ދުނިޔެ

އިޓަލީގައި އެއްދުވަސް ތެރޭގައި ބަލިޖެހުނު މީހުންގެ ޢަދަދު ރެކޯޑު މިންވަރަކަށް އިތުރުވެއްޖެ


އިޓަލީވިލާތުގައި ދުވާލެއްގެ މައްޗަށް ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ރެކޯޑު ޢަދަދަކަށް އިތުރުވެއްޖެއެވެ. މީގެ ކުރިން ކޯވިޑް-19ގެ ސަބަބުން ޙާލަތު އެންމެ ބޮޑަށް ގޯސްވި އެއް ޤައުމުކަމުގައިވާ އިޓަލީވިލާތުގައި މިހާތަނަށް 589،766 މީހުންނަށްވަނީ ބަލިޖެހިފައެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި 24،991 މީހުންނަށް ބަލިޖެހި 221 މީހުންވަނީ މަރުވެފައެވެ. އެއީ މިހާތަނަށް އެއްދުވަސް ތެރޭގައި އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް އެ ޤައުމުގައި ބަލިޖެހުނު ޢަދަދެވެ. އިޓަލީވިލާތުގައި މިހާތަނަށް ޖުމްލަ 37،905 މީހުން މަރުވެފައިވާއިރު އެ ޢަދަދަކީ އިނގިރޭސިވިލާތަށްފަހު ވިލާތުގެ ޤައުމެއްގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވާ ޢަދަދެވެ.

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އިޓަލީވިލާތުގެ ހަސްފަތާލުތަކުގައި ކޯވިޑް-19އަށް ފަރުވާ ދިނުމަށް 1،151 މީހުންވަނީ އެނދުމަތިކޮށްފައެވެ. އެއާއެކު މިވަގުތު ހަސްފަތާލުތަކުގައި ކޯވިޑް-19އަށް ފަރުވާ ހޯދަމުންދާ މީހުންގެ ޖުމްލަ ޢަދަދުވަނީ 16،517އަށް އިތުރުވެފައެވެ. އޭގެ ތެރެއިން 1،536 މީހުންނަށް ފަރުވާ ދެމުން ދަނީ އައިސީޔޫގައެވެ. އެ ޢަދަދަކީ މިދިޔަ މާރިޗު މަހުގައި އިޓަލީވިލާތް ފުރަބަންދުކޮށްފައި އޮތްއިރު އައިސީޔޫގައި އެއްފަހަރާ ފަރުވާ ދީފައިވާ މީހުންގެ ޢަދަދަށްވުރެ އިތުރު ޢަދަދެކެވެ. އިއްޔެ އެކަނިވެސް 125 މީހުންވަނީ އައިސީޔޫއަށް ބަދަލުކޮށްފައެވެ.

ބަލިފެތުރޭ މިންވަރު ދަށްކުރުމަށް އިޓަލީވިލާތުގެ ސަރުކާރުން މިދިޔަ ހަފުތާގެ ތެރޭގައިވަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރެސްޓޯރަންޓުތަކާއި ކެފޭތައް ބަންދުކުރާ ގަޑި އަވަސްކުރުމާއި ޖިމްތަކާއި ސިމަނާތަކާއި ތިއޭޓަރުތައް ބަންދުކުރުންވެސް ހިމެނެއެވެ.

ބަލީގެ ފުރަތަމަ ރާޅުގައި އެންމެ ޙާލަތު ގޯސްވި ލަމްބާޑީގައި ބަލިޖެހޭ މީހުންގެ ޢަދަދުވެސްވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ދެވަނަ ރާޅުގައިވެސް އެންމެ ބޮޑަށް އަސަރުކުރަމުންދަނީ އިޓަލީވިލާތުގެ ވިޔަފާރި މަރުކަޒު މިލާން ހިމެނޭ ލަމްބާޑީއަށެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ސަރަޙައްދުން 7،558 މީހުންނަށްވަނީ ބަލިޖެހިފައެވެ. ދެވަނައަށް އެންމެ ހަލުވިކޮށް ބަލިފެތުރޭ ޕިޑުމޮންޓު ސަރަޙައްދުގައި އިއްޔެ ބަލިޖެހިފައިވަނީ 2،827 މީހުންނަށެވެ.

ޞިއްޙަތާއި ބެހޭ ވުޒާރާގެ މުޝީރެއްކަމަށްވާ ވޮލްޓާ ރިކިއާޑީވަނީ މިލާނާއި އުތުރުގެ ސިޓީއެއްކަމަށްވާ ނޭޕްލްސް ފުރަބަންދުކުރަން ޖެހޭކަމަށްވަނީ ވިދާޅުވެފައެވެ. ނަމަވެސް ދެ ސީޓީގެ މޭޔަރުންވެސްވަނީ އެ ހުށަހެޅުން ބަލައިނުގަތުމަށް ސަރުކާރުގައި އެދިފައެވެ.