ޚަބަރު

ރައީސް ޔާމީން ދައުލަތަށް ދައްކަވަންޖެހޭ 5 މިލިއަން ޑޮލަރު މުއްދަތު ހަމަވީއިރުވެސް ނުދައްކަވާ


މަނީލޯންޑަރިންގެ ކުށުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް މިލިއަން ޑޮލަރު ދައުލަތަށް ދައްކަން ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތައް އެ ފައިސާ ދައްކަވާފައިނުވާކަން އެނގިއްޖެއެވެ.

މަނީލޯންޑަރިންގެ ކުށުގައި ރައީސް ޔާމީން ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރުމާއެކު މިފައިސާ 6 މަސްދުވަހުގެތެރޭގައި ދެއްކުމަށާއި ފަސް އަހަރަށް ޖަލަށް ލުމަށް ކޯޓުން ހުކުމްކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު 28 ވަނަ ދުވަހުއެވެ. އެހެން ކަމުން ފައިސާ ދެއްކުމަށް ދީފައިވާ މުއްދަތު މެއި 28 ވަނަ ދުވަހަށްވަނީ ހަމަވެފައެވެ. ހުކުމާ އެއްގޮތައް އެ ފައިސާ ރައީސް ޔާމިން ދައްކަން ޖެހިވަޑައިގަންނަވަނީ މީރާ އަށެވެ.

ރައީސް ޔާމީނަށް މި ހުކުމް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ ފައިސާގެ ތެރެއިން އެސްއޯއެފް މެދުވެރިކޮށް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެއްމިލިއަން ޑޮލަރުން އިންވެސްޓްކޮށް މަނީލޯންޑަރކޮށްފައިވާކަމަށް ކޯޓުގައި ސާބިތުވުމުންނެވެ.

ރައީސް ޔާމީން ވަނީ ކްރިމިނަލް ކޯޓުގެ އެ ހުކުމް ބާތިލްކުރުމަށް ހުށައަޅުއްވާފައެވެ. އަދި ހައިކޯޓުން އެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ހުކުމް ތަންފީޒުކުރުން ފަސްކުރުމުގެ އަމުރަކަށް އެދިވަޑައިގެންނެވިއެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ދައުލަތައް ދައްކަން ޖެހޭ ފަސް މިލިއަން ޑޮލަރު ދެއްކުމަކީ ފަސޭހަކަމަކަށް ނުވާނެ ކަމަށެވެ.

އެހެން ނަމަވެސް އެ މައްސަލަގައި ހައިކޯޓުން ވަކިގޮތެއް ނިންމަންދެން އެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދި ކޯޓަށް ހުށައެޅުއްވުމުން އެ ކޯޓުން ނިންމާފައިވަނީ ހުކުމް ފަސްކުރަން އަންގަންޖެހޭފަދަ ސަބަބެއް ނެތް ކަމަށެވެ.

ކޯޓުން ކުރާ ހުކުމާ އެއްގޮތައް އެ ފައިސާ ދައްކަވާފައިނުވާނަމަ ދެން އެ ފައިސާ ހޯދަން ނުވަތަ ހުކުމް ތަންފީޒުކުރަން ކޯޓަށް ހުށައަޅުއްވަން ޖެހޭނީ ބަންޑާރަ ނައިބެއެވެ.