ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ވަރަށް ބޮޑަށް އުދައަރައި އެކި ވަރުގެ ގެއްލުންތަކެއްވެއްޖެއެވެ.
ރާއްޖެއާއި ދުރުން، ދެކުނު އިންޑިއާ ކަނޑުގައި އުފެދިފައިވާ ދިގު ބާނިތައް ރާއްޖެއާއި ހަމައަށް ފޯރާނެ ކަމަށް ލަފާ ކުރެވޭތީވެ، ކުރިއަށް އޮތް 3 ދުވަހު ދެކުނާއި މެދުތެރޭގެ އަތޮޅުތަކުގެ ބައެއް ރަށްތަކަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރައިން މިއަދުވަނީ ހާމަކުރައްވާފައެވެ.
މިހަފްތާގެ ތެރޭގައި ދެކުނުގެ ރަށްރަށަށް ވަރަށް ބޮޑަށް އުދައަރަމުންދާއިރު، މިއަދުވެސް ވަނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީއާއި ހުވަދު އަތޮޅުގެ އިތުރުން ހައްދުންމަތީގެ ބައެއް ރަށްރަށައި އަރިއަތޮޅުގެ ރަށްރަށަށްވެސް އުދައަރާފައެވެ.
މިއަދު ހިނގި އުދައރުމުގެ ހާދިސާގައި ގޮނދުށުން ފެށިގެން ބައެއް ރަށްރަށުގެ މަގުތަކުގެ ބޮޑު ސަރަހަދުތަކާއި ގޭގެއަށްވެސް ލޮނުގަނޑު ފޯރާފައިވެއެވެ. އޭގެ ތެރޭގައި އައްޑޫ ސިޓީގެ ގުޅިފައިވާ ބައެއް ރަށްރަށާއި، ގދ.އަތޮޅު މަޑަވެލިފަދަ ރަށްރަށް ހިމެނެއެވެ.
ރަށްތަކަށް ރާޅުއަރާނެކަމަށް ބެލެވޭތީ ޚާއްސަކޮށް ގޮނޑުދޮށާއި ކައިރި ހިސާބުތަކުގައި ދިރިއުޅޭ ފަރާތްތަކާއި، މޫދަށް އެރޭ ފަރާތަކުން މޫދަށް އެރި އުޅުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި އަދި ފަޅުތެރޭގައި އަޅައިފައި ހުންނަ އުޅަނދު ފަހަރުގެ ރައްކާތެރިކަމަށް ފިޔަވަޅުއެޅުމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.
މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކަށް އުދަ އަރާ އެކިވަރުގެ ގެއްލުންތައް އަންނަނީ ވަމުންނެވެ. މެޓް އޮފީހުން ވިދާޅުވީ، ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ އެކިހިސާބުތަކަށް ގުގުރުމާއިއެކު ވިއްސާރަކުރުން އެކަށީގެން ވާކަމަށެވެ. އަދި ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް ދެކުނާއި ހުޅަނގު ދެކުނުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ. އަދި ވިލާ ގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެން ވާކަމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.