އިތުރު 74 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ކޮންމެ ރެއަކު ހާމަކުރާ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި 3 ދުވަހުވެސް ރާއްޖޭގައި ބަލިޖެހޭ މީހުން ޢަދަދު ހުރީ 100 ދަށުގައެވެ. އަދި ބަލިން ރަނގަޅުވާ މީހުންގެ ޢަދަދުވެސް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑުތަން އިތުރުވެފައެވެ.
ހޯމަ ދުވަހުގެ އިރުއޮއްސި 18:00އިން ފެށިގެން އަންގާރަ ދުވަހުގެ އިރުއޮއްސި 18:00އާ ހަމައަށް 74 މީހަކު ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވްވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ ގްރޭޓަރ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 63 މީހަކާއި އަތޮޅުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 11 މީހެކެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭ އިން އާއްމުކޮށްފައިވާ އެންމެފަހުގެ މަޢުލޫމާތަށް ބަލާއިރު، އަލަށް ޕޮޒިޓިވްވި 74 މީހުންގެ ތެރެއިން 59 މީހުންނަކީ ދިވެހިންނެވެ. އަދި 15 ބިދޭސީއަކަށް ވަނީ ބަލިޖެހިފައެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ޖުމްލަ 8741 މީހަކު ވަނީ ކޯވިޑް-19އަށް ޕޮޒިވްވެފައެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައިވަނީ 105 މީހެކެވެ. އަދި މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 6157 އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 22 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް 29 މީހަކު ރާއްޖޭގައި ވަނީ މި ބަލީގައި ނިޔާވެފައެވެ.
ރާއްޖޭގައި ކޯވިޑް-19ގެ އެކްޓިވް ކޭސްތަކުގެ ޢަދަދު 2549 އަށް އަރާފައިވާއިރު، 1096 މީހަކު މިހާރުވެސް އަންނަނީ އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާ ހޯދަމުންނެވެ. އަދި ހޮސްޕިޓަލުތަކުގައި އެޑްމިޓްކޮށްގެން 139 މީހަކަށް އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1279 ސާމްޕަލެއް ވަނީ ނަގާފައެވެ. އަދި ތަކުރާރުކޮށް ނެގި ސާމްޕަލްތައް ހިމެނޭހެން މިހާތަނަށް ޓެސްޓްކުރުމަށް ނެގި ޖުމްލަ ސާމްޕަލްތަކުގެ ޢަދަކީ 123،472 އެވެ.