ކުޅިވަރު

އއ.ތޮއްޑޫ ކައުންސިލް ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ބަޑީ ސްކޮޑް ހޯދައިފި


ތޮއްޑޫ ކައުންސިލްގެ ދެވަނަ ބެޑްމިންޓަން މުބާރާތުގެ ޗެމްޕިއަންކަން ބަޑީ ސްކޮޑް ހޯދައިފިއެވެ.

ބަޑީ ސްކޮޑް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު ފައިނަލް މެޗްގައި ވަރިހަމަ ޓީމުގެ މައްޗަށް ހަތަރު ގޭމް ދެ ގޭމުން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗް ނިމުމުން ވަނަވަނަޔަށް އައި ފާރާތްތަކަށް ތައްޓާ މެޑަލް އަދި ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާން ތޮއްޑޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އިބްރާހިމް ވަޙީދުއެވެ.

މި މުބާރާތަކީ ތޮއްޑޫ ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދިޔަ ދެވަނަ މުބާރާތެއެވެ. މި މުބާރާތަކީ ތޮއްޑޫގައި ބެޑްމިންޓަންގެ ރޫޙު އާލާކޮށް ޤައުމީ ފެންވަރުގައި ބެޑްމިންޓަން ކުޅޭނެ ރަނގަޅު ކުޅުންތެރިންތަކެއް ބިނާކޮށް ބެޑްމިންޓަން ކުޅޭހިތްވާ ދެ ޖިންސުގެ ޒުވާނުންނަށް އެ ފުރުޞަތު ހޯދައިދިނުމުގެ ބޭނުމުގައި ބޭއްވި މުބާރާތެއް ކަމަށް ތޮއްޑޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

މިމަހުގެ ތިނަކުން ތޭރައިގެ ނިޔަލަށް ކުރިއަށްދިޔަ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ފަންސާސް ދެ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ.