ޚަބަރު

ބޮޑުފިނޮޅުގެ ބޮޑުމަންޒަރު: ކުންފުނިން ހިންގި ޖަރީމާތަކާއި ބިދޭސީންގެ ބަދަލުހިފުން


ބ.ބޮޑުފިނޮޅުގެ މައްސަލައަށް ސަމާލުކަން ލިބުނީ ދިވެހިންތަކެއް އެރަށުގައި ރަހީނުކޮށްގެން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އެރަށަށް އެރުމުންނެވެ. އެހެން ނަމަވެސް ފުލުހުން ގޮސް ބެލިބެލުމުގެ ތެރެއިން އެހެން އާ ކަންކަން މި ވަނީ ފެންމަތިވެފައެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރަމުން އަންނަ އެރަށަށް ފުލުހުން ދިޔައިރު 198 ބިދޭސީން ތިއްބެވެ. އޭގެ ތެރެއިން 19 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް އެމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ އިތުރުކޮށްދީފައެވެ. އެހާހިސާބުން ބިދޭސީންގެ ވާހަކަތައްވެސް އިވޭގޮތްވިއެވެ.

ނަވާރަ ބިދޭސީންގެ ބަންދާއިމެދު ގޮތެއް ނިންމަން އޭދަފުށީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކޮށް ބ.އެދަފުށީ މެޖިސްޓްރޭޓް ކޯޓުގައި ބޭއްވި ބަންދުގެ މަޖިލީހުގައި ބިދޭސީންގެ ވާހަކަތައް އިވުނެވެ. އެމީހުން ކުރި ކަންކަމަކީ ޣައިރު ޤާނޫނީ ކަންތައްތަކެއް ނަމަވެސް އެ އަމަލުތައް އުފަންކުރުވި ސަބަބުތަކާއި މެދު ސީރިއަސްވާން ޖެހޭ ފަދަ ވާހަކަތަކެއް އެބަހުއްޓެވެ.

އެންމެ ބޮޑު ކަމަކީ ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސީންނަށް ހަ މަސްވަންދެން މުސާރަ ނުދީ މަސަކަތްކުރުވާފައިވުމެވެ. މިއީ ވަޒީފާއާ ބެހޭ ޤާނޫނާ ޚިލާފު ކަމެކެވެ. އުޖޫރަނުދީ ގިނަ އަދަދެއްގެ ބިދޭސީން ފަޅުރަށެއްގައި ގެންގުޅުނުއިރު އެމީހުން މުސާރަ ހޯދަން ކުރި މަސައްކަތާ ދެކޮޅަށް ބައެއް ދިވެހިން ބިދޭސީންނަށް ބިރުދައްކައި މަރުގެ އިންޒާރު ދީފައިވާ ކަމަށާއި އެކަން ކުރުވީ ތުޅާދޫން "ޕާޓޭން" އެރަށަށް އަރުވައިގެން ކަމަށް ބައެއް ބިދޭސީން ބުނެފައި ވެއެވެ.

ބިދޭސީންގެ ވާހަކަތަކަށް ބާރުލިބޭ އެތައް ކަމެއް އެރަށުން ފެނުނެވެ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތާ ހަވާލުވެފައިވާ ރިޒް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ކުރެވޭ ސީރިއަސް ބޮޑެތި ތުހުމަތުތަކެއް ފުލުހުންވެސް މިހާރުވަނީ ހާމަކޮށްފައެވެ.

ބޮޑުފިނޮޅުގައި ގެންގުޅުނު ބިދޭސީންނަށް މަޖުބޫރުކޮށް އެކްސްޕްލޮއިޓޭޝަންގެ އަމަލުތަކެއް އެމީހުންނާމެދު ހިންގާފައިވާކަން ފުލުހުންނަށް ވަނީ މިހާރު ތުހުމަތުކުރެވިފައެވެ. ނުވަތަ އެރަށަށް ބިދޭސީން ގެންގޮސް އެމީހުންގެ ނާޖައިޒް ފައިދާ ދިވެހި މި ކުންފުނިންވަނީ ނަގާފައެވެ.

މި ބިދޭސީން އެރަށަށް ގެންގޮސް އެމީހުން ލައްވާ މަސައްކަތްކުރުވި ރިޒް ކުންފުނިން މީހުން ޓްރެފިކް ކުރުމަށް މަގުފަހިވާ ގޮތަށް އަމަލުކޮށްފައިވާއިރު ބިދޭސީންގެ ފަރާތުން އެކުންފުނިން ދައުލަތަށް ދައްކަންޖެހޭ ފީއާއި ފައިސާ ނުދައްކާ ކަން ވަނީ އެނގިފައެވެ. އޭގެ އިތުރުން އެ ބިދޭސީންގެ ހައްގުތައް ނިގުޅައިގެންފައިވާ ކަމަށް ބެލެވޭނެ ކަންކަން ކޮށްފައިވާ ކަމަށާއި އެކަމުގެ ތުހުމަތު ރިޒް ކުންފުނީގެ މައްޗަށް ކުރެވޭކަން ފުލުހުން ވަނީ ހާމަ ކުރައްވާފައެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުން ރިސޯޓް ތަރައްގީ ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ރިޒް ކުންފުނިން ހަވާލުވެ، ރާއްޖެއަށް ގިނަ އަދަދެއްގެ ބިދޭސީން އެތެރެކޮށްފައިވަނީ ބިދޭސިންނަށް އޮޅުވާލައި، މަކަރާއި ހީލަތުންނެވެ. އެނގިފައިވާ ގޮތުގައި އެރަށުގައި މަސައްކަތްކުރުމަށް ރިޒް ކުންފުނިން ސަބް ކޮންޓްރެކްޓް އުސޫލުން ބަޔަކާ ހަވާލުކޮށްގެން ބިދޭސީންތަކެއް ރާއްޖެ އެތެރެކޮށްފައިވެއެވެ.

ބޮޑުފިނޮޅުގެ މި ހަމަނުޖެހުން އިތުރަށް ތަހްގީގުކުރުމުގެ ތެރެއިން ހާމަވި އަނެއް ކަމަކީ ރިޒް ކުންފުނިން ބިދޭސީ މަސައްކަތްތެރިން ހޯދާފައިވާ ގޮތެވެ. އެގޮތުން ބިދޭސީ މަސައްކަތްތެރިން ރާއްޖޭގެ ރަށްތަކުން ހޯދައިގެން އެމީހުންނާ ހަވާލުވެ، އެކުންފުނީގެ ބެލުމުގެ ދަށަށް ގެންގޮސް ގެންގުޅޭކަމަށް ވަނީ ފާހަގަ ކުރެވިފައެވެ. އެގޮތައް ގެންގުޅޭ ބިދޭސީންގެ ނިކަމެތިކަމާއި މަޖުބޫރީ ހާލަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ޤާނޫނާ ޚިލާފަށް މަޖުބޫރުކުރުވައިގެން މަސައްކަތް ކުރަމުން ގެންދިޔަ ކަން ފުލުހުން ވެސް ފާހަގަ ކޮށްފައިވެއެވެ. އަދި އެފަދަ ގޮތަކަށް މަސައްކަތްކުރުވުމަށްފަހު ވެސް އެމީހުނަށް ދޭންޖެހޭ މުސާރައާއި އުޖޫރަނުދީ ގިނަ ދުވަސްތަކެއްވަންދެން ގެންގުޅެފައިވާއިރު މުސާރަ ނުދީ 6 މަސްދުވަހު ގެންގުޅުނުކަމަށް ރިޒް ކުންފުނިންވެސް އެއްބަސްވެއެވެ. ބިދޭސީންނަށް މުސާރަ ނުދެވުނީ އެރަށުގެ ވެރިފަރާތްކަމަށްވާ ސީލް މޯލްޑިވްސް އިން ދޭން ޖެހޭ ފައިސާ އެކުންފުންޏަށް ނުދީގެން ކަމަށް ބުނި ނަމަވެސް އެއީ ބިދޭސީންތަކެއް އެގޮތައް ގެންގުޅެން ޖެހޭ ހުއްޖަތެއް ނޫނެވެ. ބިދޭސީންނަށް ދޭން ޖެހޭ މުސާރަ ސީދާ ދޭން ޖެހޭ ބަޔަކީ ރިޒް ކުންފުނިންކަން އެ ދެ ފަރާތުން ވެފައިވާ އެއްބަސްވުންތަކުން އެެނގެއެވެ.

މުސާރަ ނުދީ އެމީހުން ގެންގުޅެމުންދިޔައިރު އޭގެ ތެރެއިން މުސާރައާއި އިނާޔަތް ހޯދަން އަޑުއުފުލި ބައެއް މީހުންނަށް ބިރުދައްކައި ވަޒީފާއިން ވަކިކޮށް އަނބުރާ މާލެ ސަރަހައްދަށް މީގެ ކުރިން ގެންގޮސްފައިވެއެވެ. މުސާރަ ނުދީ ބަޔަކު ގެންގުޅުމަށްފަހު އެމީހުން ފޮނުވާލައި އަނެއްކާވެސް އާ ބަޔަކު ކޮންމެވެސް ތާކުން ގެނެސްގެން އެ ކުންފުނިން ގެންގުޅެމުންދިޔަކަން ވަނީ ފާހަގަ ކުރެވިފައެވެ.

ބިދޭސީންނާމެދު ނަމަވެސް އަމަލުކޮށްފައި މިވަނީ އިންސާނިއްޔަތާ ޚިލާފަށެވެ. އެކަން މި ފަހަރު ހާމަވެގެން މިދިޔައީ ބިދޭސީންތަކެއް ހިންގި އަމަލުތަކެއްގެ ސަބަބުން ނަމަވެސް ބިދޭސީންނާމެދު މި ގޮތައް އަމަލުކުރުން ވަނީ އާއްމުވެފައެވެ. ރާއްޖެއިން ބޭރުގެ މަސައްކަތްތެރިން ގެނެސް މިފަދަ އަމަލުތައް ހިންގާއިރު މި މައްސަލަ ގައުމީ ސަލާމަތާވެސް ގުޅެއެވެ. މިއީ ބޮޑުފިނޮޅުގެ ހަމަ ނުޖެހުންތަކުގެ ތެރެއިން ފާހަގަވެގެން ދިޔަ ބައެއް ކަންކަމެވެ.

މައްސަލަތަކަށް ހައްލެއް ނުލިބި ބިދޭސީން ހަމަނުޖެހުން ހިންގުން

ފުލުހުންގެ ހާއްސަ ޓީމަކާ ބ.އަތޮޅުގައި މަސައްކަތްކުރާ ފުލުހުންނާ އެކު ހާއްސަ އޮޕަރޭޝަނެއް ހިންގަން ޖެހުނީ އެރަށުގައި އޭގެ ކުރިން އެ މައްސަލަ ހައްލުކުރަން މަސައްކަތްކުރަން ދިޔަ ފުލުހުންނަށް އެކަން ފަސޭހަ ނުވުމުންނެވެ.

ބޮޑުފިނޮޅުގައި ހިނގި ހަމަ ނުޖެހުންތައް ކޮންޓްރޯލްކުރަން ފުލުހުން ހިންގި އޮޕަރޭޝަން ބަލާލުމަށް އެރަށް ދިޔުމަށް ފުރުސަތު ލިބުމުން އެތައް ކަމެއް ސާފުވި އެވެ. ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް އެރަށުގައި ހިންގާފައިވާ އަމަލުތައް އެރަށުން އެކަނި ފެނުންނަސް އެމީހުން ކޮންމެ ފަދަ ކަމެއް ކުރަން ވެސް ފަސް ނުޖެހޭނެކަމުގެ ހެކި ހުރީ ފެންނާށެވެ.

ބޮޑުފިނޮޅުގައި ބޮޑު ހަމަނުޖެހުންތަކެއް ހިންގަން އުޅޭ ކަމަށް ގަބޫލު ކުރެވިގެން އެރަށުގައި ތިބި ދިވެހިން އެރަށުން ފުރައގެން ދާން އުޅުމުން އެމީހުން ހުއްޓުވައި ރަށުން ފޭބިޔަ ނުދީ ރަހީނުކުރި އެވެ. ބިދޭސީންނަށް މުސާރަ ނުދީގެން ރަޙީނުކުރި މީހުންނަކީ، އެމީހުންނެކޭ އެއްފަދައިން ބޮޑުފިނޮޅުގައި މަސައްކަތްކުރާ މީހުނެވެ.

ރަހީނުކުރުމުގެ ރަހުމު ކުޑަ އަމަލުގެ ސަބަބުން އެރަށުގައި މަސައްކަތްކުރާ ދިވެހިންގެ ހިތުގައި ބިރުވެރިކަން އުފެދި ނަފްސާނީ ބިރުވެރިކަމެއްގައި ތިބެން ޖެހުނެވެ. އެގޮތަށް އެމީހުން ރަހީނުކޮށްފައި އެތައް ގަޑިއިރަކު ބޭތިއްބި އެވެ. ޖިސްމާނީ ގޮތުން ގެއްލުން ނުދިން ނަމަވެސް މާރާލާނެ ކަމުގެ އިންޒާރު އެމީހުން ދިންކަމަށް ރަހީނު ކުރި ދިވެހިން ބުންޏެވެ. އަމިއްލަ ގައުމުން ބޭރުގެ ބަޔަކު ދިވެހިން ރަހީނުކުރުން އެއީ އާދައިގެ ކަމެއް ނޫނެވެ. އެފަދަ ކަމެއް ކުރަން އެމީހުން ޖެހިލުމެއްވެސް ނުވިއެވެ. އެކަން އެގޮތައް ހިނގައިފާނެ ކަމަށް ރަހީނުކުރެވުނު ދިވެހިންވެސް މީގެ ކުރިއަކުން ހީކޮށްފައެއްނެތެވެ.

ފުލުހުންނާ މާރާމާރީ ހިންގައި އަނިޔާތައް ދިން

މި މަހުގެ ދެ ވަނަ ދުވަހު ބިދޭސީން ހިންގަން ފެށި ހަމަ ނުޖެހުން ކޮންޓްރޯލް ކުރުމަށް އެ ދުވަހު އެންމެ ފުރަތަމަ ބޮޑުފިނޮޅަށް ދިޔައީ ބ.ތުޅާދޫ ޕޮލިސް ސްޓޭޝަނުން ދެ ފުލުހަކާއި ސިވިލް އޮފިސަރެކެވެ. ނަމަވެސް އެމީހުން އެރަށަށް އެރިޔަ ނުދީ އެރަށުން ފޮނުވާލި އެވެ. އަދި އޭގެ ފަހުން އޭދަށީގައި ތިބި ގިނަ ފުލުހުންތަކާއެކު އެރަށަށް ދިއުމުން ކުރިމަތިވި ނުރައްކާތެރި ހާލަތަކީ މީގެ ކުރިން ބިދޭސީންތަކެއްގެ ކިބައިން ފުލުހުންނަށް ދިމާވި ހާލަތެއް ނޫނެވެ. ދަގަނޑާއި ހޮޅިބުރިއާއި ފަތިބުރިން ފުލުހުންނަށް ހަމަލާދޭން ފެށި އެވެ.

އެރަށަށް ފުލުހުން ދިޔަ ދޯނީގެ ގެގަނޑުގައި ޖަހާފައިވާ ބިއްލޫރިގަނޑު ފުނޑުފުނޑުވެފައި ހުރިތަން ފެނުމުން އެމީހުން ދިން ހަމަލާތަކުގެ ނުރައްކާ ސިފަ ކުރެވެ އެވެ. ބިދޭސީން ދިން ހަމަލާތަކުގައި ފުލުހެއްގެ ބޯފަޅައިގެން ގޮސް އެކަކުގެ އިނގިއްޔެއް ބިންދައިގެން ދިޔަ އެވެ. އެނޫންވެސް އަނިޔާތައް ފުލުހުންނަށް ދިނެވެ. އެއީ ޓެރަރިޒަމްގެ ހަމަލާތަކެވެ. ގާނޫނު ތަންފީޒުކުރަން ތިބި އެތައް ފުލުހަކަށް ގެއްލުން ދިނުމަށް އެމީހުން ތިބީ ބަނދަރުގައި ތަކެތި އެއްކޮށްގެން މާކުރިން ސުރެ ވެސް ތައްޔާރު ވެގެންނެވެ. އެރަށް ފުލުހުން އަރާ އެމީހުން ހައްޔަރުކުރިޔަ ނުދީ ކުރި މަސައްކަތް އެ ފަހަރު އެމީހުން ކާމިޔާބުކުރީ މާރާމާރީ ހިންގައިގެންނެވެ.

މުދަލަށް ނުދޭ ގެއްލުމެއް ނެތް

ރަށުތެރެއަށް އަރާލުމުން ރަށުގެ މުދަލަށް ދިން ގެއްލުންތައް ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ހުއްޓެވެ. ރަށުގައި ތަކެއްޗަށް ގެއްލުން ދިނުމަށް އެމީހުން ބޭނުންކޮށްފައި ހުރީ ދަނޑާއި ބަރު ތަކެތި ކަން ދީފައިވާ ގެއްލުންތަކުން އެނގެ އެވެ. ބޮޑެތި ވެހިކަލްތަކަށް ދީފައި ގެއްލުންތަކަށް ބަލާއިރު އެއީ ރުޅިވެރިކަމުގައި ރަށު ތެރޭގައި އުޅުމުގެ ތެރޭގައި އެއްޗަކުން އެއް ފަހަރު ޖަހާލާފައި ނޫންކަން އެނގެ އެވެ. އޭގެ ބަދަލުގައި ފެނުނީ ތަކެއްޗަށް ގެއްލުންދިނުމަށް ވަގުތުތަކެއް ހޭދަކޮށްފައިވާ ކަމެވެ. ވެހިކަލްތަކުގެ ތެރޭގައި ރަށު ތެރޭގައި ހުރި އެއްޗެއް ވިއްޔާ ބިއްލޫރިގަނޑު ތަޅާނުލައި ހަމަ އެކަތިވެސް ނެތެވެ. އެހެލާފައި އޮތް ދެ ލޯންޗުގެ ބިއްލޫގަނޑުތަޅާލުމުގެ އިތުރަށް އޭގައި އަޅާފައިވާ އިންޖީނުގެ ނަރުތައް ހުރީ ބުރިކޮށްފައި އެވެ.

އެކޮމެޑޭޝަން ހަމަ ޖައްސަން ހަދާފައިވާ ރޫމްތަކުގެ އޭސީއާ އާއި ފަންކަލާއި ފާހާނާ ވަނީ ތަޅާ ސުންނާފަތިކޮށްފައި އެވެ. އޭގެ ގެއްލުންތައް އަގުކޮށްފި ނަމަ އެތައް މިލިއަނަކަށް އަރާނެ ކަމަށްމިހާރު ވެސް އަންދާޒާ ކޮށްލެވެ އެވެ. މިއީ ބައެއްގެ މުދަލަށް ފަހުގެ ތާރީހެއްގައިވެސް ބަޔަކު ދިން އެންމެ ބޮޑު އެއްގެއްލުންތައް ކަމަށް ބެލެވެ އެވެ.

ބ. ބޮޑުފިނޮޅުގައި ރިސޯޓެއް ތަރައްގީ ކުރުމުގެ މަސައްކަތް ކުރަން ގެނެސްފައި ތިބި ބިދޭސީން އަމަލުތަކުން އެމީހުންނަކީ ޢައިރު ގާނޫނީ އަމަލުތަކަށް އަރައިގަތުމުގައި ކުޑަވެސް ފަސްޖެހުމެއް ނެތް ބައެއް ކަން ސާފުކޮން ފެނެ އެވެ. ތަޅާފޮޅުމާއި ތަކެއްޗަށް ގެއްލުންދީފައިވާ ގޮތައް ބަލާލުމުން އެއީ އެމީހުނަށް މާ ބޮޑުކަމެއް ހެނެއް ހިޔެއްނުވެ އެވެ. އެރަށުގައި މުސާރަ ނުލިބޭ ދިވެހިންވެސް ތިއްބެވެ. ނަމަވެސް އެމީހުން މި އިން އެއްވެސް ކަމެއްގައި ބައިވެރިވެފައިނުވެ އެވެ. މުސާރަ ނުދިނުމުގެ މައްސަލައަކީ ދިވެހިންނަށްވެސް މީގެ ކުރިންވެސް ދިމާވެފައި ހުރި މައްސަލަތަކެކެވެ. ނަމަވެސް މުދަލާއި މީހުނަށް ގެއްލުން ދިނުމަކީ ދުރުކަމެކެވެ. ހޯދަނީ އެހެން ގޮތަކުން މައްސަލަ ހައްލުކުރެވޭތޯ އެވެ.