ރާއްޖެއިން އިތުރު 67 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވީ ހުކުރުދުވަހުގެ 18:00އިން ފެށިގެން ހޮނިހިރު ދުވަހުގެ 18:00އާ ހަމައަށް ރާއްޖެއިން އަލަށް ޕޮޒިޓިވްވި 67 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 41 މީހަކާއި އަތޮޅުތަކުން ޕޮޒިޓިވްވި 26 މީހެއް ކަމަށެވެ. މިއާއެކު މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ޖުމުލަ ޢަދަދަކީ 10465 އެވެ.
ކޯވިޑް-19ގެ ބަލިމީހުންގެގޮތުގައި މިވަގުތު 1114 މީހުން ރާއްޖޭގައި އެބަތިއްބެވެ. އޭގެތެރެއިން 526 މީހަކަށް އައިސޮލޭޝަން ފެސިލިޓީތަކުގައި ފަރުވާދެމުންދާއިރު 73 މީހަކަށް ދަނީ ހޮސްޕިޓަލުތަކުގައި ފަރުވާދެމުންނެވެ.
ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަލަށް ބަލިން ރަނގަޅުވެފައި ވަނީ 97 މީހުން ބަލިން ރަނގަޅުވެފައެވެ. މިހާތަނަށް ބަލިން ރަނގަޅުވި މީހުންގެ ޢަދަދު ވަނީ 9310އަށް އަރާފައެވެ. ކޯވިޑް-19 ޖެހުނު މީހުންގެ ތެރެއިން 27 ދިވެހިންނާއި، 7 ބިދޭސީއަކު ހިމެނޭހެން މިހާތަނަށް ރާޢްޖެއިން 34 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.
އަތޮޅުތަކުގެ ކޯވިޑް ފެސިލިޓީތަކުގެ ތެރެއިން ގއ. ވިލިނގިލީގައި 6 މީހަކަށް ވޯޑުގައި އަންނަނީ ފަރުވާ ދެމުންނެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1555 ސާމްޕަލެއް ވަނީ ނަގާފައެވެ.
އެޗް.ޕީ.އޭއިން ވިދާޅުވީ، ގްރޭޓަރ މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 22 ރަށަކުންނާއި، 20 ރިސޯޓަކުން ކޯވިޑް-19 ގެ އެކްޓިވް ކޭސްތައް ފެނިފައިވާކަމަށެވެ. އެގޮތުން އަތޮޅުތަކުން 51 ދިވެއްސަކަށާއި، 63 ބިދޭސީންނަށް ކޯވިޑް-19ޖެހި، ފަރުވާ ދެމުންދާކަމަށް އެޗް.ޕީ.އޭއިން ވިދާޅުވެފައިވެއެވެ. އަދި ރިސޯޓުތަކުން 9 ފަތުރުވެރިއަކާއި، 16 މުވައްޒަފަކަށް މި ބަލި ޖެހިފައިވާކަމަށްވެސް އެ އެޖެންސީން ވިދާޅުވިއެވެ.