ކުޅިވަރު

އަންނަ ސީޒަނަށް ކޯޗަކު ހޯދަން މަސައްކަތެއް ނުކުރަން - ބާސާ


ބާސެލޯނާއިން އަންނަ ސީޒަނަށް ކޯޗަކު ހޯދުމަށް މަސައްކަތް ނުކުރާ ކަމަށް އެ ޓީމުން ބުނެފިއެވެ.

ކުލަބުގެ ރައީސް ޖޯސެފް މާރިއާ ބާޓޮމެއު ބުނީ ބާސެލޯނާއިން މިވަގުތު ތިބީ ސީޒަނުގެ މެދުތެރެއިން ޓީމު ހަވާލުކުރި ކޯޗު ކީކޭ ސެޓިއެންއާއެކުގައި ކަމަށެވެ. ނަމަވެސް ސްޕެއިންގެ ނޫސްތަކުން ދަނީ ބާސެލޯނާއިން އާ ސީޒަނަށް ކޯޗަކު ހޯދުމަށް މަސައްކަތްކުރާކަމަށް ތުހުމަތު ކުރަމުންނެވެ. ސަބަބަކި ބައެއް ސީނިއާ ކުޅުންތެރިން ސެޓިއެންއާ މެދު ޚިޔާކުތަފާތުވުމެވެ. މި ގޮތުން ބާސެލޯނާގެ ކޯޗުކަމާ ހަވާލުވުން އެންމެ ގާތް ކޯޗަކީ އެކުލަބުގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒް ކަމަށް ވެސް ދަނީ ބުނަމުންނެވެ.

މިކަމާމެދު ބާޓޮމެއު ބުނީ ވަރަށް އަވަހަށް ނޫނީ ފަހުން ނަމަވެސް ޒަވީ ބާސެލޯނާއަށް ކޯޗުކޮށްދޭނެ ކަމަށާއި އެކަމާމެދު އެއްވެސް މީހަކު ޝައްކުނުކުރާނެ ކަމަށެވެ. ނަމަވެސް މިވަގުތު އާކޯޗަކު ހޯދުމަށް ކުލަބުން މަސައްކަތް ނުކުރާ ކަމަށާއި ސެޓިއެންއާ ޓީމު ހަވާލުކުރީ އަންނަ ސީޒަނާއެކުގައި ކަމަށެވެ.

ކޯޗާއި މެނޭޖްމަންޓާމެދު ހިތްހަމަނުޖެހިފައި ހުރުމުން ކެޕްޓަން ލަޔޮނަލް މެސީ އަންނަ ސީޒަނަށް ފަހު ޓީމު ދޫކޮށްލާނެ ކަމަށް ދެކެވޭ ވާހަކަތައް ވެސް ބާޓޮމެއު ދޮގުކުރިއެވެ. އޭނާ ބުނީ މެސީ ކެރިއަރު ނިންމާލާނީ ބާސެލޯނާގައި ކަމަށާއި އާކޮންޓްރެކްޓްގައި ސޮއިކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށެވެ.

ބާސެލޯނާ އަށް މި ސީޒަނުގެ ސްޕެނިޝް ލީގު ނުލިބޭނެކަން ގާތްގަނޑަކަށް ޔަގީންވެފައިވާއިރު ކުރިއަށް އޮތް ޗެމްޕިއަންސް ލީގު ކާމިޔާބުނުކުރެވިއްނަމަ އެ ޓީމަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ވެސް ސްޕޭނުގެ ނޫސްތަކުން ބުނެއެވެ.