ކުޅިވަރު

މިއީ ރަށުން ބޭރުގައި ލިވަޕޫލުން ދެއްކި އެންމެ މޮޅު ކުޅުން: ކްލޮޕް


އިނގިރޭސި ޕްރިމިއަރ ލީގުގައި އަވެއްޓެރި އެވަޓަންއާ ކުޅެ އެއްވަރުވި މެޗަކީ އޭނާގެ ކޯޗަކަމުގައި ލިވަޕޫލުން ރަށުން ބޭރުގައި ކުޅުނު އެންމެ މޮޅު މެޗުކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކުލޮޕް ބުނެފިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ ލިވަޕޫލުން ދެއްކީ އެންމެ މަތީ ފެންވަރުގެ ކުޅުމެއް ކަމަށާއި ދެޓީމުން ވެސް މެޗުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށެވެ. އޭނާ ބުނީ މެޗުގައި ފުރިހަމަ ބާރުއޮވެ ކޮންޓްރޯލްކޮށްގެން ކުޅުނީ އޭނާގެ ޓީމުން ކަމަށާއި އެއީ ވަރަށް ސާފުކޮށް އެނގެން އޮތްކަމެއްކަމަށެވެ. އިއްޔެ ލިވަޕޫލްގެ ކޯޗެއްގެ ގޮތުގައި ފަސް އަހަރު ފުރުނު ކުލޮޕް ބުނީ އޭނާ ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވިފަހުން މިހާ މޮޅަށް ރަށުން ބޭރުގައި ލިވަޕޫލުން ނުކުޅޭކަމަށެވެ.

އޭނާ ބުނީ މެޗުގެ ފަހަކޮޅު ލިވަޕޫލުން ޖެހި ލަނޑު އޮފްސައިޑް ވާނެ އެއްވެސް ގޮތެއް އޭނާއަށް ގަބޫލްނުކުރެވޭ ކަމަށާއި އެކަމުގެ ތަފްސީލް އޭނާ ބޭނުންވާކަމަށެވެ. ކްލޮޕް ބުނީ މިހާރު މެޗު އޮތީ ނިމިފަކަމަށާއި ނަތީޖާއަކީ ބަދަލުކުރެވޭނެ އެއްޗެއް ނޫންކަމަށެވެ. މެޗުން ޕޮއިންޓެއް ލިބުނަސް އެއައްވުރެއް އިތުރަށް ލިވަޕޫލަށް ހައްގަކުމަށް 30 އަހަރަށްފަހު މިދިޔަ ސީޒަންގައި ލިވަޕޫލަށް ލީގު ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

މެޗުގައި އެވަޓަންއަށް ނަތީޖާ ހަމަހަމަ ކުރެވުނީ އެޓީމުގައި ހުރި ހުނަރުވެރި ކުޅުންތެރިއެއްގެ މަސައްކަތުންކަން ކްލޮޕްވަނީ ފާހަގަކޮށްފައެވެ. 2010 ވަނަ އަހަރު އޮކްޓޯބަރު 17 ވަނަ ދުވަހުގެ ފަހުން ލިވަޕޫލަށް އެވަޓަންގެ ދަނޑުގައި އެޓީމުގެ މައްޗަށް ކުރި ހޯދިފައެއްނުވެއެވެ.