ކުޅިވަރު

ވާޑީގެ ހެޓްރިކާއެކު ސިޓީގެ މައްޗަށް ލެސްޓާ ކުރި ހޯދައިފި


ޖެމީ ވާޑީގެ ހެޓްރިކާއެކު، ލެސްޓާ ސިޓީން މެންޗެސްޓާ ސިޓީ ކޮޅަށް ފަސް ލަނޑު ޖަހައިފިއެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީ މޮޅުވީ މެންޗެސްޓާ ސިޓީ އަތުން 2-5 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން ހަތަރު ވަނަ މިނެޓުގައި ސިޓީން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު މެންޗެސްޓާ ސިޓީއަށް ކާމިޔާބުކޮށްދިނީ، ރިޔާދު މާރޭޒެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާއިން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. ލެސްޓާއަށް ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޖެމީ ވާޑީއެވެ.

އަދި ދެވަނަ ހާފު ފަށައިގެން ނުވަވަނަ މިނެޓުގައި ވާޑީ ލެސްޓާއަށް ލީޑު ނަގައިދިންއިރު، އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ވާޑީ ވަނީ ލެސްޓާއަށް ލީޑު ފުޅާކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ.

މި މެޗުގައި ސިޓީގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 77 ވަނަ މިނެޓުގައި ލެސްޓާއިން ވަނީ އެ ޓީމުގެ ހަތަރު ވަނަ ލަނޑު ޖަހާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖޭމްސް މެޑިސަނެވެ. މެޗުގެ 84 ވަނަ މިނެޓުގައި މި ޓްރާންސްފާ ބާޒާރުގައި ސިޓީއާ ގުޅުނު ނަތަން އަކޭ އެ ޓީމަށް ލަނޑެއް ޖަހައިދިން ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ލިބުނު އިތުރު ޕެނަލްޓީއަކުން ޔޫރީ ޓިއެލެމަންސް ވަނީ ލެސްޓާގެ ފަސް ވަނަ ލަނޑު ޖަހާފައެވެ.

މި ނަތީޖާއާއެކު އިނގިރޭސި ޕްރިމިއަރ ލީގުގެ އެއްވަނައިގައި ލެސްޓާ ސިޓީ އޮތީ ލީގުގައި މިހާތަނަށް ކުޅުނު 3 މެޗުން މޮޅުވެގެން ހޯދި 9 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެވަޓަން އަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު ލެސްޓާއަށް އެއްވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. މި މެޗުން ބަލިވި މެންޗެސްޓާ ސިޓީ އޮތީ ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު އެޓީމު އޮތީ ތޭރަ ވަނައިގައެވެ.