ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކޯޗުގެ މަގާމު ދޫކޮށް ރޮނާލްޑް ކޫމަން ބާސެލޯނާއަށް ބަދަލުވުމުން މާޔޫސްވާކަމަށް ނެދަލެންޑްސްގެ ގައުމީ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.
ޔޫރޯ ފުޓްބޯޅަ މުބާރާތާއި ހަމަޔަށް މަޑުކުރުމަށް ނިންމައިގެން ހުރި ކޯޗާ ގުޅޭގޮތުން ވެންޑައިކް ބުނީ މިވަގުތު ކޫމަން ގައުމީ ޓީމު ދޫކޮށްލީ ކީއްވެކަން އޭނާއަށް އެނގޭކަމަށެވެ. އޭނާ ބުނީ ބާސެލޯނާގެ ކޯޗުކަށް ވުމަކީ ރޮނާލްޑް ކޫމަން އަބަދުވެސް ދެކެމުން އައި ހުވަފެނެއްކަމަށެވެ. އިނގިރޭސި ކުލަބު ސައުތެމްޓަންގައި އެކުގައި މަސައްކަތްކުރި ކޯޗާ ގުޅޭގޮތުން ވެންޑައިކް ބުނީ ކޫމަން ގެނައި ބަދަލުތަކުގެ ސަބަބުން ޓީމު ހޯދި ކުރިއެރުމުން ހުރިހާ ކުޅުންތެރިން ވެސް ހާއްސަ ލޯތްބެއް ކޫމަންއަށް ޖެހިފައިވާކަމަށެވެ. އެހެންކަމުން މި ދަނޑިވަޅުގައި ޓީމު ދޫކޮށްދިޔުމުން ހުރިހާ ކުޅުންތެރިން ވެސް ތިބީ މާޔޫސްވެފަކަމަށް ވެން ޑައިކް ބުންޏެވެ.
އޭނާ ބުނީ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރުމަކީ ހުރިހާ ކުޅުންތެރިން ވެސް ދެކެމުން އަންނަ ހުވަފެނެއްކަމަށާއި ކޯވިޑް-19 ސަބަބުން މުބާރާތް އަންނަ އަހަރަށް ފަސްކުރި ނަމަވެސް އެ މަސައްކަތް ފުރިހަމަކުރަން ކޫމަން ޓީމާއެކު ނެތުމުން ފަޅުކަން އިހްސާސްވާކަމަށެވެ. ވެންޑައިކް ބުނީ ހާލަތު ވަރަށް ރަނގަޅަށް ވަޒަންކުރެވޭ ކަމަށާއި އެހެންވެ ގައުމީ ޓީމު ދޫކޮށްލަން ކޫމަން ނިންމުމުން އެކަމާ އޭނާ މަޝްވަރާކޮށްފައި ނުވާނެކަމަށެވެ.
ވަގުތީ ކޯޗު ވައިޓް ލޮވެގެސްގެ އިރުޝާދު ދަށުން މިމަހު ކުޅުމަށް ހަމަޖެހިފައިވާ ނޭޝަންސް ލީގުގެ ޕޮލެންޑް އަދި އިޓަލީ މެޗަށް ނެދަލެންޑްސް ނުކުންނާނެއެވެ. އޭނާ ވަނީ 2018 ވަނަ އަހަރުން ފެށިގެން ކޯމަންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކޮށްފައެވެ. ކޫމަންއާ އެކު ނެދަލެންޑްސް ވަނީ ނޭޝަންސް ލީގުގެ ރަނަރަޕްކަން ހޯދާފައެވެ.