ޚަބަރު

އައްޑޫ ޑްރަގު އޮޕަރޭޝަނުގައި އަތުލައިގަތް މަސްތުވާތަކެތީގެ ބަރުދަން 98.6 ކިލޯއަށް އަރައިފި


އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނުގައި މިހާތަނަށް 98.6 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 14 މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުން ހާމަކުރައްވައިފިއެވެ.

އައްޑޫ ސިޓީގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނާއި ގުޅޭގޮތުން މިރޭ ފުލުހުން ނެއރުއްވި ބަޔާނެއްގައި ވިދާޅުވީ މިއީ ސ.ހިތަދޫ، ފިނިފަރު، އުމުރުން 33 އަހަރުގެ ޢަބްދުﷲ އިބްރާހީމް އިސްވެ ހުރެ ދިވެހިންގެ އިތުރު ބަޔަކާއި ބޭރުބަޔަކު ގުޅިގެން ދިވެހިރާއްޖެއަށް ކަނޑުމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަންއުޅޭ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޑްރަގް އެންފޯސްމަންޓް ޑިޕާރޓްމަންޓާއި ޑްރަގް އިންޓެލިޖެންސް އާއި މެރިން ޕޮލިސް އާއި ސައުތު ޕޮލިސް ޑިވިޜަންގައި ގާއިމްވެތިބޭ ސްޕެޝަލް އޮޕަރޭޝަންގެ ފުލުހުން އަދި ސައުތު ޕޮލިސް ޑިވިޜަން ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށެވެ.

އައްޑޫ ސިޓީގެ ކަނޑުގެ ސަރަހައްދުގައި ހިންގި މި ޚާއްސަ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު 14 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އޭގެ ތެރޭގައި ހިމެނެނީ 23 އަހަރާއި 40 އަހަރާ ދެމެދުގެ ދިވެހި ފިރިހެނުންނެވެ.

މި ހިނގާ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ މިއޮޕަރޭޝަންގައި މިހާތަނަށް ގާތްގަނޑަކަށް 98.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށާއި އޭގެތެރޭގައި އެމް.ޑީ.އެމް.އޭ އާއި، އެމްފިޓަމިން އާއި ހެރޮއިން ހިމެނޭކަމަށް ފުލުހުން ވިދާޅުވިއެވެ.

މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވެފައިވާކަމަށް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައިވާ ޢަބްދުﷲ އިބްރާހީމް އަކީ 2019 ޖުލައި 30 ވަނަދުވަހު ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރުމަށްފަހު ތަހުގީގު ފުރިހަމަކޮށް މައްސަލަ ޕީޖީއޮފީހަށް ފޮނުވުމުން މައްސަލަ ކޯޓަށް ވައްދާފައިވަނިކޮށް 2019 ސެޕްޓެމްބަރ 30 ވަނަދުވަހު ކްރިމިނަލް ކޯޓުން ދޫކޮށްލާފައިވާ މީހެއްކަމަށާއި، އޭނާއަކީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރުމުގެ ކުށުގެ ރެކޯޑް އާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮންނަ ފަރާއްކަމަށް ފުލުހުން ފާހަގަކުރެއެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ޢަބްދުﷲ އިބްރާހީމް އާއި ސ. ހިތަދޫ ކޯޅި، އުމުރުން 23 އަހަރުގެ މުޙައްމަދު ޔާމީން ނަޞީރުގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަނދުގައި ބެހެއްޓުމަށްވަނީ އަމުރު ކޮށްފައެވެ. މި މައްސަލާގައި ތުހުމަތު ކުރެވުނު އެހެންމީހުންގެ ތެރެއިން މިހާތަނަށް މުއްދަތު މަޖްލިސް ނިމުނު މީހުންގެ ބަންދަށް 5 ދުވަސް ކޯޓުން ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުންގެ އިންޓަލިޖަންސްއިން ހޯދާފައިވާ މައުލޫމާތުގެ އަލީގައި މިމަހުގެ ފުރަތަމަ ދުވަހުންފެށިގެން ފުލުހުންދަނީ އައްޑޫސިޓީގައި މަސްތުވާތަކެތީގެ ޚާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންދަމުންނެވެ. މިއޮޕަރޭޝަނަކީ ބޭރުގެ އެއްވެސް އެޖެންސީއަކުން ދީފައިވާ މައުލޫމާތަކަށް ހިންގާފައިވާ އޮޕަރޭޝަނެއް ނޫންކަން ފާހަގަކުރަމެވެ.

އޭގެ އިތުރުން، މި އޮޕަރޭޝަންގައި ދިވެހި ފުލުހުން ހޯދި މަސްތުވާތަކެތީގެ މައުލޫމަތު މިހާރުވާނީ ބައިނަލްއަގުވާމީ މަސްތުވާތަކެތީގެ ވިއުގަތަކާ ހުރިގުޅުން އޮޅުންފިލުވުމަށްޓަކައި އާންމު އުސޫލުން، ބައިނަލްއަގުވާމީ ބައެއް ފަރާތްތަކާ ހިއްސާކޮށްފައިކަމަށާއި މިއޮޕަރޭޝަންގެ ދަށުން އައްޑޫ ސިޓީގެ ބައެއް ތަންތަން ބަލައި ފާސްކުރުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވިއެވެ.