ފުޓުބޯޅަ

ޗައިނާއާ ދެކޮޅަށް ކުޅޭ ދެމެޗްވެސް ޗައިނާގައި


ވަރލްޑްކަޕް ކޮލިފައިންގައި ރާއްޖެ ޗައިނާއާ ދެކޮޅަސް ކުޅޭ
ދެމެޗްވެސް ޗައިނާގައި ކުޅޭ ގޮތަށް ނިމިއްޖެއެވެ. ވަރލްޑްކަޕް ކޮލިފައިންގައި އަންނަ
މަހު ރާއްޖޭގައި ޗައިނާއާ ދެކޮޅަށް ކުޅެން އޮތް މެޗް ޗައިނާގައި ކުޅޭ ގޮތައް
ބަދަލުކުރިއިރު، އަންނަ އަހަރު ޗައިނާގައި ކުޅެން ޖެހޭ މެޗް ރާއްޖޭގައި ކުޅުމަށް
އެފްއޭއެމްއިން ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް މިމެޗް ރާއްޖޭގައި ކުޅެން
ނުލިބުނީ ޗައިނާއިން މެޗްގެ ވީޑިއޯ ރައިޓްސް ވިއްކާލާފައިވާތީ ކަމަށް އެފްއޭއެމްގެ
ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވިއެވެ. އަންނަ މަހު ކޮލިފައިންގައި
ޗައިނާއާ ރާއްޖެ ވާދަކުރާ މެޗް ރާއްޖޭގައި ކުޅެވެން ނެތީ ގަލޮޅު ދަނޑުގެ ވިނަ
ގަނޑު ހަލާކުވެފައިވާތީވެއެވެ. ބައްސާމް ވިދާޅުވީ ނިއުޓްރަލް ދަނޑެއްގައި މެޗް
ކުޅޭނަމަ އެހުރިހާ ހަރަދެއް ކުރަން ޖެހެނީ ރާއްޖެއިން ކަމަށާއި، އެއީ ވަރަށް ބޮޑު
ހަރަދެއްކަމަށެވެ. ޗައިނާގައި ކޮލިފައިން ދެމެޗް ކުޅެން ނިންމާފައިވާތީވެ ރާއްޖެ
ހިމެނޭ ގްރޫޕްގެ އެންމެ ކުރީގައި މިވަގުތު އޮތް ހޮންގކޮންގ އިން ވަނީ މިކަމާ ކަންބޮޑުވުން
ފާޅުކޮށްފައެވެ. ހޮންގކޮންގ ޓީމުން ބުނީ ޗައިނާއަށް ބޮޑު އެޑްވާންޓޭޖެއްއ ލިބިފަ
އެހެން ޓީމްތަކަށް މިވާގޮތުން ގެއްލުންވާނެކަމަށެވެ. އެޓީމުން ޤަބޫލްކުރާ ގޮތުގައި
ރާއްޖެއާ ޗައިނާ ރާއްޖޭގައި އެއްމެޗް ކުޅެފި ނަމަ ރާއްޖެއިން މެޗް އެއްވަރުކުރާނެއެވެ.
ވަރލްޑްކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަސް ނިކުތުމުގެ ކުރިން ރާއްޖެ މިމަހުގެ
ސައުވީސް ވަނަ ދުވަހު ފިލިޕީންސަށް ފަރިތަކުރުންތަކަށް ފުރާނެއެވެ.