ރާއްޖޭގެ ބޮޑު ސަރަޙައްދަކީ ކަނޑުކަމަށް ވުމާއެކު ދިވެހިންނަކީ ޒަމާނުއްސުރެ ކަނޑުދަތުރުފަތުރަށް ބަރޯސާވެފައި އޮތް ޤައުމެކެވެ. ޒަމާނަށް އައި ބަދަލުތަކާއެކު، އެއްރަށުން އަނެއްރަށަށް ކުރަންޖެހޭ ދަތުރުތައް އިތުރުވުމާއެކު، މިކަމަށް އުފުލަން ޖެހުނު ތަކުލީފުވެސް ބޮޑުވިއެވެ. ހުޅަނގު މޫސުމުގެ ގަދަ ދުވަސްވަރު ކަނޑުދަތުރުފަތު ރުކުރުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވެއެވެ.
މިމައްސަލަ ޙައްލުކުރުމަށް ރާއްޖޭގައި ދަތުރުފަތުރުކުރުމުގެ އެކި ނިޒާމުތައް ޤާއިމުކުރުމަށް އެކި ދުވަސްވަރު ސަރުކާރުން އެކިވަރުގެ މަސައްކަތްތައް ކުރައްވާފައިވެއެވެ. ހުވަދު އަތޮޅު އުތުރު ބުރީގައި މަސްބަންދުކުރާ ކާރުޚާނާ ހުންނަ ކޫއްޑޫގައާއި، ހުވަފދު އަތޮޅު ދެކުނުބުރީ ތިނަދޫ ކައިރީގައި އޮންނަ ކާޑެއްދޫގައި އެއަރޕޯޓު ތަރައްޤީކޮށް އައީ ހިންގަމުންނެވެ.
އެހެންނަމަވެސް ރާއްޖޭގެ އެންމެގިނަ ވަކިވަކި ރަށްރަށް ހިމެނޭ މިސަރަޙައްދުގެ ރައްޔިތުންނަށް ދަތުރުފަތުރުކުރުމުގައި ދިމާވި ދަތިތަކަށްވަނީ އެކަށީގެންވާ ހައްލެއް ނައިހެވެ. އަދިވަކިން ޚާއްސަކޮށް ހުވަދު އަތޮޅުގެ ދެބުރި ގުޅޭ ސަރަހައްދުގައި ހިމެނޭ ރަށްތަކަށް މިކަމުގެ ސަބަބުން ޒަމާނީ އަވަސް ދަތުރުފަތުރުގެ ޚިދުމަތް ހޯދުމަށް ބޮޑެތި އުނދަގޫތަކާ އޮތީ ކުރިމަތިވެފައެވެ.
މިކަން ޙައްލުކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން 2011ވަނަ އަހަރު ވެގެން ދިޔައީ އައު އުންމީދުތަކެއް ލިބިގެންދިޔަ އަހަރެއްގެ ގޮތުގައެވެ. އެ އަހަރުގެ ތެރޭގައި ސަރުކާރުންވަނީ ހުވަދު އަތޮޅު ދެކުނުބުރީ މާވާރުލުގައި އެއަރޕޯޓެއް ތަރައްޤީކުރެއްވުމަށް މޫވިންގ އިންޓަނޭޝަނަލާ ހަވާލުކުރައްވާފައެވެ.
އެހެންނަމަވެސް، މަސައްކަތް ނިންމުމަށް ކަނޑައަޅާފައިވާ މުއްދަތު ހަމަވިއިރުވެސް އެ އެއަރޕޯޓްގެ މަސައްކަތް ނިމިފައި ނުވެއެވެ. އެއާއެކު ރީޖަނަލް އެއާރޕޯޓްސްއިން ވަނީ އެކުންފުންޏާއެކު ވީ އެއްބަސްވުން އުވާލާފައެވެ. ހުވަދު އަތޮޅުގެ ރައްޔިތުން މި އެއަރޕޯޓުގެ ޚިދުމަތް ލިބޭނެ ދުވަހަކަށް ކުރި އިންތިޒާރު ދިގުލައިގެން ދިޔައެވެ.
މިހާރުގެ ސަރުކާރު ވެރިކަމަށް އައިސް ވަނީ، އެކި ސަބަބުތަކާ ހުރެ ހުއްޓިފައިވާ ތަރައްޤީގެ މަސައްކަތް އަވަސްކުރުމަށް ގިނަ މަސައްކަތެއް ފަށްޓަވާފައެވެ. އޭގެތެރެއިން ފެށި އެންމެ މުހިންމު އެއް މަސައްކަތަކީ މާވަރުލު އެއާރޕޯޓުގެ މަސައްކަތެވެ. ދެފިޔަވައްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މިމަޝްރޫޢުގެ ދަށުން ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ އެއްބަސްވުމުގައި 15 މާރޗް 2018ގައި ސޮއިކޮށް 6 އޭޕްރީލް 2018ގައި އަމަލީ މަސައްކަތް ފެށިއެވެ.
57.04 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މިފިޔަވަހީގެ ދަށުން 1200 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، 600 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީ ވޭއެއް އަދި 120 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަންއެއް ވަނީ ތަރައްޤީކޮށްފައެވެ. މިމަސައްކަތް 31 ޖުލައި 2019ގައި ނިންމާލިއިރު، މި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް 05 އޮގަސްޓް 2019ގައި ފެށިއެވެ. 12.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މި ފިޔަވަހީގެ ދަށުން ޕެސިންޖަރ ޓާމިނަލް ބިލްޑިންގްއަކާއި، ފަޔަރ ބިލްޑިންގް، ސްޓާފް ކުއާޓަރ، އިންޖީނުގެ އަދި ރެސްޓޯރެންޓެއްގެ އިތުރުން ގާޑް ޕޯސްޓެއް ވަނީ ތަރައްޤީކޮށްފައެވެ.
މި އެއަރޕޯޓް މަސައްކަތްކުރި އެމްޓީސީސީން ވަނީ މި ޕްރޮޖެކްޓްގެ ދަށުން މާވަރުލު ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް ކޮށްފައެވެ. މާވަރުލުގެ ބަނދަރު ބޮޑުކުރުމުގެ މަސައްކަތްވެސް މިހާރު ވަނީ ނިންމާލާފައެވެ.
199 މީޓަރު ބޭރު ތޮށިލުމާއި، 30 މީޓަރުގެ ރިވެޓްމެންޓް، 50 މީޓަރު އުއޯއިއެއް ވަނީ ތަރައްޤީކޮށްފައެވެ. މީގެ އިތުރުން ބަނދަރު ސަރަހައްދުގެ 250 ސްކޮއަރ ކިލޯމީޓަރުގައި 50 މީޓަރުގެ ޕޭމަންޓް ވަނީ ތަރައްޤީކޮށްފައެވެ. 18.1 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރި މި މަސައްކަތުގެ ދަށުން ބަނދަރުގައި މޫޓު ހަރުކޮށް، ނެރު ބައްތިއާއި ބަނދަރުގައި މަގު ބައްތި ވަނީ ބަހައްޓާފައެވެ. މި މަޝްރޫޢްގެ އަމަލީ މަސައްކަތް ފަށާފައިވަނީ، 26 ޑިސެމްބަރ 2019ގައެވެ.
މި މަސައްކަތްތައް ނިންމައި އިއްޔެވަނީ މާވަރުލަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ.
ކޮންމެ ހަފްތާއެއްގެވެސް ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު މިދަތުރުތައް ކުރާނެއެވެ. މިމަޝްރޫޢުއާއެކު މިސަރަހައްދުގެ ރައްޔިތުންނަށް ވަނީ ވަޒީފާގެ އިތުރު ގިނަ ފުރުސަތުތަކެއްވެސް ހުޅުވިފައެވެ.
9 އަހަރުގެ ދިގު އިންތިޒާރަކަށް ފަހު މާވާރުލު އެއަރޕޯޓަށް ދަތުރުތައް ފެށިދުވަސް ވެގެންދިޔައީ މިސަރަހައްދުގެ ރައްޔިތުން ވަރަށްބޮޑަށް އުފާކުރި ދުވަހަކަށެވެ. ފުރަތަމަ ދުވަހު ބޭއްވި ފްލައިޓުގެ ކެޕޭސިޓީ ފުލްކޮށް ދަތުރުކުރިކުރުމުން އެކަނިވެސް މިކަން ހާމަވެގެންދެއެވެ.
މާވަރުލު އެއަރޕޯޓްގެ މަސައްކަތް ނިންމާލާފައިވާއިރު. ގދ.ފަރެސްމާތޮޑާގައިވެސް ދަނީ އެއަރޕޯޓެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިމަސައްކަތް ނިމުމާއެކު ހުވަދު އަތޮޅުގައި 4 އެއަރޕޯޓް ޤާއިމުވެގެންދިއުމުން މި ސަރަހައްދު ވެގެންދާނީ މުޅި ރާއްޖޭގައިވެސް އެންމެ އެއަރޕޯޓްތައް ގިނަ ސަރަހައްދުގެ ގޮތުގައެވެ.