ކުޅިވަރު

ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފި


ބާސެލޯނާގެ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފިއެވެ.

ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ސޮއިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ސުއަރޭޒް އެތުލެޓިކޯއަށް ސޮއިކުރީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި ބާސެލޯނާއިން ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ވިއްކާލާފައިވަނީ ހަ މިލިއަން ޔޫރޯއަށެވެ.

ބާސެލޯނާއިން ސުއަރޭޒް ވިއްކާލީ އޭނާ އުމުރު ދޮށިވުމާއި، އެޓީމުގެ އައު ކޯޗު ރޮނާލްޑް ކޫމަންގެ ޕްލޭނުގައި ސުއަރޭޒް ނުހިމެނޭތީ ކަމަށް މީޑިއާތަކުގައި ވަނީ ރިޕޯޓު ކޮށްފައެވެ.

އެތުލެޓިކޯއިން ސުއަރޭޒްގެ ސޮއި ހޯދިއިރު، މީގެ ކުރިން ސުއަރޭޒް ހޯދަން މަސައްކަތް ކުރީ ޔުވެންޓަސްއިންނެވެ. ސުއަރޭޒް ޔުވެންޓަސްއާއެކު ތިން އަހަރުގެ އެއްބަސްވުމެއް ހަދަން ނިންމި ކަމަށް މީގެ ކުރިން ރިޕޯޓުކުރި ނަމަވެސް، އެ ޑީލް ހުއްޓުނީ ސުއަރޭޒަށް އިޓަލީގެ ރަށްވެހިކަން ނުލިބުމާ ގުޅިގެންނެވެ. އެއާއެކު ޔުވެންޓަސްއިން ވަނީ ލޯނު އުސޫލުން އެތުލެޓިކޯއަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް އަލްވާރޯ މޮރާޓާގެ ސޮއި ހޯދާފައެވެ.

ލިވަޕޫލް ދޫކޮށް 2014 ވަނަ އަހަރު 65 މިލިޔަން ޕައުންޑަށް ބާސެލޯނާއަށް ބަދަލުވި ފޯވާޑް ހަ ސީޒަނަށްފަހު އެ ކުލަބު ދޫކޮށްލިއިރު، އޭނާ ވަނީ ބާސެލޯނާއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ސުއަރޭޒް ބާސެލޯނާއަށް ކުޅެދިން 283 މެޗުގައި 198 ލަނޑު އެޓީމަށް ވަނީ ޖަހައިދީފައެވެ. އަދި އޭނާ އަކީ ބާސާގެ ތާރީޚުގައި ތިންވަނައަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. ސުއަރޭޒް ވަނީ ބާސާއާއެކު 13 ތަށި އުފުލާލާފައެވެ. އޭގެ ތެރޭގައި ސްޕެނިޝް ލީގު ހަތަރު ފަހަރު އަދި ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ހިމެނެއެވެ.

ސުއަރޭޒް އަކީ މި ޓްރާންސްފާ ބާޒާރުގައި ބާސާ ދޫކޮށްލި ހަތަރުވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން ބާސާއިން ވަނީ ކްރޮއޭޝިއާގެ މިޑްފީލްޑަރު އިވާން ރަކިޓިޗާއި، ޗިލީގެ މިޑްފީލްޑަރު އާޓޫރޯ ވިޑާލް އަދި ޕޯޗުގަލްގެ ޑިފެންޑަރު ނެލްސަން ސެމޭޑޯ ވިއްކާލާފައެވެ.