ކުޅިވަރު

އަމާޒަކީ އޭއެފްސީ ކަޕުގައި ރާއްޖޭގެ ޓީމެއް މިހާތަނަށް ހޯދާފައިނުވާވަރުގެ ކާމިޔާބީއެއް ހޯދުން


މާޒިޔާގައި އޭނާގެ އަމިއްލަ ޓާގެޓަކީ ދިވެހި ޓީމެއް މިހާތަނަށް ހޯދާފައިނުވާވަރު ކާމިޔާބެއް ހޯދުންކަމަށް މާޒިޔާގެ ކޯޗުކަމާއި ހަވާލުވި މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނެފިިއެވެ.

އެއް އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުން މާޒިޔާގެ ކޯޗުކަމާ ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާ ވާހަކަދައްކަމުން ނިޒާމް ބުނީ، މިވަގުތު މާޒިޔާގައި މިއޮތް ސްކޮޑާއެކު އެނާގެ އެންމެ ފުރަތަމަ ޓާގެޓަކީ އޭއެފްސީ ކަޕުގައި ރަނގަޅު ނަތީޖާއެއް ނެރުންކަމަށެވެ. އަދި އޭއެފްސީ ކަޕުގައި ދިވެހި ޓީމެއް މިހާތަނަށް ހޯދާފައިނުވާވަރުގެ ކާމިޔާބީއެއް މާޒިޔާއަށް ހޯދައިދިނުމަކީ އޭނާގެ އަމާޒުކަމަށް ނިޒާމް ބުންޏެވެ.

ރާއްޖޭގެ ޓީމަކުން އޭއެފްސީ ކަޕުގައި މިހާތަނަށް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވަނީ \ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުންނެ. 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގައި ނިއުރޭޑިއަންޓް ވަނީ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ.

ނިޒާމް ބުނީ މާޒިޔާގައި މިވަގުތު މިއޮތް ސްކޮޑަކީ ރާއްޖޭގައި މިވަގުތު ނެގެން އޮތް އެންމެ ރަނގަޅު ސްކޮޑްކަމަށެވެ. އަދި ސްކޮޑާއި ދޭތެރޭ އޭނާގެ އެއްވެސް ޝައްކެއް ނެތްކަމަށް ނިޒާމް ބުންޏެވެ. އަދި މިހާރު މާޒިޔާގައި ތިބި ގިނަ ކުޅުންތެރިންނަކީ އޭނާގެ އިރުޝާދުގެ ދަށުން ކުޅެފައިވާ ކުޅުންތެރިންކަން މާޒިޔާގެ ކޯޗު ނިޒާމް ފާހަގަކުރިއެވެ.

"އަޅުގަނޑު ގަބޫލްކުރާ ގޮތުގައި މިވަގުތު މާޒިޔާގައި މިއޮތް ސްކޮޑާއެކު އަޅުގަނޑުގެ އެންމެ ފުރަތަމަ ޓާގެޓަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުން. އޭއެފްސީ ކަޕުގައި އަޅުގަނޑުގެ އަމިއްލަ ޓާގެޓެއް އެބައޮތް. އެ ޓާގެޓަކީ މިހާރު ދިވެހި ޓީމެއް ހޯދި އެންމެ ރަނގަޅު ނަތީޖާ ހޯދި ޓީމަށް މާޒިޔާ ހެދުން. އެ އަޒުމުގައި އަޅުގަނޑު މަސައްކަތް ކުރާނީ. އެއީ އެންމެ ބޮޑު ޓާގެޓަކީ". ނިޒާމް ބުންޏެވެ.

މާޒިޔާގެ ކޯޗަކަށް ނިޒާމް ހަމަޖެއްސިކަން އިޢުލާންކުރުމަށް ބޭއްވި ރަސްމީޔާތުގައި ވާހަކަ ދައްކަމުން މާޒިޔާގެ ޖެނެރަލް ސެކްރެޓަރީ އަބްދުލް ވައްޙާބު ބުނީ މާޒިޔާގެ ކޯޗަކަށް ނިޒާމް ހަމަޖެއްސީ އޭނާއަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ތަޖުރިބާކާރު ކޯޗަށްވުމުގެ އިތުރުން، ބައިނަލްއަޤުވާމީ މުބާރާތްތަކުންވެސް ފާހަގަކޮށްލެވޭފަދަ ކާމިޔާބީތަކެއް ނިޒާމް ހާސިލްކޮށްފައިވާތީކަމަށެވެ.