ޔުއެފާ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ފައިނަލުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުމަކީ ވަރަށް ބޮޑު ޗެލެންޖެއްކަމަށާއި އެހެންނަމަވެސް ބަޔާން މައްޗަށް ކުރި ހޯދޭނެކަމުގެ އުއްމީދު ބޮޑުކަމަށް ޕީއެސްޖީގެ ކޯޗު ތޯމަސް ޓުޗެލް ބުނެފިއެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި މިރޭ ބަޔާންއާއި ދެކޮޅަށް ނުކުތުމުގެ ކުރިން ވާހަދައްކަމުން ޓުޗެލް ބުނީ ބަޔާން ފައިނަލަށް ދަތުރުކުރީ އެހާ ބޮޑު އެޑްވާންޓޭޖެއް އެވޮގެންކަމަކަށް ނުދެކޭކަމަށެވެ. އޭނާ ބުނީ މުބާރާތުގެ ފައިނަލާ ކުރިމަތިލަނީ ތަށި ހޯދޭނެކަމުގެ ޔަގީންކަމާއެކު ކަމަށާއި އެކަމަށް މަސައްކަތްކުރާނެކަމަށެވެ. ޖަރުމަނަށް އުފަން ކޯޗު ބުނީ އޭނާގެ ޓީމުގައި ޗެމްޕިއަންސް ލީގު ހޯދާފައިތިބި ކުޅުންތެރިން ހިމެނުމަކީ މިކަހަލަ މެޗަކާއި ކުރިމަތިލާއިރު ލިބޭ ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
ޑޯޓްމަންޑްގެ ކުރީގެ ކޯޗު ޓުޗެލްބުނީ ވަކިވަކި ހުނަރުވެރި ކުޅުންތެރިން ބަޔާން މިއުނިކުގައި ގިނަކަމަށާއި މެޗު އުނދަގޫވާނެކަމަށެވެ. ޓުޗެލްގެ ޗެމްޕިއަންސް ލީގުގެ ފުރަތަމަ ފައިނަލަށް ތައްޔާރުވާނީ މުބާރާތުގެ ނޮކައުޓް އެހެން މެޗުތަކަށްވެސް ތައްޔާރުވި ގޮތައްކަމަށް އޭނާ ބުންޏެވެ. މެޗާ ކުރިމަތިލާއިރު އަނިޔާގެ މައްސަލަ ޓީމުގައި ކޮންމެވެސް ވަރަކަށް އެބައުޅޭ ކަމަށާއި އެހެންނަމަވެސް ޓީމުގައި ހިމަނާނެ ކުޅުންތެރިންނާ މެދު ގޮތެއް ނިންމާނީ ފަހުވަގުތުކަމަށް ކޯޗު ބުންޏެވެ.
މިއީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ ވާދަކުރާ ފުރަތަމަ ފަހަރެއެވެ. ބަޔާން މިއުނިކާއި ޕީއެސްޖީ ބައްދަލުކުރާ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރުއެވެ.