ޚަބަރު

ކެލާ ނެރުގެ މައްސަލައަށް އަވަސް ހައްލެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތް - ކައުންސިލް


މި ސަރުކާރުން ކެލާ ނެރުގެ މައްސަލަ އަވަސް މުސްތަޤްބަލެއްގައި ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށް ހއ ކެލާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ކެލާ ކައުންސިލުން މިހެން ވިދާޅުވެފައިވާއިރު، އެމްޓީސީސީއާއި ހަވާލުކޮށްގެން މި ސަރުކާރުންވަނީ ކެލާގައި ޒަމާނީ ބަނދަރެއްވެސް ތަރައްޤީކޮށްދެއްވާފައެވެ.

ކެލާގެ ތަރައްޤީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ހއ. ކެލާ ކައުންސިލް މެމްބަރ އައިޝަތު މިޒްނާ ވިދާޅުވީ ކެލާގެ ބަނދަރަކީ އެ ރަށު ރައްޔިތުން ކުރަމުން އައި ދިގު އިންތިޒާރެއް ކަމަށެވެ. ނަމަވެސް ބަނދަރުގެ ނެރު މިހާރު ހަދާފައިހުރިގޮތުން ވެލިއަރައި ނެރު ތިލަވާތީ ކޮންމެ 4 އަހަރަކުން ނެރު ފުންކުރަންޖެހޭ ކަމަށެވެ. އެހެންކަމުން އެކަމަކީ ދާއިމީ ޙައްލެއް ބޭނުންވާ ކަމެއްކަމަށް އޭނާ ވިދާޅުވިއެވެ.

މިޒްނާ ވިދާޅުވީ ރަށުގެ ބަނދަރުގެ މައްސަލަ މި ސަރުކާރުން ހައްލުކޮށްދެއްވި ގޮތަށް އެރަށުގެ ނެރަށް ދިމާވެފައިވާ މައްލަވެސް ސަރުކާރުން ހައްލުކޮށްދެއްވާނެ ކަމުގެ ޔަޤީން އެބައޮތްކަމަށެވެ. މި މައްސަލަ ބަޔާންކޮށް ސަރުކާރަށް ސިޓީއަކުން ހުށަހަޅާ އެދެވޭ މަސައްކަތްތަކެއް ކުރެވޭކަމަށްވެސް ކެލާ ކައުންސިލްގެ މެމްބަރު ވިދާޅުވިއެވެ.

"ކޮންމެ 4 އަހަރަކުން ނެރު ފުންކުރުމަކީ ފަސޭހަކަމެއް ނޫން. މިކަމަށް އަވަސް ހައްލެއް ލިބޭނެކަމުގެ ބޮޑު އުންމީދެއް އެބައޮތް. މިކަމާއި ގުޅިގެން ސަރުކާރަށް ސިޓީއެއްވެސް ވަނީ ފޮނުވާފައި. އުންމީދަކީ ވަކި ޕްރޮޖެކްޓަކުންވެސް މިކަން ކުރެވޭނެކަމަށް" ކެލާ ކައުންސިލްގެ މެމްބަރ އައިޝަތު މިޒްނާ ވިދާޅުވިއެވެ.

ދެހާހަށްވުރެ ގިނަ މީހުން ކެލާގައި ދިރިއުޅޭއިރު، ކުރިން އެ ރަށުގައި އޮތީ 400 ފޫޓް ދިގު 250 ފޫޓް ފުޅާ ބަނދަރެކެވެ. މި ސަބަބައްޓަކައި ކެލާގެ އާބާދީއާ އެ ރަށުގައި ދުއްވާ ކަނޑު އުޅަނދު ފަހަރާ އަޅާބަލާއިރު، ބަނދަރުގެ ދަތިކަން ރައްޔިތުން ގިނަ އުނދަގޫތަކާއި ކުރިމަތިވިއެވެ.

މި މައްސަލަ ހައްލުކުރުމަށް ކެލާ ބަނދަރު ހެދުމަށް ހައުސިން މިނިސްޓްރީން ކެޕިޓަލް އިންވެސްޓްމަންޓް އެންޑް ފައިނޭންސް ޕްރައިވެޓް ލިމިޓެޑާ 2015 ވަނަ އަހަރުގެ ޖޫން މަހު ހަވާލުކުރިއެވެ. މި މަޝްރޫޢުގެ ދަށުން ބަނދަރުގެ އިރުމަތީ ފަރާތުން 450 ފޫޓު ދިގުކޮށް، ފުޅާމިން 300 ފޫޓަށް ބޮޑުކުރިއެވެ. މިއާއެކު ކެލާ ބަނދަރަކީ 750 ފޫޓު ދިގު އަދި 300 ފޫޓް ފުޅާ ތަނަވަސް ބަނދަރަކަށް ވެގެންދިޔައެވެ. އެހެންނަމަވެސްބަނދަރު ހެދުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވަނިކޮށް ބަނދަރުގެ ބޭރު ތޮށީގައި ހިލަ ޖަހަމުންދިޔަ ގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށް ނުގެންގޮސް ހުއްޓާލަން ޖެހުނެވެ.


ނަަވެސް ކެލާ ބަނދަރުގެ ދެވަނަ ދިޔަވަހީގެ މަސައްކަތް މި ސަރުކާރު ވެރިކަމަށް އައިސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކުރި 30 ޖޫން 2019ގައެވ.

މީގެ ކުރިން އެ މަސައްކަތް ހުއްޓާލަން ޖެހުނީ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރުމުން ކަމަށްވުމުން އެމްޓީސީސީން އަލުން މަސައްކަތް ފެށީ ބަނދަރުގެ ނުނިމިހުރި މަސައްކަތްތަކުގެ ތަފްޞީލާއި ރައްޔިތުންގެ ޚިޔާލުހޯދުމަށް ފަހުގައެވެ.

އެމްޓީސީސީއާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 210 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމުން ކޯވިޑް-19ގެ ހާލަތުގައިވެސް ހުއްޓުމެއްނެތި އެކުންފުނިން ވަނީ މި މަސައްކަތް ކުރިއަށް ގެންގޮސް 9 ޖުލައި 2020 ގައި ނިމާލާފައެވެ.

ކެލާގައި ޒަމާނީ ފެންވަރުގެ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކެލާ ފަޅުން 3496 ކިއުބިކް މީޓަރުގެ ސަރަޙައްދެއް ފުންކުރުމާއި، 12,768 ކިއުބިކް މީޓަރުގެ ނެރު ފުންކޮށް، 30 މީޓަރު ބޭރު ތޮއްޓެއް ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެއެވެ. އަދި ބަނދަރާ އިންވެގެން 1445 އަކަ މީޓަރުގެ ޕޭވްމަންޓް ހެދުމާއި، މަގު ބައްތި ހަރުކުރުމުގެ މަސައްކަތްވެސް މިމަޝްރޫޢުގެ ދަށުން ހިންގާފައިވެއެވެ.