މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖިމް ޕާޓްނަރެއްގެ ގޮތުގައި ބޮޑީޓެކް ހަމަޖައްސައިފިއެވެ.
ލީގު ޗެމްޕިއަންކަން މާޒިޔާގެ ޖިމް ޕާޓްނަރަކަށް ބޮޑީޓެކް ހަމަޖައްސާފައިވަނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ.
މި އެއްބަސްވުމުގެ ދަށުން މާޒިޔާގެ ޖިމް ސެޝަންތައް ދެން ކުރިޔަށްގެންދާނީ ބޮޑީޓެކް ޖިމްގައެވެ. މީގެ ކުރިން މާޒިޔާއިން ބޭނުންކުރަމުންއާއި އެފްއޭއެމް ހައުސްގައި ޤާއިމްކޮށްފައިވާ ޖިމްއެވެ.
މާޒިޔާގެ ޖިމް ޕާޓްނަރަކަށް ބޮޑީޓެކް ހަމަޖެއްސިކަން އިޢުލާންކުރުމަށް މާޒިޔާގެ އޮފީހުގައި އިއްޔެ ހަވީރު ބޭއްވި ރަސްމީޔާތުގައި މާޒިޔާގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ވައިސް ޗެއާމަން އަބްދުﷲ މޫސާއެވެ. އަދި ބޮޑީޓެކްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުސައިދުއެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު މާޒިޔާގެ ފަރާތުން ވާހަކަ ދައްކަމުން އެ ކްލަބުގެ ބޯޑު މެމްބަރު ޙަސަން ޝިފާން ބުނީ މި އެއްބަސްވުމުގެ ދަށުން މާޒިޔާގެ ޖިމް ސެޝަންތައް ދެން ކުރިޔަށްދާނީ ބޮޑީޓެކްގައި ކަމަށް. އަދި ބޮޑީޓެކްއަކީ މާލޭގައި މިވަގުތު އެންމެ ރަނގަޅު އެއް ޖިމް ކަމަށާއި، މި ޕާޓްނާޝިޕްގެ ދަށުން ދެ ފަރާތަށްވެސް ރަނގަޅު ފައިދާތަކެއް ކުރާނެކަމަށެވެ.
"އަސްލު އަޅުގަނޑުމެން ބޮޑީޓެކާއެކު ޕާޓްނާޝިޕް މިހެދީ މިވަގުތު މާލޭގައި އެންމެ މަޤުބޫލް އެންމެ ރަނގަޅު އެއް ޖިމަށްވާތީ. ދެން އަޅުގަނޑުމެން ކްލަބަށްވެސް މި ޕާޓްނާޝިޕްގެ ތެރެއިން ހަމަ ވަރަށް ރަނގަޅު ފައިދާތަކެއް ލިބޭނެކަމަށް ޤަބޫލްކުރެވޭތީ. ދެން މި އެއްބަސްވުމުގެ ދަށުން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ޖިމް ސެޝަންތައް ދެން ދާނީ ބޮޑީޓެކްގައި. ދެން މި އެއްބަސްވުމުގެ ދަށުން އަޅުގަނޑުމެންގެ ޓްރެއިނިންގ ޖާޒީގައި ބޮޑީޓެކްގެ ލޯގޯ ޖެހިގެންދާނެ." ޝިފާން ބުންޏެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ބޮޑީޓެކްގެ މެނޭޖިން ޑިރެކްޓަރު މުސައިދު ވިދާޅުވީ، މާޒިޔާއާއެކު މި އެއްބަސްވުމުގައި ސޮއިކުރި މައިގަނޑު ސަބަބަކީ މާޒިޔާއަކީ ރާއްޖޭގައި މިވަގުތު އެންމެ ވަރުގަދަ މެނޭޖްމަންޓާއެކު ހިންގަމުންދާ ކްލަބް ވާތީކަމަށެވެ.
މާޒިޔާއިން ވަނީ ދާދި ފަހުން އެ ކްލަބުގެ ކޯޗަކަށް މުހައްމަދު ނިޒާމް ހަމަޖައްސާފައެވެ. އަދި އަންނަ މަހުގެ ކުރީކޮޅު އޭއެފްސީ ކަޕަށް ތައްޔާރުވުމަށްޓަކައި މާޒިޔާއިން ފަރިތަކުރުންތައް ފެށުމަށްވަނީ ނިންމާފައެވެ.
އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާގެ ގްރޫޕުގެ މެޗުތައް ރާއްޖޭގައި ކުޅުމުގެ ފުރުޞަތު ލިބިފައިވާއިރު މިއީ އޭއެފްސީ ކަޕުގައި ވާދަކުރާ ރާއްޖޭގެ ކްލަބްތަކަށް މި މުބާރާތުގައި ރަނގަޅު ނަތީޖާއެއް ހޯދުމަށް ލިބުނު ރަނގަޅު ފުރުޞަތެކެވެ.