އޭއެފްސީ ކަޕް ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޓީސީ ސްޕޯޓްސް ކްލަބާއި ޤައުމީ ފުޓްބޯޅަ ޓީމުގެ ފަރިތަކުރުންތައް ފެށުމުގެ ހުއްދަ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދީފިއެވެ.
އަންނަ އޮކްޓޫބަރު މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ތައްޔާރުވުމުގެ ގޮތުން އެކަށީގެންވާ ވަގުތު ބޭނުންވާތީ ވީހާވެސް އަވަހަށް ޕްރެކްޓިސްތައް ފެށޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދި އޭއެފްސީ ކަޕުގައި ރާއްޖެ ތަމްސީލްކުރާ މަޒިޔާ އާއި ޓީސީން ވަނީ އެފްއޭއެމްގައި އެދިފައެވެ.
ނަމަވެސް އޭރު މާލެ ސަރަހައްދުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެން ފެށުމާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި ދުވަސްވަރު ކުޅިވަރު ހަރަކާތްތައް ކުރިއަށް ނުގެންދަން މިމަހުގެ ހަތަރު ވަނަ ދުވަހު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން އެންގުމާއި ގުޅިގެން ގައުމީ ޓީމުގެ ޕްރެކްޓިސް ވަނީ މެދުކަނޑާލާފައެވެ.
އޭއެފްސީ ކަޕަށް ތައްޔާރުވާން ރާއްޖޭގެ ކްލަބްތަކުން ފަރިތަކުރުންތައް ފަށަން ބޭނުންވާކަމަށް ހާމަކޮށްފައިވަނިކޮށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ފަރިތަކުރުންތައް ފެށުމަށް ކްލަބްތަކަށް ހުއްދަ ދިނީ މިމަހުގެ 25 ވަނަ ދުވަހުއެވެ.
މިކަމާއި ގުޅޭގޮތުން ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެމުން އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ޙުސައިން ޖަވާޒް ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލާއިނާއި އެއްގޮތަށް ޤައުމީ ޓީމާއި މާޒިޔާ އަދި ޓީސީގެ ފަރިތަކުރުންތައް ފެށުމަށް އެޗްޕީއޭއިން މި ހަފްތާގެ ތެރޭގައި ހުއްދަ ދީފައިވާކަމަށެވެ. ޖަވާޒް ވިދާޅުވީ މާޒިޔާގެ ފަރިތަކުރުންތައް ރަސްމީކޮށް ވަރަށް އަވަހަށް ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. އަދި ޓީސީ ސްޕޯޓްސް ކްލަބުގެ ފަރިތަކުރުންތައް އަންނަ މަހުގެ ދެވަނަ ދުވަހު ފެށުމަށް ތައްޔާރުވަމުން އަންނަކަމުގެ ޚަބަރު ލިބިފައިވާކަމަށެވެ.
ޖަވާޒް ވިދާޅުވީ އޭއެފްސީ ކަޕަށް ތައްޔާރުވާން މާޒިޔާ އާއި ޓީސީ ފަރިތަކުރުންތައް ފަށަން ތައްޔާރުވުމާއި ގުޅިގެން ޤައުމީ ޓީމުގެ ފަރިތަކުރުން ފެށުމާއި ގުޅޭގޮތުން އަދި ވަކިގޮތެއް ނުނިންމާކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗިން ޓީމުން ގޮތްތަކެއް ނިންމާނެ ކަމަށް ޖަވާޒް ވިދާޅުވިއެވެ.
އޭއެފްސީ ކަޕްގެ މެޗުތައް މާލޭގައި ބާއްވަން ޝެޑިއުލްކޮށްފައި އޮތީ އޮކްޓޫބަރު ތޭވީހުން ނޮވެމްބަރު ހަތަރަކަށެވެ. މާޗް މަހު އޭއެފްސީ ކަޕް މެދުކަނޑާލި ފަހުން މާޒިޔާ އަދި ޓީސީގެ ފަރިތަކުރުންތައް ކުރިޔަށް ގެންގޮސްފައެއް ނުވެއެވެ. ނަމަވެސް ގައުމީ ޓީމުގެ ފަރިތަކުރުންތައް މަހެއްހާ ދުވަސް ވަންދެން ކުރުމަށް ފަހު މިހާރު އޮތީ މެދުކަނޑާލާފައެވެ.
ޤައުމީ ފުޓްބޯޅަ ޓީމު އޭރު ފަރިތަކުރުންތައް ފެށީ ފީފާ ވަރލްޑް ކަޕާއި އޭއެފްސީ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގައި ކުރިޔަށްހުރި މެޗުތަކަށް ތައްޔާރުވުމަށެވެ. ނަމަވެސް ކޮވިޑް-19ގެ ސަބަބުން 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާއި 2023 އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ މެޗުތައް ފީފާ އާއި އޭއެފްސީން ވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ.