ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެޅުމަށް ހަމަޖެހިފައިވާ ޓާފް ފުޓްބޯޅަ ދަނޑުތަކުގެ ތެރެއިން ތޭރަ ރަށެއްގެ ފުޓްބޯޅަ ދަނޑުގައި ޓާފް އެޅުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި މިއަދު ބޭއްވި ރަސްމީޔާތެއްގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ވީއޭއެމްކޯ) އާއެވެ. މި މަސައްކަތުގެ އެއްބަސްވުމުގައި ޔޫތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފްއެވެ. ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު މުޙައްމަދު ޒުބައިރެވެ.
ތޭރަ ރަށެއްގެ ފުޓްބޯޅަ ދަނޑުތަކުގައި ޓާފް އެޅުމަށް ވީ.އޭ.އެމް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްފައިވަނީ ތިރީސް އަށް މިލިއަން ދެ ލައްކަ ސާދަހާސް ނުވަސަތޭކަ ސާޅިސް ތިން ރުފިޔާއަށެވެ.
ޓާފް އެޅުމަށް ހަމަޖެހިފައިވާ ރަށްތަކުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ށ. ފުނަދޫ، ށ. ފޯކައިދޫ އަދި ށ. މިލަންދޫއެވެ. ދެވަނަ ލޮޓްގައި ހިމެނެނީ ނ. ކުޑަފަރި އަދި ނ. ވެލިދޫއެވެ. ތިންވަނަ ލޮޓްގައި ހިމެނެނީ ޅ. އޮޅުވެލިފުށި، ރ. ދުވާފަރު އަދި ރ. މާކުރަތެވެ. ހަތަރުވަނަ ލޮޓްގައި ކ. މާފުށި، ކ. ގުޅި އަދި ކ. ގުރައިދޫ ހިމެނޭއިރު ފަސްވަނަ ލޮޓްގައި ހިމެނެނީ އއ. ރަސްދޫ އަދި ވ. ކެޔޮދޫއެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭނެ ކަމަށް ޔޫތް މިނިސްޓްރީން މަޢުލޫމާތުދެއެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން ޔޫތް މިނިސްޓަރ އަޙުމަދު މަޙްލޫފް ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށުގައި ބޮޑު ފުޓްބޯޅަ ދަނޑުތައް އެޅުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ފަށައިގެން އުޅޭ މަސައްކަތެއްކަމަށެވެ. މަހްލޫފް ވިދާޅުވީ ފީފާ އެޕްރޫވްޑް 100 ޓާފް ދަނޑު އެޅުމަކީ އަމާޒެއްކަމަށެވެ. އެގޮތުން މިއަދާ ހަމައަށް މިހާރު 5 ރަށެއްގެ ދަނޑުގައި ޓާފް އަޅާ ނިންމާލެވިފައިވާކަން މިނިސްޓަރ މަޙްލޫފް ފާހަގަކުރެއްވިއެވެ. އަދ މިއަހަރު ނިމުމުގެ ކުރިން 14 ނޫނީ 15 ދަނޑުގެ މަސައްކަތް ނިންމުމަކީ ޓާގެޓެއްކަމަށް މަހްލޫފް ވިދާޅުވިއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓްބޯޅަ ދަނޑުތައް އަޅަމުން އަންނައިރު، މިހާތަނަށް ވަނީ ތ. ވިލުފުށީ ޓާފް ދަނޑާއި، ރ. އަލިފުށި ޓާފް ދަނޑާއި، ފ. ނިލަންދޫ ޓާފް ދަނޑާއި ނ. ކެނދިކުޅުދޫ ޓާދް ދަނޑުގެ އިތުރުން އެ އަތޮޅު ހޮޅުދޫ ޓާފް ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.