ޔުއެފާ ޔުރޮޕާ ލީގުގައި ކުރިން ހޯދާފައިހުރި ކާމިޔާބާކުން ކުރާނެ އެއްވެސް ފައިދާއެއް ނޯންނާނެކަމަށް ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ ބުނެފިއެވެ.
ޔުރޮޕާ ލީގުގެ ފައިނަލުގައި އިޓަލީގެ އިންޓަ މިލާނާ ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ލޮޕެޓެގީ ބުނީ މާޒީގައި ހޯދާފައިވާ ކާމިޔާބަކުން މުބާރާތެއްގައި ފައިނަލުގައި ކުރެވޭނެ މާބޮޑު ކަމެއް ނޯންނާނެކަމަށެވެ. އެއީ ތަފާތު ޓީމުތަކުން ހާސިލްކޮށްފައިވާ ކާމިޔާބީތަކެއް ކަމަށާއި އެޓީމުތަކާއި އޭނާގެ ޓީމާވެސް ތަފާތުކަމަށެވެ.
އޭނާ ބުނީ އިންޓަ މިލާނަކީ ތަފާތު މޮޅުން ކުޅުންތެރިން ހިމެނޭ މޮޅު ކޯޗަކާއެކު ވާދަކުރާ ޓީމެއްކަމަށެވެ. ކުރިން ސްޕެއިންގެ ގައުމީ ޓީމަށް ވެސް ކޯޗުކޮށްދިން ލޮޕެޓެގީ ބުނީ އުއްމީދަކީ ބަލާހިތްވާ މޮޅު ކުޅުމެއް ދެޓީމުގެ ފަރާތުންވެސް ފެނިގެންދިޔުންކަމަށާއި މެޗަށް ތައްޔާރުވަނީ ޓީމުގެ އެންމެ މޮޅު ކުޅުން ދައްކައި މެޗު ކާމިޔާބުކުރަން ކަމަށެވެ.
ރެއާލް މެޑްރިޑަށްވެސް ކުރި ކޯޗުކޮށްދިން ކޯޗު ބުނީ އިންޓަ މިލާންއަކީ އެޓޭކްތައް ވަރުގަދަ ޓީމެއްކަމަށާއި އެޓީމުގެ އެޓޭކްތައް ހުއްޓުވަން އެހާ ފަސޭހަ ނުވާނެކަމަށެވެ. ލޮޕެޓެގީ ވަނީ ސްޕެއިންގެ ގައުމީ ޓީމާއި، ރެއާލް މެޑްރިޑު ރެއާލް ވާލްކާނޯއާ އަދި ޕޯޓޯ އާއެކު މަސައްކަތްކޮށްފައިވާއިރު ތައްޓެއް ހޯދިފައެއްނުވެއެވެ. މިއީ ކޯޗެއްގެ ގޮތުގައި ސެވިއްޔާގެ ކޯޗު ލޮޕެޓެގީ ހޭދަކުރާ ފުރަތަމަ ސީޒަނެއެވެ.
ސެވިއްޔާއަކީ މުބާރާތުގެ އެންމެ ކާމިޔާބު ޓީމުއެވެ. އެޓީމު ވަނީ މިހާތަނަށް ވާދަކުރި ފަސް ފައިނަލުވެސް ކާމިޔާބުކޮށްފައެވެ. އިންޓަ މިލާން ވަނީ މިހާތަނަށް ވާދަކުރި ހަތަރު ފައިނަލުގެ ތެރެއިން ތިން ފައިނަލު ކާމިޔާބުކޮށްފައެވެ.
ޖަރުމަނުގެ ކޮލޯންގައި މިރޭ ކުޅޭ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން 12 ޖަހާއިރުއެވެ.