދި މީހުންނާ ދެކޮޅަށް ސިވިލް ކޯޓުން މީގެ ކުރިން ބައެއް އަމުރުތައް ނެރެފައިވެއެވެ.
ރާއްޖެއިން މިހާތަނަށް މި ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 2,261 އަރާފައެވެ. އަދި މި ބަލިން 1,839 މީހުން ވަނީ ރަނގަޅުވެފައެވެ. މި ބަލީގައި 412 މީހުން ފަރުވާ ހޯދަމުން އަންނައިރު 3 މީހުންނަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.