ކުޅިވަރު

ލާޒިއޯއިން އިންޓަ ހިފެހެއްޓިއިރު، އެޓްލާންޓާއަށް ބޮޑު މޮޅެއް


އިޓާލިއަން ލީގުގައި އިންޓަރ މިލާނާއި ލާޒިއޯ ކުޅުނު މެޗު އެއްވަރުވިއިރު އެޓްލާންޓާއިން ލީގުގައި ބޮޑު މޮޅެއް ހޯދައިފިއެވެ.

ލާޒިއޯ އާ އިންޓަ މިލާން ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދީ އިންޓަރ މިލާނުންނެވެ. މިލަނޑު މެޗުގެ 30 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ލައުޓަރޯ މާޓިނޭޒްއެވެ. މެޗުގެ ނަތިޖާ ލާޒިއޯއިން ހަމަހަމަކުރީ މިލްނޮވިޗް ސަވިޗް 55 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ.

ލާޒިއޯއިން ނަތީޖާ ހަމަހަމަ ކުރިތާ 14 މިނެޓު ފަހުން އެޓީމުގެ ޗިރޯ އިމޮބިލޭ އަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ. މެޗު ނިމެން ތިންމިނެޓަށް ވެފައިވަނިކޮށް އިންޓަ މިލާނުގެ ސްޓެފަނޯ ސެންސީއަށް ވެސް ވަނީ ރަތްކާޑު ދައްކާފައެވެ.

އިޓާލިއަން ލީގުގައި ރޭ އެޓްލާންޓާއިން ވަނީ އެޓީމު ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައަށް ކުރިޔަށް ޖެހިލާފައެވެ. އެޓްލާންޓާ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ކަލިއޭރީއާ ވާދަކޮށް 5-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން 7 ވަނަ މިނެޓުގައި އެޓްލާންޓާގެ ލުއިސް މުރިއެލް ލަނޑެއް ޖަހައި ކުރި ހޯދާފަވަނިކޮށް 24 ވަނަ މިނެޓުގައި ކަލިއޭރީގެ ޑިއެގޯ ގޯޑިން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން އެޓްލާންޓާއިން ހަތަރު ލަނޑު ކާމިޔާބުކުރިއެވެ. މި ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ޕަޕޫ ގޯމޭޒް އަދި މާރިޔޯ ޕަސަލިޗްގެ އިތުރުން ޑުވާން ޒަޕާޓާއެވެ.

އެޓްލާންޓާގެ ފަސް ވަނަ ލަނޑު ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ސެމް ލަމާސޭއެވެ. ކަލިއާރީގެ ދެވަނަ ލަނޑު ދެވަނަ ހާފްގެ ކުރީކޮޅު ކާމިޔާބުކޮށްދިނީ ޖާއޯ ޕެޑްރޯއެވެ.
މިހާތަނަށް ލީގުގައި ކުޅުނު ތިން މެޗު އެޓްލާންޓާއިން ކާމިޔާބުކުރި އިރު އެޓީމުން ވަނީ 13 ލަނޑު ޖަހާފައެވެ.

ރޭ އިޓާލިއަން ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބެނެވެންޓޯ 0-1 އިން ބޮލޯނާގެ މައްޗަށް ކުރި ހޯދިއިރު ޕާމާއިން ވަނީ ވެރޯނާގަ މައްޗަށް 1-0 އިން ކުރި ހޯދާ ލީގުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

އިޓާލިއަން ލީގުގެ އެއްވަނައިގައި 9 ޕޮއިންޓާއެކު އެޓްލާންޓާ އޮތްއިރު ދެވަނައިގައި އޭސީ މިލާންވެސް އޮތީ 9 ޕޮއިންޓާއެކުއެވެ. އެޓްލާންޓާއަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ. އިންޓަމިލާން އޮތީ 7 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. ލާޒިއޯ އޮތީ 4 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައެވެ.