އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން ކުޅުނު ހަތަރު ވަނަ މެޗުވެސް ކާމިޔާބުކޮށް ލީގުގެ އެއްވަނަ މަގާމަށް ކުރިޔަށް ޖެހިލައިފިއެވެ.
އެވަޓަން މެޗު ކާމިޔާބުކުރީ ބްރައިޓަންއާ ވާދަކޮށް 4-2 ގެ ނަތީޖާއަކުންނެވެ.
އެވަޓަންގެ ގުޑިސަން ޕާކްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އެންމެ ފަހުން އެކުލަވާލި އިނގިރޭސި ގައުމީ ޓީމުން ޖާގަ ހޯދި ޑޮމިނިކް ކުލެވާޓް ލެވިންއެވެ. މިއީ މި ސީޒަންގައި އޭނާ ކާމިޔާބުކުރި 9 ވަނަ ލަނޑެއެވެ. މިއީ ފުރަތަމަ ހަތަރު މެޗުގައި އެވަޓަންގެ ކުޅުންތެރިޔަކު ލަނޑު ޖެހި ފުރަތަމަ ފަހަރެއެވެ. ރޭގެ މެޗު އެވަޓަންގެ ރޮޑްރިގޭޒް ވަނީ އެޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީ އިތުރު ލަނޑެއް ޖަހަން އެހީތެރިވެދީފައެވެ. މި މެޗުން ހޯދި މޮޅާއެކު އެވަޓަންވަނީ ފުރަތަމަ ހަތަރު މެޗު ކާމިޔާބުކޮށް 12 ޕޮއިންޓް ހޯދާފައެވެ.
އެންމެފަހުން ލީގުގައި އެވަޓަން ފުރަތަމަ ހަތަރު މެޗު ކާމިޔާބުކުރީ މީގެ 51 އަހަރު ކުރިންނެވެ.
އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ޗެލްސީ ވަނީ އަމިއްލަ ދަނޑުގައި ކްރިސްޓަލް ޕެލަސްއާ ވާދަކޮށް 4-0 އިން މެޗު ކާމިޔާބުކޮށްފައެވެ.
މެޗުގައި ޗެލްސީއަށް ޖޯޖީނިޔޯ ދެ ލަނޑު ކާމިޔާބުކޮއށްދިންއިރު ޒޫމާ އާއި ޗިލްވެލް ވަނީ ލަނޑު ޖަހާފައެވެ. މިއީ ލީގުގައި ޗެލްސީގެ ފުރަތަމަ އެގާރައިގަ ހިމެނިގެން ޗިލްވެލް އެޓީމަށް ކުޅެދިން ފުރަތަމަ މެޗެއެވެ. އަދި މިއީ އޭނާ ލީގުގައި ކުޅުނު 100 ވަނަ މެޗެއެވެ.
ލީގުގައި ރޭ ލީޑްސް ޔުނައިޓެޑުން ވަނީ މެންޗެސްޓަރ ސިޓީ މޮޅުވިޔަ ނުދީ ހިފަހައްޓާފައެވެ. ލީޑްސް ޔުނައިޓެޑުގެ ދަނޑުގައި ކުޅުނު މެޗުގައި ރަހީމް ސްޓާލިން ފުރަތަމަ ހާފްގައި ލަނޑެއް ޖަހާފައިވަނިކޮށް ލީޑްސް ޔުނައިޓެޑުން ނަތީޖާ ހަމަހަމަކުރީ ދެވަނަ ހާފްގައި ކުޅެން ނުކުތް އެޓީމާ މި ސީޒަންގައި ގުޅުނު ރޮޑްރިގޯ މޮރޭނޯގެ ލަނޑުންނެވެ. މިއީ ނުވަ އަހަރު ފަހުން ރޮޑްރިގޯ އިނގިރޭސި ލީގުގައި ލަނޑެއް ޖެހި ފުރަތަމަ ފަހަރެއެވެ.
މި ނަތީޖާއެކު ލީޑްސް ޔުނައިޓެޑް އޮތީ ހަތް ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. ރޭ ނިއުކާސަލް ޔުނައިޓެޑް ވަނީ ވެސްޓް ހޭމްގެ މައްޗަށް 3-1 އިން ކުރިހޯދާ ތާވަލުގެ 6 ވަނައަށް ޖެހިލާފައެވެ. ރޭ ހޯދި މޮޅާއެކު ހަތް ޕޮއިންޓް ހޯދައިގެން ޗެލްސީ ވަނީ ހަތަރު ވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެވަޓަން އޮތީ ކުޅުނު 7 މެޗުވެސް ކާމިޔާބުކޮށް 12 ޕޮއިންޓާއެކު ލީގުގެ އެއްވަނައިގައެވެ.