މަޤާމުގެ ނުފޫޒު ބޭނުންކުރުމާއި މަނީ ލޯންޑްރިންގެ ކުށް މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރު ނަޖީބް ރައްޒާގްގެ މައްޗަށް ސާބިތުވެއްޖެއެވެ.
މެލޭޝިޔާގައި 2009 ވަނަ އަހަރުން 2018 ވަނަ އަހަރަށް ބޮޑުވަޒީރުކަން ކުރެއްވި ނަޖީބްގެ މައްޗަށް ބޮޑެތި ކުށްތަކެއް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު، މިއީ މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތްކަމަށްވާ، ވަންއެމްޑީބީގެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ކުރާ ގިނަ ދައުވާތަކެއްގެ ތެރެއިން 7 ދައުވާއެކެވެ. މި ދައުވާގައި އޭނާގެ މައްޗަށް ކޮށްފައިވާ ހުރިހާ ތުހުމަތެއްވެސް ސާބިތުވާކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
މެލޭޝިޔާގެ ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ނަޒްލާން މުހައްމަދު ޤަޒާލީ ހުކުމް އިއްވަމުން ވިދާޅުވީ ކޯޓަށް ހުށަހެޅުނު ހެކިތަކަށް ބަލާއިރު، ނަޖީބްގެ މައްޗަށް ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާކަމަށެވެ.
މެލޭޝިޔާގައި މިހާތަނަށް ހިންގި އެންމެ ބޮޑު ހިޔާނާތުގައި ނަޖީބްގެ މައްޗަށް ސާބިތުވި ކުށްތަކުގެ ތެރޭގައި މަނީ ލޯންޑްރިންގ، މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ހިމެނެއެވެ. މިއީ މެލޭޝިޔާގެ ބޮޑުވަޒީރުކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް މިފަދަ ބޮޑު މައްސަލައެއް ސާބިތުވި ފުރަތަމަ ފަހަރެވެ.
ވަންއެމްޑީބީގެ ހިޔާނާތުގައި ދައުލަތުގެ 4.5 ބިލިއަނެއްހާ ޑޮލަރަށް ޚިޔާނާތްތެރިވެފައިވާއިރު، މީގެ ތެރެއިން ބިލިއަނެއްހާ ޑޮލަރު ލިބިފައިވަނީ ނަޖީބްއަށްކަމަށް ތުހުމަތުކުރެއެވެ. މިއަދު ހުކުމް އިއްވި މައްސަލައަކީ މީގެ ތެރެއިން 10 މިލިއަން ޑޮލަރާ ގުޅުންހުރި މައްސަލައެއްގައެވެ. ޚިޔާނާތުގެ މައްސަލައިގައި އޭނާގެ މައްޗަށް 40 އަށްވުރެ ގިނަ ދައުވާކުރެއެވެ.
ނަޖީބްގެ މައްޗަށް ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާއިރު، ބޮޑެތި ޖޫރިމަނާތަކަކާއެކު އޭނާގެ މައްޗަށް 15 އަހަރާއި 20 އަހަރު ދުވަހުގެ ޙުކުމެއް އަންނާނެއެވެ. މެލޭޝިޔާގެ ކުރީގެ ބޮޑުވަޒީރުގެ މައްޗަށް ބޮޑެތި ކުށްތަކެއް ސާބިތުވެފައިވާއިރު، އޭނާގެ މައްޗަށް އިތުރު 4 ދައުވާއެއް ވަނީ އުފުލާފައެވެ. އެ ދައުވާތަކުންވެސް އޭނާގެ މައްޗަށް ކުށް ސާބިތުވެ، ބޮޑު ހުކުމެއް އަންނާނެކަމަށް ތަޖުރިބާކާރުން ޤަބޫލުކުރެއެވެ.
ނަޖީބު ރައްޒާގުގެ އަނބިކަނބަލުން ރަސްމާ މަންސޫރުވެސް މީގެކުރިން ވަނީ ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ. ގެންގުޅުއްވި އަގު ބޮޑު ބްރޭންޑްތަކުގެ ދަބަހާއި ގަހަނާތަކާއި ޤައުމުން ބޭރަށް ކުރި އަގު ބޮޑު ދަތުރުތަކުގެ ސަބަބުން ބޮޑެތި ކޮރަޕްޝަން ތުހުމަތުތަކެއް ވަނީ ރަސްމާ މަންސޫރުގެ މައްޗަށްވެސް ކޮށްފައެވެ.