ކުޅިވަރު

ރެއާލް އާއި ދެކޮޅަށް ވާދަކުރާ ދެވަނަ ލެގު ވަރަށް ތަފާތުވާނެ - ގާޑިއޯލާ


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ގަދަ ސޯޅައިގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ރެއާލް މެޑްރިޑް ވާދަކުރި މެޗަކީ މުޅިން ތަފާތު މެޗެއް ކަމަށާއި ދެވަނަ ލެގުގައި އެޓީމާ ދެކޮޅަށް ނުކުންނައިރު މޮޅުވާން އުނދަގޫވާނެކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ، ފުރަތަމަ ލެގު ކުޅުނީ މީގެ ދުވަސްތަކެއްގެ ކުރިން ކަމަށާއި އެހެންކަމުން މިހާރުގެ ހާލަތަށް ބަލާއިރު މެޑްރިޑް މާބޮޑަށް ވެސް ތަފާތުކަމަށެވެ. އެމެޗުގައި ހިނގައިދިޔަ ކަންތަކާއި ނަތީޖާވެސް މުޅިން ތަފާތުކަމަށާއި ދުވަސް ތަކަކަށްފަހު ދެވަނަ ލެގާ ކުރިމަތިލާއިރު އަމިއްލަ ދަނޑުގައި ކުޅުނު ނަމަވެސް ސަޕޯޓަރުންނާ ނުލައި ކުޅެން ޖެހޭތީ އަމިއްލަ ދަނޑުގައި ކުޅޭކަމުގެ އިހްސާސް ނުވާކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ބުންޏެވެ.

ގާޑިއޯލާ ބުނީ އެންމެ ފުރަތަމަ ކަމަކީ ސިއްހަތު ކަމަށާއި މި އުނދަގޫ ހާލަތުން އަރައިގަނެވޭނީ ކޮންމެވެސް އެއްބަޔަކު ގުރުބާން ވެގެންކަމަށެވެ. އޭނާ ބުނީ ބްރޭކަކަށް ފަހު ރެއާލް މެޑްރިޑް އެނބުރި އައީ ކިހާ ވަރުގަދަކޮށްކަން އޭނާއަށް އެނގޭކަމަށާއި އެހެންކަމުން މެޗުން މޮޅުވާން އުނދަގޫވާނެކަން މާކުރިންވެސް އެނގޭކަމަށެވެ. ގާޑިއޯލާ ބުނީ ހެދޭ އެންމެ މިސްޓޭކަކުން އޭގެ ނުބައި އަސަރު ޓީމުގެ މުސްތަޤުބަލަށް ކުރާނެކަން އޭނާއަށް އެނގޭކަމަށެވެ. އަދި ކޮންމެ ފެންވަރެއްގެ ޓީމެއް ކުރިމަތީގައި އޮތްކަމުގައި ވީނަމަވެސް ބޭނުންވަނީ މޮޅުވެގެން މުބާރާތުގެ ގަދަ އަށަކުން ޖާގަ ހޯދުންކަމަށެވެ. އޭނާ ބުނީ ކުރިޔަށް ފިޔަވަޅު އަޅަން ބޭނުން ކަމުގައިވާނަމަ މުބާރާތް ކާމިޔާބު ކުރުން މުހިންމު ކަމަށާއި މިހާރު އުންމީދަކީ އެއީ ކަމަށެވެ.

މި ދެޓީމު ފުރަތަމަ ލެގުގައި މެޑްރިޑްގައި ވާދަކުރި މެޗު 2-1 ލަނޑު ކާމިޔާބު ކުރީ ސިޓީއެވެ.