ޔޫރަޕުގެ ކުލަބުތަކުގެ މެދުގައި ކުޅެވޭ އެންމެ ޝަރަފުވެރި މުބާރާތް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ޕީއެސްޖީއާ ވާދަކުރާއިރު އެޓީމު ވަރުގަދަކަމަށާއި އެހެން ނަމަވެސް ބަލިކުރެވޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށް ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކް ބުނެފިއެވެ.
ފްލިކް ބުނީ ފައިނަލު މެޗު ކާމިޔާބުކޮށް ތަށި ހޯދަން ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށެވެ. 2013 ގެ ފަހުން މުބާރާތުގެ ފައިނަލުގައި ވާދަކުރާ ބަޔާން މިއުނިކްގެ ކޯޗު ބުނީ ފައިނަލާ ހަމަޔަށް އަންނައިރު މި ސީޒަންގައި ޗެމްޕިއަންސް ލީގުގައި ވިދިވިދިގެން 10 މެޗު ކާމިޔާބު ކުރެވުމަކީ ހާއްސަ އުފަލެއް ލިބޭކަމެއް ކަމަށާއި މިއުފާ އިތުރަށް ހާއްސަ ވާނީ ތަށި ކާމިޔާބުކުރެވުމުންކަމަށެވެ. އެއީ ޗެމްޕިއަންސް ލީގު ބަޔާން މިއުނިކަށް ކާމިޔާބުކުރެވިއްޖެ ނަމަ މި ސީޒަންގައި ތިންތަށި އުފުލާލެވޭނެއެވެ.
އެންމެފަހުން ބަޔާނުން ތިންތަށި އުފުލާލާފައިވަނީ 7 އަހަރު ކުރިންނެވެ. ކުރިން ޖަރުމަނުގެ އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި ފްލިކް ބުނީ ކުލަބު މިހާހިސާބަށް އައުމުގައި މުހިއްމު ފިޔަވަޅުތަކެއް ކުރިޔަށް އަޅައިފިކަމަށާއި އެކަމުގެ ނަތީޖާއެއްގެ ގޮތުން ޓީމުން އިތުރުކުރިއެރުން ތަކެއްވެސް ހޯދާފައިވާކަމަށެވެ.
އޭނާ ބުނީ މަސައްކަތް ކުރާނީ އެންމެ ރަނގަޅު ކުޅުންދައްކައި މެޗު ކާމިޔާބުކުރަން ކަމަށާއި ޗެމްޕިއަންސް ލީގު ހަ ވަނަ ފަހަރަށް ކާމިޔާބުކުރަން ކުރެވެންހުރި ހުރިހާކަމެއް ކުރާނެކަމަށެވެ. ފްލިކް ބުނީ މެޗު ކާމިޔާބު ކުރެވޭނީ ކުޅުންތެރިންގެ 100 ޕަސެންޓު ނެރެގެން ކަމަށާއި ޓީމުގެ ގޭމް ޕްލޭނާ އެއްގޮތަށް ކުޅުންތެރިން ކުޅެފިނަމަ މެޗު ކާމިޔާބުކުރެވިދާނެ ކަމާއިމެދު ޝައްކު ނުކުރާކަމަށެވެ.
އޭނާ ބުނީ ޕީއެސްޖީއަކީ މިވަގުތު ދުނިޔޭގެ އެންމެ މޮޅު ޓީމުކަމަށާއި އެޓީމު ޕްރެޝަރަށް ވައްޓާލެވޭނެ ހުރިހާ ގޮތެއް އޭނާއަށް އެނގޭކަމަށެވެ. ކޯޗު ވަނީ ބަޔާން މިއުނިކުން މުބާރާތުގެ ނޮކްއައުޓް ބުރުގައި ދައްކަމުންދާ ވަރުގަދަ ކުޅުން ފާހަގަކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގު ފައިނަލުގައި ބަޔާން ވާދަކުރާ 11 ވަނަ ފަހަރެއެވެ. އެޓީމުން ވަނީ މިހާތަނަށް ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައެވެ.