ވިޔަފާރި

ގޫގުލްއިން މުކޭޝް އަމްބަނީގެ ކުންފުންޏަށް 4.5 ބިލިއަން ޑޮލަރު އިންވެސްޓްކުރަނީ


ގޫގުލްއިން އިންޑިއާގެ ރިލަޔަންސް އިންޑަސްޓްރީގެ އިންޓަނެޓް ވިޔަފާރިއަށް އިންވެސްޓްކުރަން ނިންމައިފިއެވެ.

ޚަބަރުތައް ބުނާގޮތުން ގޫގުލްއިން ވަނީ ރިލަޔަންސް އިންޑަސްޓްރީޒްގެ ޖިއޯ ޕްލެޓްފޯމްގެ 7.7 އިންސައްތަ ހިއްސާ 4.5 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައެވެ. ރިލަޔަންސް އިންޑަސްޓްރީގެ ވެރިޔާ އަދި މަޝްހޫރު ބިލިޔަނަރު މުކޭޝް އަމްބާނީ ވިދާޅުވީ ގޫގުލްއިން ކުރި އިންވެސްޓްމަންޓާއެކު ދެ ކުންފުނި ގުޅިގެން ފޯޖީ އަދި ފައިވްޖީ ނެޓްވޯކްތަކަށް ބޭނުންވާ ފޯނުތައް ތަރައްޤީކުރާނެކަމަށެވެ.

ގޫގުލްގެ އިތުރުން ފޭސްބުކް، އިންޓެލް އަދި ކުއަލްކޮމްއިންވެސް ވަނީ ޖިއޯގައި އިންވެސްޓްކޮށްފައެވެ. މިގޮތުން ފޭސްބުކްއިން 5.7 ބިލިއަން ޑޮލަރު ޖިއޯގެ 9.99 އިންސައްތަ ހިއްސާއަށް ވަނީ އިންވެސްޓްކޮށްފައެވެ.

ގޫގުލްއިން ޖިއޯގައި އިންވެސްޓްކުރަން ނިންމާފައިވާއިރު، އިންޑިއާގައި އިންޓަނެޓަކީ އަގުހެޔޮ އަދި ގިނަ ބަޔަކަށް ބޭނުންކުރެވޭ އެއްޗަކަށް ހެދުމަށް ގޫގުލްއިން ވަނީ އެޤައުމުގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރުމަށް ނިންމާފައެވެ. ގޫގުލްއިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމިކަން އިޢުލާންކުރީ "ގޫގުލް ފޯރ އިންޑިއާ" ނަމުގައި ބޭއްވި ޚާއްސަ ހަރަކާތެއްގައި ގޫގުލްގެ ސީއީއޯ ސުންދަރު ޕިޗާއީއެވެ.

ގޫގުލްގެ ސީއީއޯ ޕިޗާއީ ވިދާޅުވީ އިންޑިއާ ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ފުރިހަމަވެފައިނުވާއިރު، އެކަމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށެވެ. އަދި އިންޑިއާގައި އިންޓަނެޓްގެ އަގުހެޔޮކޮށް، ބިލިއަނަކަށް ވުރެ ގިނަ މީހުން އުޅޭ އިންޑިއާގެ ގިނަ ބަޔަކަށް ބޭނުންކުރެވޭ އެއްޗަކަށް އިންޓަނެޓް ހެދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ވޮއިސް އިންޕުޓްއާއި އިންޑިއާ މީހުން ވާހަކަދައްކާ އެކި ބަސްތައް ކޮމްޕިއުޓްކުރުމުގެ މަސައްކަތް ތަރައްޤީކުރަންޖެހޭކަމަށް ގޫގުލްގެ ސީއީއޯ ވިދާޅުވިއެވެ. މީގެ ސަބަބުން އަލަށް ވިޔަފާރިތަކަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގޫގުލްއިން އިންޑިއާގައި 10 ބިލިއަން ޑޮލަރު އިންވެސްޓްކުރަން ނިންމާފައިވާއިރު، އިންޑިއާއަކީ އެންމެ ބާރަށް ކުރިއަރަމުން އަންނަ އިންޓަނެޓް މާކެޓެވެ. އެގޮތުން އެޤައުމުގައި 700 މިލިއަން މީހުން އިންޓަނެޓް ބޭނުންކުރެއެވެ. އެހެންކަމުން އޭގެ ފައިދާ ނެގުމަށް ގޫގުލްގެ އިތުރުން ފޭސްބުކް، ނެޓްފްލިކްސް، ޓްވިޓަރއިންވެސް ވަނީ މިދިޔަ އަހަރުތަކުގެ ތެރޭގައި އެތައް ބިލިއަން ޑޮލަރެއް އިންޑިއާގައި އިންވެސްޓްކޮށްފައެވެ. އަދި ކުރިއަށް އޮތްތާނގައި އިތުރު ކުންފުނިތަކުންވެސް އިންޑިއާގެ ޑިޖިޓަލް މާކެޓަށް އިންވެސްޓްކުރުމަށް ތައްޔާރުވަމުންދާކަމަށް ޚަބަރުތައް ބުނެއެވެ.