ކުޅިވަރު

ޔޫރޮޕާ ލީގު: ސެވިއްޔާ އަދި ޝަހުތަރު ޑޮނެސްކް ސެމީއަށް


ޔުއެފާ ޔޫރޮޕާ ލީގުގެ ސެމީ ފައިނަލުގެ ފަހު ދެ ޖާގަ ސްޕެއިންގެ ސެވިއްޔާ އަދި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކުން ހޯދައިފިއެވެ.

އެގޮތުން މުބާރާތުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ސެވިއްޔާއިން ވުލްވްސްގެ މައްޗަށް ކުރި ހޯދީ 1-0 ގެ ނަތީޖާއަކުންނެވެ. އަދި ޝަހުތަރު ޑޮނެސްކުން ސެމީ ފައިނަލުގެ ޖާގަ ކަށަވަރުކުރީ ބަސެލްގެ މައްޗަށް 4-1 އިން ކުރި ހޯދައިގެންނެވެ.

ކުއާޓާ ފައިނަލްގައި ރޭ ސެވިއްޔާއާއި ވުލްވްސް ބައްދަލުކުރި މެޗުގެ ކުރީކޮޅު ވުލްވްސްއަށް ވަނީ ލީޑު ނަގަން ރަނުގެ ފުރުޞަތެއް ލިބިފައެވެ. އެގޮތުން ވުލްވްސްގެ އެޑަމާ ޓްރައޯރޭ އަށް ޕެނަލްޓީ އޭރިއާތެރެއިން ސެވިއްޔާގެ ޑިއޭގޯ ކާލޯސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެޓީމަށް ވަނީ ނާކާމިޔާބުވެފަ. މެޗުގެ ތޭރަ ވަނަ މިނެޓުގައި ވުލްވްސްގެ މެކްސިކޯ ފޯވާޑް ރައުލް ހިމެނޭޒް ފޮނުވާލި ޕެނަލްޓީ ސެވިއްޔާ ގޯލްކީޕަރު ބޯނޯ ވަނީ ދިފާއުކޮށްފައެވެ.

މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ވަރަށް އަވަސް ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފް ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މި މެޗުން މޮޅުވެ ސެވިއްޔާއަށް މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ޔަގީންކޮށްދިން ލަނޑު މެޗު ނިމެން ދެ މިނެޓަށްވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ، އޮކަމްޕޯސްއެވެ.

މުބާރާތުގެ ސެމީ ފައިނަލްގައި އަންނަ އާދީއްތަ ދުވަހުގެ ރޭ ސެވިއްޔާ ވާދަކުރަން ޖެހޭނީ އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.

ސެވިއްޔާ އަތުން ބަލިވެ، ޔޫރޮޕާ ލީގުން ކެޓުމާއެކު އަންނަ ސީޒަނުގައި ވުލްވްސް އަށް ޔޫރަޕްގެ މުބާރާތެއްގައި ކުޅުމުގެ ފުރުސަތު ނުލިބޭނެއެވެ. ވުލްވުސް ޕްރެމިއާ ލީގު ނިންމާލީ ހަތްވަނައިގައެވެ. އެއީ ހަ ވަނަ ހޯދި ޓޮޓެންހަމާ ޕޮއިންޓްގެ ގޮތުން އެއްވަރުވެ ގޯލުގެ ތަފާތުންނެވެ.

ރޭ ކުޅުނު ކުއާޓާ ފައިނަލްގެ އަނެއް މެޗުގައި ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކުން ވަނީ ސްވިޒަލޭންޑްގެ އެފްސީ ބަސެލްގެ މައްޗަށް 4-1 އިން ކުރި ހޯދައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފައެވެ.

މި މެޗުގައި ޝަހުތަރަށް ލަނޑުތައް ޖަހައިދިނީ ޖޫނިއާ މޮރާއެސް، ޓައިސަން، އެލާން ޕެޓްރިކް އަދި ޑޯޑޯއެވެ. ބަސެލްގެ ހަމައެކަނި ގޯލު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ރިކީ ވޯލްފްސްވިންކަލްއެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އަންނަ ހޯމަ ދުވަހުގެ ރޭ ޝަހުތަރު ޑޮނެސްކުން ނުކުންނަނީ އިޓަލީގެ އިންޓަރ މިލާނާއި ދެކޮޅަށެވެ.