ވިޔަފާރި

މާލޭ ފަޅުގެ ޖާގައިގެ ދަތިކަމަށް ޙައްލެއް ބޭނުންވޭ


މާލޭ ފަޅުގެ ދަތިކަމަކީ އަބަދުވެސް އޮޑިވެރިންނާއި ދަތުރުވެރިންނާއި މަސްވެރިން ދައްކާވާހަކައެވެ. ފަޅުގައި ދޯނި ނުވަތަ ރަށުން އަންނަ ބޯޓު އަޅާލާނެ ޖާގައެއް ނުލިބޭނެއެވެ. މާލޭގެ އެކިއެކި ބަނދަރުތަކަށް ވަންނަންޖެހެނީ ކިޔު ހަދައިގެނެވެ. ބޯޓު ފަހަރު މާލެ އައިސް އެތައް ދުވަހެއް ވަންދެން ބަނދަރާ ގާތްކޮށްނުލެވިފައިވެސް އޮންނަންޖެހެއެވެ. އެހާވެސް ފަޅުތެރެ ބާރުބޮޑެވެ. ޤަވާއިދާ ޚިލާފަށް އަޅާފައިވާ ހުންނަ ގިނަ ދުވަސްވީ އުޅަނދުތަކަކީވެސް މިމައްސަލަ ދިމާވާ އެއް ސަބަބެވެ. މިކަންކަމުގެ ސަބަބުން އޮޑިވެރިންނަށް އެތައް ގެއްލުމެއް ކުރިމަތިވެއެވެ. ރަށުން ގެންނަ މުދާކޮޅު މާލެއަށް ބާލަން އެހާ ދަތިއިރު، ރަށަށް ގެންދަންޖެހޭ މުދާކޮޅު ނުލިބިގެންވެސް އެތައް ދުވަހެއް އޮޑިވެރިން ހޭދަކުރަންޖެހެއެވެ.

ރާއްޖެއަށް އެތެރެކުރާ މުދާ މާލެ ސަރަޙައްދަށް ފަސޭޙަކަމާއެކު ލިބުނަސް، ރާއްޖޭގެ ރަށްރަށަށް މުދާ ފޮނުވުމަށް ގިނަ މަސައްކަތްތަކެއް ކުރަންޖެހެވެ. މާލެ ވިޔަފާރި ބަނދަރުން މުދާ ނެރެގެން ސީދާ ފިހާރައަށް ގެންދެވުނަސް، ރަށްރަށް ކުރަންޖެހޭ ދަތުރު ދިގެވެ. އެހެންކަމުން ރަށްރަށަށް ބޭނުންވާ މުދާ ދުރާލާ ގެންދަންޖެހެއެވެ. ނަމަވެސް މިކަމުގައި ރަށްރަށުގެ ވިޔަފާރިވެރިންނާއި މުދާ އުފުލާ އޮޑިދޯނިފަހަރުގެ އޮޑިވެރިންނަށް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ދަތުރު ހަދައިގެން މާލެ އަންނައިރު، ބޭނުންވާ މުދާ ވިޔަފާރި ބަނދަރުން ކްލިއަރނުވެ، ނުވަތަ އެމުދާ ބާޒާރުން ލިބުމުގައި ދިމާވާ ލަސްވުމުގެ ސަބަބުން އެފަރާތްތަކަށް ގެއްލުންވެއެވެ. މިކަމުގެ ސަބަބުން ރަށްރަށަށް ބޭނުންވާ މުދާ ފޯރުކޮށްދިނުން ލަސްވެ، އޮޑިދޯނި ފަހަރުތައް މާލޭ ބަނދަރުގައި ތޮށްޖެހެއެވެ. އަދި ލިބޭ މުދާކޮޅު ވިއްކަންޖެހެނީ ގިނަ ފަހަރު އަގުބޮޑުކޮށެވެ.

"ބޭނުންވާ ހުރިހާ މުދަލެއް ނުލިބެނީސް ނޯވޭ ފުރޭކަށް. އެހެން އޮންނަން ޖެހުނީމަ އިތުރު ޚަރަދުވެސް ހިނގާ. ބަނދަރުގައި އޮޑި އަޅާފައި ބޭއްވުމަށްވެސް ޚަރަދު ހިނގާ، ބައެއް ފަހަރު ހަފްތާއެއްހާ ދުވަސް ހޭދަވެދާނެ. އެހެންވީމަ ބައެއް ފަހަރު މުދަލުގެ އަގުވެސް ބޮޑުވޭ" ރަށަކަށް މުދާގެންދާ އޮޑިވެރިއެއް ބުންޏެވެ.

މާލޭގެ ފަޅުގެ ދަތިކަމަށް ދިމާވެފައިވާ މައްސަލަ ހައްލުކުރެވޭނީ ފަޅުން ޖާގަ ހަދައިގެނެވެ. ނަމަވެސް ޖާގަވެސް ހެދޭނީ އޮތް މިންވަރަކުންނެވެ. ގިނަ ބަޔަކު ދެކޭގޮތުގައި މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުން މާލޭގެ ފަޅުގެ ދަތިކަމަށް ހައްލެއް ލިބިދާނެއެވެ.

މާލޭ ވިޔަފާރި ބަނދަރު ގުޅިފަޅަށް ބަދަލުކުރުމުގެ މަޝްރޫޢުއަކީ މިފަދަ މައްސަލަތަކަށްވެސް ހައްލެއް ގެންނާނެ މަޝްރޫއެކެވެ. އޭގެ ސަބަބުން މާލޭ އުތުރު ފަރާތު ފަޅުން ބޮޑު ބައެއް ހުސްވާނެއެވެ. އެސަރަޙައްދު އޮޑިވެރިންނާއި ދަތުރުވެރިންނަށް ބޭނުންކުރަން ދިނުމުގެ ފުރުޞަތު ބޮޑެވެ. އަނެއްކޮޅުން ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުން މާލޭ ފަޅަށް މުދާ ބަލާ އަންނަ އޮޑިފޯނިފަހަރުތައް އެއްކޮށް މަދުވާނެއެވެ. އެއީ މުދާ ބާލަން ސީދާ ގުޅީފަޅަށް އޮޑި ދޯނިފަހަރުތައް ދާންޖެހޭނެތީއެވެ. އަދި ގުޅިފަޅުން ވިޔަފާރިވެރިންނަށް ގުދަންކުރުމުގެ ފުރުޞަތު އޮތުމުން، މުދާ ބަލާ އައިސް މާލެ ފަޅުގައި އޮންނަންޖެހޭ އެއްވެސް އުޅަނދެއް ނޯންނާނެއެވެ. މިހާރު އޮތް ބަނދަރަށްވުރެ ދެ ގުނަ ބޮޑު ބަނދަރަކަށްވުމުން މުދާ އަވަހަށް ބާލާ، ކްލިއަރކުރެވޭނެއެވެ. އަދި މާލެއަށް ގުދަން ނުކޮށް، ގުޅީފަޅުން ރާއްޖޭގެ އެކި ސަރަޙައްދުތަކަށް މުދާ ފޮނުވޭނެކަމަށްވެސް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

"ބޯޓު ފަހަރު އައިސްސަ، ކައިރިކޮށްފައި، ވަރަށް އަވަސްކޮށް މުދާތައް ބާލާފައި، އެބޯޓު ފުރައިގެން ދާނެ، އަދި އެއް ދުވަސް ނުވަތަ ދެ ދުވަސްތެރޭގައި މުދާ ކްލިއަރ ކުރެވޭނެ، އޭގެ ސަބަބުން ބަނދަރުގައި ތޮށްޖެހުން އެއްކޮށް ނެތިގެންދާނެ، އަނެއްކޮޅުން ގުޅިފަޅުގައި ގުދަންކުރުމުގެ ޖާގައާއި އެހުރިހާ ކަމެއް އޮތްތަނަކަށްވާތީ މާލޭއަށް މުދާ އެތެރެކޮށްފައި، މާލޭގައި ގުދަންކޮށްފައި، މާލޭއިން ރާއްޖޭގެ އެކި ހިސާބުތަކަށް ފޮނުވަންޖެހޭ ފޮނުވުން ހުއްޓިގެންދާނެ" އެމްޕީއެލްގެ އިސް އޮފިޝަލަކު ވިދާޅުވިއެވެ.

ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުން އޭގެ ފައިދާވާނެކަމަށް އޮޑިވެރިންންވެސް ޤަބޫލުކުރެއެވެ. އެމީހުން ބުނާގޮތުން ބަނދަރުގައި ބޯޓު އަޅައިގެން، މުދާ ނުލިބިގެން ލަސްވެގެން އުޅޭ އުޅުމަށް ހައްލެއް ލިބިގެންދާނެއެވެ.

"ވަރަށް ފަސޭހަވާނެ ގުޅިފަޅަށް ބަނދަރު ބަދަލުކުރީމަ، ޖާގަ އޮވެފައި، މަސައްކަތްވެސް އަވަސްވާނެ. ގިނަ ދުވަސްތަކެއްވަންދެން މާލޭ ފަޅުގައި އަޅާފައި އޮންނާކަށް ނުޖެހޭ" އޮޑިވެރިޔަކު ބުންޏެވެ.

ގުޅިފަޅުގައި ވިޔަފާރު ބަނދަރެއް ޤާއިމްކުރުމުގެ މަސައްކަތަކީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެމަޝްރޫޢު ހިންގުމަށް ގުޅިފަޅުން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރާގޮތުން ގުޅިފަޅު މަޝްރޫޢަށް 300 މިލިއަނެއްހާ ޑޮލަރު ހޭދަވާނެއެވެ. އަދި އެ ފައިސާ މިހާރު ހަމަޖެހިފައިވާކަމަށްވެސް ސަރުކާރުން ހާމަކުރައްވައެވެ. މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ މަސައްކަތްތައް ގުޅިފަޅަށް ބަދަލުވެގެންދާއިރު ރާއްޖޭގެ ކޮމާޝަލް ބަނދަރުގެ ޚިދުމަތް، އިންޤިލާބީ ހަރުފަތަކަށް ދާނެކަމަށް ތަޖުރިބާކާރުން ދެކެއެވެ.

މޯޑް?

ދުވަހަކުވެސް މިކަމާ ހަލެއްލިބޭނެތަ އެއްވެސް ވެރިއްގެ ވެރިކަމުގައި ނުވެ އޮތް ކަމެއް މިވެރިކަުގައި ވާނެބާ މިހާރުވެސް ވެރިކަމުގައި ތިއްބެވި ވެރިން ހާލުކޮޅު ހުރިގޮތުން ހަމަ އަހާލި އިނގޭ އެއްޗެކޭ ހީނުކުރައްޗޭ އިނގޭ