ކުޅިވަރު

ގްރީންވުޑް އާއި ފޯޑެން އިންގްލެންޑް ގައުމީ ސްކޮޑަށް


ޔުއެފާ ނޭޝަންސް ލީގުގައި ކުޅޭ މެޗުތަކަށް ނެގި އިނގިރޭސިވިލާތުގެ ސްކޮޑުން މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް މޭސަން ގްރީންވުޑް އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޯޑެން އަށް ޖާގަ ދީފިއެވެ.

މިއީ މި ދެ ކުޅުންތެރިންނަށް އިންގްލެންޑްގެ ޤައުމީ ސްކޮޑުން ޖާގަދިން ފުރަތަމަ ފަހަރެއެވެ. ގްރީންވުޑާއި ފޯޑެންއަށް ފުރުޞަތު ދީފައިވާއިރު، ލީޑްސް ޔުނައިޓެޑްގެ މިޑްފީލްޑަރު ކެވިން ފިލިޕްސްވެސް ވަނީ މިފަހަރު އިންގްލެންޑްގެ ޤައުމީ ސްކޮޑްގައި ހިމަނާފައެވެ.

މި ކުޅުންތެރިންގެ އިތުރުން 2015 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ފޯވާޑް ޑެނީ އިންގްސްއަށް ވެސް ވަނީ ފުރުސަތު ދީފައެވެ.

މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ ގްރީންވުޑްއަށް އިންގްލެންޑްގެ ޤައުމީ ސްކޮޑުން ފުރުޞަތު ދީފައިވާއިރު އޭނާ ވަނީ މިފަހުން ޔުނައިޓެޑުގައި މޮޅު ކުޅުމެއް ދައްކާ މުހިއްމު ލަނޑުތަކެއްވެސް އެޓީމަށް ކާމިޔާބުކޮށްދީފައެވެ. އަދި މެންޗެސްޓާ ސިޓީގެ މިޑްފީލްޑަރު ފިލް ފޯޑެން ވަނީ ސިޓީއާއެކު މޮޅު ކުޅުމެއް ދައްކާފައެވެ.

އެގޮތުން އިންގްލެންޑްގެ ޤައުމީ ޓީމުގެ ކޯޗު ގެރެތް ސައުތްގޭޓް ބުނީ ބްރޭކަށްފަހު ކުޅުނު މެޗުތަކުގައި ޒުވާން ދެ ކުޅުންތެރިންކަމަށްވާ ފޯޑެން އާއި ގްރީންވުޑްގެ ފެނުނު ކުޅުމާއި ދޭތެރޭ ވަރަށް ހިތްހަމަޖެހޭކަމަށެވެ. އަދި މި ދެ ކުޅުންތެރިން ބޮޑެތި މެޗުތަކުގައި ޖެހިލުމެއް ނެތި ކުޅުނުކަން ސައުތްގޭޓް ފާހަގަކުރިއެވެ.

މިފަހަރުގެ ސްކޮޑުން ލިވަޕޫލްގެ ޗެމްބަލިން އާއި ހެންޑަސަން އަދި ލެސްޓާގެ ޖޭމްސް މެޑިސަން އާއި ބެން ޗިލްވެލްއަށް އަނިޔާގެ ސަބަބުން ފުރުސަތު ދީފައެއް ނުވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އިނގިރޭސި ގައުމީ ޓީމުން ބައިނަލްއަގްވާމީ މެޗެއް ކުޅެފައިނުވާއިރު އަންނަ މަހު ނޭޝަންސް ލީގުގައި އެޓީމު ކުޅޭނީ އައިސްލޭންޑާއި ޑެންމާކާއި ދެކޮޅަށެވެ.