ވިޔަފާރި

ކުރިއަށްއޮތް 3 އަހަރަށް ލަފާކުރާ މެދު މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފަށައިފި


2021 އިން 2023 ވަނަ އަހަރަށް ލަފާކުރާ މެދު މެދުރާސްތާގެ ބަޖެޓު އެކުލަވާލުމުގެ މަސައްކަތް ފިނޭންސް މިނިސްޓްރީން ފަށައިފިއެވެ.

ދައުލަތުގެ މާލިއްޔަތުގެ ޤާނޫނުގެ ދަށުން، ދައުލަތުގެ އަހަރީ ބަޖެޓު ތައްޔާރުކޮށް، ބަޖެޓު އެކުލަވާލެވޭ މާލީ އަހަރު ފެށުމުގެ 2 މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭކަމަށެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ 2021 އިން 2023 ވަނަ އަހަރަށް ދައުލަތުގެ އޮފީސްތަކުން ހުށަހަޅާ ބަޖެޓުތަކަކީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ އިގުތިސާދަށާއި މާލިއްޔަތަށް ކޮށްފައިވާ ނޭދެވޭ އަސަރުން އަރައިގަނެ، ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުކުރަނިވި އަދި އިގުތިސާދަށް މަންފާވާނެ ހަރަކާތްތަކަށް ޖާގަ ލިބޭ ގޮތަށް އިސްކަންދީގެން އެކުލަވާލައިފައިވާ ބަޖެޓުތަކެއް ކަމުގައި ވާންޖެހޭނެކަމަށެވެ. އަދި ދައުލަތުގެ އިދާރާތަކުން މެދުރާސްތާގެ ބަޖެޓުގައި ހިމަނަން ހުށަހަޅައި އާ ރިކަރަންޓް ޕްރޮގްރާމްތަކާއި ޕީ.އެސް.އައި.ޕީ މަޝްރޫއުތަކަކީ ސަރުކާރުން އެކުލަވާލާފައިވާ ސްޓެރެޓެޖިކް އެކްޝަން ޕްލޭނާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ކަނޑައަޅާފައިވާ ހަރަކާތްތަކެއް ނުވަތަ މަޝްރޫޢުތަކެއްކަމުގައި ވާންޖެހޭކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.

ފިނޭންސް މިނިސްޓްރީން ވިދާޅުވީ ކޯވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ އޮފީސްތަކުގެ ހިންގުމަށް ގެނެވުނު ބަދަލާއެކު އޮފީސްތަކަށް ބަޖެޓު އެކުލަވާލުމުގައި ލުއި ދިނުމުގެ ގޮތުން، އެހެން އަހަރުތަކާ ޚިލާފަށް މި އަހަރު ބަޖެޓު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެއް މަރުހަލާއަށްކަމަށެވެ. މިގޮތުން، މެދުރާސްތާގައި ދައުލަތުގެ އޮފީސްތަކުން އަލަށް ފެށުމަށް ހަމަޖެހިފައިވާ ޕްރޮގްރާމްތަކާއި މަޝްރޫއުތައް އަދި މެދުރާސްތާގެ ބޭސްލައިން ބަޖެޓު އެކުލަވާލުމަށް ހަމަޖެހިފައިވަނީ އެއް މަރުހަލާއެއްގެ ތެރެއިންކަމަށްވެސް ފިނޭންސްއިން ބުނެއެވެ.

ދައުލަތުގެ އެންމެހައި އޮފީސްތަކުން ފިނޭންސް މިނިސްޓްރީގެ ސަރކިއުލާއާ އެއްގޮތަށް 2021 އިން 2023 އަށް ލަފާކުރާ މެދުރާސްތާގެ ބޭސްލައިން ބަޖެޓާއި ނިއު ޕޮލިސީ އިނީޝިއޭޓިވްސް އަންނަމަހުގެ 31 ވަނަ ދުވަހުގެ ކުރިން ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ. އަދި ސަރކިއުލަރގައިވާ ސުންގަޑިއަށް ބަޖެޓު ނުފޮނުއްވާ އިދާރާތަކުގެ އިދާރީ ބަޖެޓުތައް ސީދާ ފިނޭންސް މިނިސްޓްރީން ތައްޔާރުކުރުމަށް ފަހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާނެކަމަށްވެސް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ.