ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި ބްރޫޝިޔާ މުންޗެންގްލަޑްބެކާ ދެކޮޅަށް ދެއްކި ފަދަ ކުޅުމެއް މުބާރާތުގައި ކުރިޔަށްހުރި މެޗުތަކުގައި ދައްކައިފި ކަމުގައިވާނަމަ ރެއާލްމެޑްރިޑް މުބާރާތުގެ ދެވަނަ ބުރަށް ކޮލިފައިވާނެކަމަށް އެޓީމުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނެފިއެވެ.
މެޗަށްފަހު ވާހަދައްކަމުން ޒިދާން ބުނީ މެޗުގެ ނަތީޖާއިން ޓީމުގެ ފެންވަރު ވަޒަންކުރެވިއްޖިކަމަށާއި މި މެޗުން ޓީމަށް މޮޅެއް ހައްގުކަމަށެވެ. އަދި މެޗުން ޓީމަށް ލިބުނީ މުހިންމު ޕޮއިންޓެއް ކަމަށް ޒިދާން ބުނިއެވެ. އޭނާ ބުނީ މެޗުގައި މޮޅަށް ކުޅުނީ ރެއާލްމެޑްރިޑުން ކަމަށާއި ކޮންމެ ވެސް ކަމެއް ޓީމުގައި މަދުވެގެން މެޗުން މޮޅުނުވެވިދިޔައީ ކަމަށެވެ. ކުޅުންތެރިޔެއް އަދި ކޯޗެއްގެ ގޮތުގައި މުބާރާތުގެ ތަށި ރެއާލްއާއެކު އުފުލާލި ކޯޗު ބުނީ މި މުބާރާތުގައި ފައްސޭހަ އެއްވެސް މެޗެއް ނެތްކަމަށާއި މެޗުން ވަރަށްގިނަ ރަނގަޅުކަންކަން އޭނާގެ ޓީމުގެފަރާތުން ފާހަގަވިކަމަށެވެ.
ޒިދާން ބުނީ މިމެޗުގައި ކުޅުނު ކުޅުން ކުރިޔަށްހުރި މެޗުތަކުގައި ދެއްކިއްޖެ ކަމަށްވާނަމަ ރެއާލްއިން ދެވަނު ބުރު ޔަގީންކުރާނެ ކަމާމެދު ޝައްކުނުކުރާނެ ކަމަށެވެ. މިއަހަރަކީ އެއްވެސް ކުލަބަކަށް ފަސޭހަ އަހަރަކަށް ނުވާނެކަމަށް ރެއާލްމެޑްރިޑުގެ ކޯޗު ބުންޏެވެ. މެޗުން ލިބުނު ޕޮއިންޓާއެކު މެޑްރިޑު އޮތީ ދެމެޗުން ހޯދި އެއްޕޮއިންޓާއެކު ގުރޫޕްގެ ފުލުގައެވެ.