މާދަމާ ރެއިން ފެށިގެން މާލެ ސަރަހައްދުގައި ރޭގަނޑު 20:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.
ހެލްތް އިމަޖެންސީ އޮޮޕަރޭޝަން ސެންޓަރުން ވިދާޅުވީ ކޯވިޑް-19 އަށް ޕޮޒިޓިވްވާ މީހުން އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުންދާތީ މާލެ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން މާދަމާރެއިން ފެށިގެން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތަކުގައި ރޭގަނޑު 20:00 ން ފެށިގެން ފަތިހު 05:00އާ ހަމައަށް އެއްގަމު އުޅަނދު ދުއްވުން މަނާކުރެވިފައިވާކަމަށެވެ.
ނަމަވެސް މި އޮގަސްޓްމަހުގެ 4ވަނަ ދުވަހު މާލެ ސަރަހައްދުގައި ރޭގަނޑު 22:00އިން ފެށިގެން ފަތިހު 5:00އާ ހަމަޔަށް ބޭރަށް ނިކުމެ އުޅުން މަނާކޮށްފައިވާ ގޮތަށް މިހާރުވެސް މީހުން ބޭރަށް ނިކުމެ އުޅުން މަނާކުރެވިފައިވަނީ ހަމަ އެވަގުތުގެ ތެރޭގައެވެ. އަދި އެވަގުތުތަކުގައި ބޭރަށް ނުކުމެވޭނީ ޒަރޫރީ ބޭނުމަކަށް ކޮންމެހެން ނުކުންނަން ޖެހިގެން ފުލުހުންގެ ހުއްދައާ އެކުކަމަށްވެސް އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ފާތިމަތު ނަޒްލާ ރަފީޤް ވިދާޅުވިއެވެ.
"މިރެސްޓްރިކްޝަން އަޅުގަނޑުމެން މި އިތުރުކުރަނީ ރޭގަނޑު 8 އިން ފެށިގެން ވެހިކަލްވެސް ދުއްވުން މަނާކުރުމަށް. މީގެ ބޭނުމަކީ ވީހާވެސް ބޮޑަށް ބޭރުގައި އުޅޭ މީހުންގެ ޢަދަދު މަދުކުރުން" ޑރ.ނަޒްލާ ވިދާޅުވިއެވެ.
މިގެނައި ބަދަލުތަކާ ގުޅޭގޮތުން ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ އުޅަނދުފަހަރު ދުއްވުން މަނާ ވަގުތުތަކުގައާ ބޭރަށް ނުކުމެ އުޅުން މަނާ ގަޑިތަކުގައި ހުއްދައަކާއި ނުލައި ބޭރުގައި އުޅޭނަމަ ނުވަތަ އުޅަނދު ދުއްވާނަމަ ފިޔަވަޅުއަޅާނެކަކަމަށެވެ. ޝަރީފް ވިދާޅުވީ ރޭގަނޑު 20:00 އިން ފެށިގެން 22:00އާ ހަމައަށް އުޅަނދު ދުއްވުންމަނާ ވަގުތު އިތުރުކުރުމާއެކު އެވަގުތަކީ ބޭރުގައި އުޅުން ހުއްދަ ވަގުތަކަށްވުމުން މަގުމަތީގައި އުޅޭ މީހުންގެ ސަލާމަތައްޓަކައި މަގުތަކުގައި ފުލުހުން ހަރަކާތްތެރިވާނެކަމަށެވެ.
"މިގޮތަށް މަނާކުރުމާ ގުޅިގެން މިކަން ތަންފީޒުކުރުމަށްޓަކައި އަޅުގަނޑުމެން ފިޔަވަޅުތައް އަޅާނަން. އެގޮތުން ރޭގަނޑު އަށަކުން ފެށިގެން ފަތިހު ފަހަކާދެމެދު އެއްވެސް އުޅަނދެއް ދުވާނަމަ އަޅުގަނޑުމެން ފުރަތަމަ ދޭނީ ނަސޭހަތް. އަދި ދެވަނަ ފަހަރު އެއުޅަނދެއް މަނާގަޑީގައި ޗެކްކުރެވިއްޖެނަމަ ޖޫރިމަނާކުރާނެ. އެއަށްފަހުވެސް ތަކުރާރުވާނަމަ އެއުޅަނދެއް ޓޯވްކުރާނެ. ޓޯވްކުރުމަށްފަހު އުޅަނދު ދޫކުރެވޭނީ ޖޫރިމަނާދެއކީމަ. ޖޫރިމަނާކުރާނީ ފަހަރަކު -/1000 ރުފިޔާގެ މަގުން" އަބްދުﷲ ޝަރީފް ވިދާޅުވިއެވެ.
މިބަދަލާއެެކުވެސް ރޭގަނޑު 9:30ގައި އެންމެ ލަސްވެގެން ފިހާރަތާކާއި ކެފޭ ރެސްޓޯރަންޓްތައްވެސް ބަންދުކުރަން އިސްކަންދޭންޖެހޭނެކަމަށާއި އެތަންތަން ބަންދުކުރުމަށްފަހު ވަޒީފާ އަދާކުރާ މީހުން 20:00ގެ ފަހުން ގެއަށްދާންވާނީ ފައިމަގުގައި ނުވަތަ ކަނޑައެޅިފައިވާ ބަސް ނުވަތަ ފެރީތަކުގައިކަމަށް ފުލުހުން ވިދާޅުވިއެވެ.