ކުޅިވަރު

ޑޯޓްމަންޑް ބަލިކޮށް ބަޔާން މިއުނިކުން ސުޕަ ކަޕް ކާމިޔާބުކޮށްފި


ޖަރުމަނު ސުޕަ ކަޕު ކާމިޔަބުކޮށް ވިދިވިދިގެން ފަސްވަނަ ތަށި ބަޔާން މިއުނިކުން އުފުލާލައިފިއެވެ.

ޑޯޓްމަންޑްއާ ވަދާކޮށް ޖަރުމަނު ސުޕަރ ކަޕް ބަޔާން އިން ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށް ފަހު 3-2 ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީކޮޅު ކޮރެންތިން ތޮލީސިއޯ އާއި ތޯމަސް މުލާ ބަޔާނަށް ލީޑު ނަގައިދިން ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ޖޫލިއަން ރާންޑަތް ވަނީ ޑޯޓްމަންޑްއަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މެޗުގެ ދެވަނަ ހާފް ފަށައިގެން 10 ވަނަ މިނެޓްގެ ތެރޭގައި ޑޯޓްމަންޑުން ނަތީޖާ ހަމަހަމަކުރީ އާލިން ހާލަންޑް ކާމިޔާބުކޮށްދިން ލަނޑުންނެވެ.

މެޗުން ބަޔާން މޮޅުވީ 82 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗް އެޓީމަށް ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި މޮޅާއެކު ބަޔާން މިއުނިކްގެ ކޯޗު ހެންސީ ފްލިކްގެ ކޯޗު ކަމުގައި ކުޅުނު 40 މެޗުން ބަޔާން މިއުނިކް ވަނީ ފަސް ތަށި ހޯދާފައެވެ. މިދިޔަ ހަފްތާ އެޓީމުން ވަނީ ޔޫރަޕިއަން ސުޕަ ކަޕް ވެސް ކާމިޔާބުކޮށްފައެވެ.

ބަޔާން މިއުނިކް ވަނީ މިދިޔަ ހަފްތާގައި 32 މެޗަށްފަހު ލީގުގައި ހޮފެންހައިން އަތުން ބަލިވެފައެވެ. ލީގުގައި އަންނަ އާދީއްތަ ދުވަހު ބަޔާން ނުކުންނާނީ ހާތާ ބާލިންނާ ދެކޮޅަށެވެ.