ޔޫއެފާ ޔޫރޮޕާ ލީގުގައި ސްޕެއިންގެ ގެޓާފޭ އަތުން 0-2 މޮޅުވި މެޗުގައި ޓީމުގެ ފަރާތުން ފެންނަޖެހޭ ކުޅުން ފެނިގެން ދިޔަކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ބުނެފިއެވެ.
ކޮންޓޭ ބުނީ 0-2 ގެ ނަތީޖާއަކީ އިންޓަ މިލާނަށް ހައްގު ނަތީޖާއެއް ކަމަށާއި އެހެން ނަމަވެސް މެޗުގައި އިތުރު ލަނޑުތަކެއް ޖެހޭނެކަމަށް އޭނާ ގަބޫލްކުރާކަމަށެވެ. ކޮންޓޭ ބުނީ މެޗުގެ ކުރިންވެސް ގެޓާފޭގެ ފަރާތުން އުނދަގޫތަކެއް ދިމާވާނެކަން އެނގުނު ކަމަށާއި ފުރަތަމަ ކޮޅުގައި އުނދުގޫވި ނަމަވެސް ފަހުން މެޗުގެ ކޮންޓްރޯލް އިންޓައިން އަތުލިކަމަށެވެ.
އޭނާ ވަނީ މެޗުގައި ޓީމުގެ ހުރިހާ ކުޅުންތެރިން ކުރި މަސައްކަތް ފާހަގަކޮށް ވާހަކަ ދައްކާފައެވެ. ކޮންޓޭ ބުނީ މެޗެއްގައި މޮޅުވާން ކުރަންޖެހޭ ހުރިހާ މަސައްކަތެއް އޭނާގެ ޓީމުގެ ކުޅުންތެރިން ފަރާތުން ފެނުނު ކަމަށެވެ. އަދި އިތުބާރާއި ޔަގީންކަމާއެކު ކުޅުމުގެ ސަބަބުން އޭނާ ބޭނުންވާ ކުޅުން ކުޅުންތެރިންގެ ފަރާތުން ފެނުނުކަމަށް ކޮންޓޭ ބުންޏެވެ.
މެޗުގައި އިންޓަމިލާނަށް ފުރަތަމަ ލަނޑު ޖަހައިދިން ރޮމޭލޫ ލުކާކޫއަށް ކޮންޓޭވަނީ ވަރަށް ބޮޑަށް ތަޢުރީފްކޮށްފައެވެ. ރޭ ލުކާކޫ ޖެހި ލަނޑާއެކު މި ސީޒަންގައި އިންޓަމިލާނަށް އޭނާ ޖެހި ލަނޑުގެ ޢަދަދު ވަނީ 30 އަރާފައެވެ. އަދި ޔޫރޮޕާ ލީގުގައި އެންމެފަހުން ކުޅުނު 8 މެޗުގައި ވެސް ލަނޑުޖެހި ލުކާކޫ ވަނީ ކުރިން މިޢަދަދަށް ޔޫއެފާ ކަޕުގައި ލަނޑުޖެހި ނިއުކާސަލްގެ އެލެންޝިއަރާގެ ރެކޯޑާހަމަކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން ޖަރުމަނުގައި ކުޅުނު މެޗު ކާމިޔާބުކޮށް އިންޓަރ މިލާނުން ވަނީ މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދާފައެވެ. މިއީ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގު އިންޓަ މިލާނުން ކާމިޔާބުކުރި ފަހުން ޔޫރަޕުގެ މުބާރާތެއްގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ފަހަރެއެވެ.