ކުޅިވަރު

ޗެމްޕިއަންސް ލީގު: ސިޓީގެ އުއްމީދުތައް ފެނަށް ދުއްވާލުމަށްފަހު ލިޔޯން ސެމީއަށް


ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓާ ސިޓީގެ އުއްމީދުތައް ފެނަށް ދުއްވާލުމަށްފަހު ފްރާންސްގެ ލިޔޯނުން މުބާރާތުގެ ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ.

ޕޯޗުގަލްގެ ލިޒްބަންގައި ކުޅުނު ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ރޭ މެންޗެސްޓާ ސިޓީގެ މައްޗަށް ލިޔޯން ކުރިހޯދީ 1-3 ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު މިއަހަރުގެ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކުރާނީ ފްރާންސްއާއި ޖަރުމަނުގެ ދެ ޓީމެއެވެ. އެއީ ޖަރުމަނުގެ ލިޕްޒިގްގެ އަދި ބަޔާން މިއުނިކްގެ އިތުރުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އަދި ލިޔޯންއެވެ.

މެންޗެސްޓާ ސިޓީގެ މައްޗަށް ކުރިހޯދާ ސެމީ ފައިނަލަށް ފުރަތަމަ ފަހަރަށް ދަތުރުކުރި ލިޔޯން ކުއާޓާ ފައިނަލަށް ދަތުރުކުރީ މުބާރާތުގެ ދެވަނަ ބުރުގައި އިޓަލީގެ ޗެމްޕިއަން ޕީއެސްޖީގެ މައްޗަށް ކުރި ހޯދައިގެންނެވެ. އަދި މިހާތަނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައިނުވާ މެންޗެސްޓާ ސިޓީ ކުއާޓާ ފައިނަލަށް ދަތުކުރުކުރީ ގަދަ ސޯޅައިގައި ޗެމްޕިއަންސް ލީގުގެ އެންމެ ކާމިޔާބު ޓީމު ރެއާލްގެ މެޑްރިޑްގެ މައްޗަށް 2-4 ގެ އެގްރިގޭޓް ނަތީޖާއަކުން އެޓީމު ބަލިކުރުމަށްފަހުއެވެ.

މެންޗެސްޓަރ ސިޓީ އާއި ލިޔޯން ބައްދަލުކުރި މެޗު ފަށައިގެން ގިނަ ވަގުތު ސިޓީން ބޯޅަ ގެންގުޅުނު ނަމަވެސް އެ ޓީމުގެ ފަރާތުން އުއްމީދުކުރި ވަރުގެ ކުޅުމެއް ފެނިގެންގޮސްފައެއްނުވެއެވެ. ހާއްސަކޮށް މެޗުގެ ފުރަތަމަ ހާފުގައި ސިޓީގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ.

މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ލިޔޯން އިންނެވެ. މި ލަނޑު މެޗުގެ މި ލަނޑު މެޗުގެ ސައުވީސް ވަނަ މިނެޓްގައި ލިޔޯން އަށް ކާމިޔާބުކޮށްދިނީ މެކްސްވެސް ކޯނޭ. މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ލިޔޯން ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ސިޓީން ކުޅުން ރަނގަޅުކޮށް ލިޔޯންގެ ގޯލަށް ނުރައްކާކުރެވޭތޯ ވަރަށް މަސައްކަތްކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ ފަސްދޮޅަސް ނުވަ ވަނަ މިނެޓްގައި ރަހީމް ސްޓާލިންގ ދިން ބޯޅައަކުން ކެވިން ޑިބްރޫނޭ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ސިޓީއަށް ހަމަހަމަކޮށްދިނެއެވެ.

މެޗުގެ ނަތީޖާ ހަމަހަމަވެފައިވަނިކޮށް ހަތްދިހަ ނުވަ ވަނަ މިނެޓްގައި އަނެއްކާވެސް ލީޑު ނެގީ ލިޔޯން އިންނެވެ. ލިޔޯން އަށް ދެވަނަ ފަހަރަށް ލީޑް ނަގައިދިން ލަނޑު ދެވަނަ ހާފްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް މޯސާ ޑެމްބެލޭއެވެ.

މި ލަނޑަށްފަހު ދެވަނަ ފަހަރަށް ސިޓީއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރަން ރަނުގެ ފުރުސަތެއް ލިބުނެވެ. އެގޮތުން ސްޓާލިން އަށް ލިޔޯންގެ ގޯލް ކުރިމަތިން ހުސްކޮށް ލިބުނު ބޯޅަ ގޯލަށް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ނަތީޖާ ހަމަހަމަކުރުމަށް ސިޓީގެ ސްޓާލިންއަށް ރަނުގެ ފުރުޞަތު ލިބުނުތާ އިރުކޮޅެއް ފަހުން ލިޔޯނުން ވަނީ އެޓީމުގެ ތިން ވަނަ ލަނޑު ޖަހައިފައެވެ. މި ލަނޑު މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް އެޓީމަށް ކާމިޔާބުކޮށްދިނީ ޑެމްބެލޭއެވެ.

މި ނަތީޖާއާއެކު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އަންނަ އަންގާރަ ދުވަހުގެރޭ ޖަރުމަނުގެ އާރްބީ ލިޕްޒިގް ބައްދަލުކުރާނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީއާއެވެ. ސެމީ ފައިނަލުގެ ދެވަނަ މެޗުގައި ބުދަ ދުވަހުގެ ރޭ ލިޔޯން ނުކުންނާނީ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކާ ދެކޮޅަށެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ކުޅުމަށް ތާވަލްކޮށްފައިވަނީ އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ރެއަށެވެ.