އަނިޔާގެ ސަބަބުން ހަތަރު މަސް ކުޅުމާ ދުރުގައި ހުރުމަށްފަހު ފުރަތަމަ ފަހަރަށް މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި ސާޖިއޯ އަގުއޭރޯ ބައިވެރިވާން ފަށައިފިއެވެ.
އޭނާ ވަނީ އިއްޔެ ކުރިޔަށްދިޔަ މެންޗެސްޓަރ ސިޓީގެ ފަރިތަކުރުންތަކުގައި ބައިވެރިވެފައެވެ.
ކުޅުންތެރިޔާއަށް އަނިޔާވެފަ ވަނީ މިދިޔަ ޖޫން މަހު ލީގުގައި ބާންލީއާ ދެކޮޅަށް ކުޅެނިކޮށެވެ. އަނިޔާގެ ސަބަބުން ސާޖަރިއަށްފަހު ފަރިތަކުރަމުން ދަނިކޮށް އަނެއްކާވެސް އަނިޔާވެ އަގުއެރޯ ކުޅުމާ ދުރަށްދާން ޖެހުނެއެވެ. އަގުއޭރޯގެ އަނިޔާ އާ ގުޅިގެން ސިޓީން ފޯވާޑެއްގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ ބްރެޒިލްގެ ޖެސޫސްއެވެ.
ގައުމީ ޓީމުގެ މެޗުތަކަށްފަހު މިމަހު 17 ގައި އަލުން ލީގުގެ ކުޅުން ފަށާއިރު މި ދެ ކުޅުންތެރިން ވެސް ފެންނާނެކަމަށް ސިޓީއާ ހަވާލާދީ އިނގިރޭސި މީޑިޔާތަކުން ރިޕޯޓްކުރެއެވެ. ސިޓީން ސީޒަން ފަށާފައިވަނީ އަނިޔާ އާއި ކޮވިޑަށް ޕޮޒިޓިވް ކުޅުންތެރިންނާއެކު ފުރަތަމަ ޓީމުގެ ހަތް ކުޅުންތެރިން ނުލައެވެ. ގުންޑޮގާން ވެސް ވަނީ މިހާރު ކޯވިޑް-19 އިން ރަނގަޅުވެ ޓީމުގެ ތަމްރީންތަކުގައި ބައިވެރިވާން ފަށާފައެވެ.
ޖާއޯ ކެންސެލޯ ވަނީ މިވަގުތު ގައުމީ ޓީމާ ގުޅިފައެވެ. އައިސޮލޭޝަން މުއްދަތައް ފަހު ރިޔާދް މާރޭޒް އިތުރުން އައިމެރިކް ލަޕޯޓް ވަނީ ޓީމާ ގުޅިފައެވެ. މި ހުރިހާ ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ މެޗުތަކަށްފަހު ސިޓީގެ ވަރުގަދަ ކުޅުން ފެންނާނެ ކަމަށް ބެލެވެއެވެ.
ގައުމީ ޓީމުގެ މެޗުތަކަށް ލީގު މެދު ކަޑާލިއިރު ތިން މެޗުން ހޯދި ހަތަރު ޕޮއިންޓާއެކު ސިޓީ އޮތީ ލީގުގެ 14 ވަނައިގައެވެ.