ޚަބަރު

އިންޑިއާއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަން ހުރަސްކޮށްފި


އަވައްޓެރި އިންޑިއާއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަން ހުރަސްކޮށްފިއެވެ. މި ބަލި އެންމެ ބޮޑަށް ފެތުރޭ އެމެރިކާއާއި ބުރެޒިލަށްފަހު އެންމެ ހަލުވިކޮށް ބަލި ފެތުރެމުން އަންނަނީ އިންޑިޔާގައެވެ. އިންޑިއާގެ ކޯވިޑްގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެ އެކަނިވެސް އެޤައުމުން 62 ހާސް 500 ވުރެ ގިނަ މީހުން މި ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. މީ މިހާތަނަށް އެންމެ ގިނަ މީހުން އެއްދުވަހެއްގެ ތެރޭގައި ޕޮޒިޓިވްވި ދުވަހެވެ.

އިންޑިއާގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު ދެ މިލިއަން ހުރަސްކުރި އިރު މި ބަލީގެ މަރުވި މީހުންގެ އަދަދުވެސް ވަނީ 41 ހާހަށްވުރެ މައްޗަށް އަރާފައެވެ. އިންޑިއާގައި އެންމެ ބާރަށް މި ބަލި ފެތުރެމުން އަންނަނީ މަހާރަސްޓާގައެވެ. އެ ސްޓޭޓުން މިހާތަނަށް ފަސް ލައްކައަށްވުރެ ގިނަ މީހުންނަށް ވަނީ މި ބަލި ޖެހިފައެވެ. އަދި ފަރުވާ ހޯދަމުން އަންނަ މީހުންގެ އަދަދުވެސް އެއްލައްކަ 40 ހާހަށްވުރެ މައްޗަށް އަރައެވެ. އެ ސްޓޭޓުން މަރުވި މީހުންގެ އަދަދު ހުރީ 16 ހާހުން މަތީގައެވެ.

އިންޑިއާއަށްފަހު މި ސަރަހައްދުން މި ބަލި އެންމެ ބޮޑަށް ފެތުރެމުން އަންނަނީ ޕާކިސްތާނުގައެވެ. އެޤައުމުގައި މިހާތަނަށް މި ބަލިޖެހުނު މީހުންގެ އަދަދުވަނީ ދެ ލައްކަ 82 ހާހަށްވުރެ މައްޗަށް އަރާފައެވެ. އަދި މަރުވި މީހުންގެ އަދަދު ހުރީ 6 ހާހުން މަތީގައެވެ. މި ސަރަހައްދުން މިބަލި އެންމެ ބޮޑަށް ފެތުރޭ ތިންވަނަ ޤައުމުކަމަށްވާ ބަންގްލަދޭޝުން މިހާތަނަށް ދެލައްކަ 49 ހާހަށްވުރެ ގިނަ މީހުންނަށްވަނީ ބަލިޖެހިފައެވެ. އަދި 3 ހާސް 3 ސަތޭކައަށްވުރެ ގިނަ މީހުން އެޤައުމުން ވަނީ މަރުވެފައެވެ.

ކޯވިޑް ޖެހުނު މީހުން އެންމެ ގިނަ ގައުމަކީ އެމެރިކާއެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އުޅެނީ 4.8 މިލިއަނަށް ވުރެ މަތީގައެވެ. އެމެރިކާއިން މި ބަލީގައި މިހާތަނަށް އެއްލައްކަ 60 ހާހަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ ނިއުޔޯކް ސިޓީންނެވެ. އެ ސިޓީން މަރުވި މީހުންގެ އަދަދު 32 ހާހަށްވުރެ މައްޗަށް އަރައެވެ.

ދެން މި ބަލީގެ މީހުން އެންމެ ގިނައީ ބްރެޒިލްގައެވެ. އެ ޤައުމުން މިހާތަނަށް 2.9 މިލިއަނަށް ވުރެ ގިނަ މީހުންނަށް ވަނީ ބަލިޖެހިފައެވެ. މަރުވި މީހުންގެ އަދަދު ހުރީ 98 ހާހަށްވުރެ މަތީގައެެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅު ޗައިނާގެ ހޫބޭ ސިޓީން އުފަންވިކަމަށް ބުނާ ކޯވިޑް-19 މިހާތަނަށް މުޅި ދުނިޔެއިން ޖެހުނު މީހުންގެ އަދަދު ވަނީ 19 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މި ބަލި ޖެހިގެން މިހާތަނަށް މުޅި ދުނިޔެއިން 7 ލައްކަ 14 ވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

ބަލި ފެނުނު ޗައިނާއިން ވަނީ ބަލި ކޮންޓްރޯލްކޮށްފައެވެ. ބަލި ފެނުނު ދުވަސްކޮޅު އެންމެ ބާރަށް ބަލި ފެތުރުނު ލިސްޓްގެ އެއްވަނާގައި އޮތް ޗައިނާ މިވަގުތު އޮތީ މި ބަލި ފެތުރޭ ޤައުމުތަކުގެ ލިސްޓްގައި 29 ވަނަ ޤައުމެއްގެ ގޮތުގައެވެ. އެ ގައުމުން މި ބަލި ޖެހުނު މީހުންގެ އަދަދު އޭޕްރިމަހުގެ ނިޔަލަށް 82 ހާހުގައި ހިފެހެއްޓިފައި އޮތްނަމަވެސް މިހާރު މިއަދަދު ވަނީ 88 އަރާފައެވެ. އަދި ބަލީގައި އެ ޤައުމުން މަރުވި މީހުންގެ އަދަދު އޭޕްރިލުން ފެށިގެން 4600 ވުރެ މައްޗަކަށް ނާރައެވެ.