ޚަބަރު

މާސްކު ނަގައިގެން މަގުމަތީ ސިނގިރޭޓް ބޯކަށް ނުތިބެވޭނެ


މާސްކު ނަގައިގެން ނުވަތަ ތިރިކޮށްގެން މަގުމަތީ ދުންފަތުގެ އިސްތިއުމާލުކުރަން ތިބުމަކީ މަނާކަމެއްކަމަށް ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރުން ހާމަކުރައްވައިފިއެވެ.

ކޯވިޑާއި ގުޅިގެން ފުރަންބަދުގައި އޮތުމަށްފަހު ދިން ލުއިތަކާއި އެކު ބަލިޖެހޭ މީހުންގެ އަދަދު އިތުރުވަމުން އަންނާތީ އާއްމު ތަންތަނަށް ނުކުންނައިރު މާސްކު އެޅުން މިއަދުން ފެށިގެން ވަނީ މަޖްބޫރުކޮށްފައެވެ. އަދި ،މާސްކު ނަޅާ ފަރާތައް 1000 ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ފަށާފައެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ ނަޒްލާ ރަފީގް ވިދާޅުވީ ބަލިން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއްގެ ގޮތުން މިހާރު މިވަނީ މަގުމަތީގައި މާސްކު އަޅައިގެން އުޅެން މަޖްބޫރުކޮށްފައެވެ. އެހެންކަމުން މަގުމަތީގައި ދުންފަތުގެ އިސްތިއުމާްލުކުރަން ނުތިބެވޭނެކަމަށްވެސް ނަޒްލާ ވިދާޅުވިއެވެ.

" މަގުމަތީ މާސްކު އަޅައިގެން އުޅެންޖޭކަމަށް ވަންޏާ އޮޓެމެޓިކަލީ އޭގެ މާނައަކީ މަގުމަތީގައި ސިނގިރޭޓް ބޯކޮށް ނުތިބެވޭނެއޭ މާސްކު ތިރިކޮށްގެން." ޑރ ނަޒްލާ ވިދާޅުވިއެވެ.

ފުރަބަންދަށްފަހު ލުއިތައް ދިންތާ ކުރީކޮޅު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ހުރީ އެވްރެޖްކޮށް 30 ވުރެ ދަށުގައެވެ. އެހެންނަމަވެސް ވޭތުވެދިޔަ ހަފްތާއއިން ފެށިގެން މިއަދު އަންނަނީ އިތުރުވަމުންނެވެ. އެޗްއީއޯސީން އެންމެފަހުން އާއްމުކުރި ހިސާބުތައް ދައްކާގޮތުން ނިމިދިޔަ ހަފްތާގެ ތެރޭގައި 500 ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. ރާއްޖެއިން މި ބަލި ފެނުނުތާ އެންމެ ކުރީކޮޅުވެސް 500 މީހުންނަށް މި ބަލި ޖެހިފައިވަނީ 56 ދުވަހުގެ ތެރޭގައެވެ.