ކުޅިވަރު

ބޭނުންވަނީ ސީޒަންގައި ދެއްކި ކުޅުން ޔޫރޮޕާ ލީގުގައި ވެސް ދައްކަން: ނޫނޯ


ޔޫރޮޕާ ލީގުގެ ގަދަ ސޯޅައިގެ ދެވަނަ ލެގުގައި ގްރީސްގެ އޮލިންޕިއާކޯސްއާ ދެކޮޅަށް ނުކުންނައިރު ބޭނުންވަނީ ވުލްވްސްއިން ސީޒަންގައި ދެއްކިފަދަ ކުޅުމެއް ދައްކަންކަމަށް އެޓީމުގެ ޕޯޗުގަލްގެ ކޯޗު ނޫނޯ އެސްޕިރީޓޯ ސަންޓޯ ބުނެފިއެވެ.

މިރޭ ވުލްވްސްގެ ދަނޑުގައި ކުޅޭ މެޗާ ގުޅޭ ގޮތުން ވާހަދައްކަމުން ނޫނޯ ބުނީ މިއަހަރަކީ ބަލިމަޑުކަމާ ހުރި އުނދަގޫ ހާލަތެއްގައި ކަންކަން ހަމަޖައްސަން ޖެހުނު އަހަރެއް ކަމަށާއި އެހެންކަމުން އެޓީމުންވެސް އެގޮތައް ހޭނެން ޖެހިފައިވާކަމަށެވެ. އޭނާ ބުނީ މެޗުގެ ކުރިން އަރާމުކުރަން ދުވަސްތަކެއް ލިބުމަކީ ރަނގަޅު ފާލެއް ކަމަށާއި މަސައްކަތް ކުރާނީ ސަތޭކަ ޕަސެންޓް ދީގެން މެޗު ކާމިޔާބުކުރަންކަމަށެވެ.

ނޫނޯ ބުނީ މިސީޒަނަކީ ވުލްވްސްއަށް ކާމިޔާބު ސީޒަނެއްކަމަށެވެ. އެގޮތުން އޭނާ މަސައްކަތް ކުރާނީ ސީޒަންގައި ވެސް ދެއްކި ވަރުގަދަކުޅުން ޔޫރޮޕާ ލީގުގައި ތަކުރާރު ކުރަންކަމަށް ނޫނޯ ބުންޏެޥެ.

އިނގިރޭސި ޕްރިމިއަރ ލީގުގެ ހަތް ވަނައިގަ ނިންމާލުމުން އަންނަ ސީޒަންގައި ޔޫރަޕުގައި ކުޅެން ވުލްވްސް އޮތް ހަމައެކަނި ފުރުސަތަކީ ޔޫރޮޕާ ލީގު ކާމިޔާބުކުރުމެވެ. ގްރީސްގައި ކުޅުނު ފުރަތަމަ ލެގު 1-1 ލަނޑުން އެއްވަރުވުމުން މެޗަށް ނުކުންނައިރު ރަށުންބޭރުގައި ޖެހި ލަނޑުގެ ސަބަބުން ވުލްވްސްއަށް އެޑްވާންޓޭޖް އެބައޮތެވެ.