ކުޅިވަރު

އިންޓަ މިލާން ދޫކޮށް ޑިއޭގޯ ގޮޑިން ކަލިއާރީއަށް ބަދަލުވެއްޖެ


އުރުގުއޭގެ ތަޖުރިބާކާރު ޑިފެންޑަރު ޑިއޭގޯ ގޮޑިން ކަލިއާރީއާ ބަދަލުވެއްޖެއެވެ.

އިންޓަ މިލާން ދޫކޮށް ގޮޑިން ކަލިއާރީއާ ގުޅުނީ ހިލޭ ޓްރާންސްފާ އެއްގެ ދަށުންނެވެ. ކަލިއާރީއާއެކު ތިން އަހަރުގެ އެއްބަސްވުމެއްގައި ގޮޑިން ސޮއި ކުރި އިރު ރިޕޯޓުތަށް ބުނާ ގޮތުގައި އިންޓާ އިން ވަނީ ގޮޑިން އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުން ސީޒަން ނިމުމާއެކު އުވާލައިފައެވެ.

އުމުރުން 34 އަހަރުގެ ޑިފެންޑަރު ގޮޑިން މިދިޔަ ޖުލައި މަހު އިންޓަ އާއި ގުޅުނީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ.

ނުވަ އަހަރު ސްޕެއިންގެ އެތްލެޓިކޯ އަށް ގޮޑިން ކުޅެދިން އިރު އޭނާ ވަނީ އެ ޓީމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އެތުލެޓިކޯއާއެކު ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕްގެ އިތުރުން ޔުއެފާ ޔޫރޮޕާ ލީގު ދެ ފަހަރު އަދި ޔުއެފާ ސުޕަ ކަޕް ތިން ފަހަރު ކާމިޔާބު ކުރިއެވެ.

އެތްލެޓިކޯއަށް ޖުމްލަ 389 މެޗު ގޮޑިން ކުޅެދީފައިވާއިރު އޭނާ ވަނީ އެ ޓީމަށް 27 ލަނޑު ޖަހައިދީފައެވެ. އެތްލެޓިކޯއާ ގުޅުމުގެ ކުރިން ގޮޑިން ވަނީ ވިޔަރެއާލަށް ވެސް ކުޅެދީ، އުރުގުއޭގެ ގައުމީ ޓީމަށްވެސް ގިނަ މެޗުތަކެއް ކުޅެ ދީފައެވެ. އެގޮތުން އުރުގުއޭ ގައުމީ ޓީމަށް 135 މެޗު އޭނާ ކުޅެދިން އިރު ވަނީ އަށް ލަނޑު ކާމިޔާބުކޮށްފައެވެ.

އަދި މީގެ އިތުރުން ގޮޑިން ވަނީ އެޓީމާއެކު 2011 ވަނަ އަހަރު އޮތް ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.